ކޮވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ ޢިނާޔަތެއް ދައުލަތުން ދޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އެލެވަންސް ދޭނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށްކަމަށެވެ.
ނަމަވެސް ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ އެލެވެންސްގެ ޢަދަދު މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ވަޒީފާ ގެއްލޭ މިހުން ރަޖިސްޓްރިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ރިސޯޓުތަކުން ވަޒީފާ ގެއްލުން މީހުންގެ އަދަދެއް "ޓީމް" އިން ހިއްސާކޮށްފައި އެބައޮތް ކަމަށެވެ.
ސަރުކާރުން އިލްތިމާސްކުރައްވަނީ ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށެވެ. މިހާތަނަށް އެ ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވަނީ 292 މީހުންނެވެ.
އެގޮތުން އަންނަ ހަފްތާއިންފެށިގެން ސަރުކާރުގެ "ސްޓިމިއުލަސް ޕެކޭޖު"ގެ ފައިސާ ދޫކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އިޢުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ "ސްޓިމިއުލެސް ޕެކޭޖް"އިން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންދިނުމުންކަމަށެވެ. ނަމަވެސް ރިސޯޓްތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭނީ "ސްޓިމިއުލަސް ޕެކޭޖު"ގެ ތެރެއެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ފައިސާ ހޯދުމަށް ދެގޮތަކަށް މަސައްކަތްކުރައްވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއްގޮތަކީ ދިވެހި ސަރުކާރުން ބޭރުގެ ގައުމުތަކާ މަޝްވަރާކޮށް ފައިސާ ހޯދުމާއި ދެވަނަ ގޮތަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި މަޝްވަރާކޮށްގެން ފައިސާ ހޯދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 150 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭނެކަމަަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ. މިނިސްޓަރ ވަނީ ބާކީ އޮތް އަދަދުވެސް ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.