twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހުޅުވީތާ މަހެއް ނުވަނީސް ކުޅުދުއްފުށީ ފްލޫ ކްލިނިކަށް 138 މީހުން ދައްކައިފި

- މަހެއް ނުވަނީސް 138 މީހަކު ވަނީ ކުލިނިކަށް ދައްކާފަ
- އަތޮޅުތެރެއިން އެންމެ ގިނަ މީހުން ދައްކާފައިވަނީ މި ކުލިނިކަށް

އަބްދުލް ވާހިދު ޙަސަން
Apr 5, 2020

ކޮވިޑް-19 ޓާސްކް ފޯސްއިން ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގައި ގާއިމުކޮށްފައިވާ ފްލޫ ކުލިނިކަށް އިއްޔެގެ ނިޔަލަށް 138 މީހަކު ޑޮކްޓަރަށް ދައްކާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) ހާމަކޮށްފި އެވެ.

ދުނިޔޭގައި މި ވަގުތު ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކުޅުދުއްފުށިގައި ގާއިމުކުރި މި ފްލޫ ކުލިނިކް ހުޅުވައި ހިދުމަތްދޭން ފަށާފައިވަނީ މި މާރޗުމަހު 21 ވަނަ ދުވަހު އެވެ.

ކޭއާރުއެޗުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، މިހާތަނަށް 138 މީހަކު އެ ކުލިނިކުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ.

މާރޗުމަހު 122 މީހުން ދެއްކިއިރު މިމަހުގެ މިހާތަނަށް 16 މީހުން ދައްކާފައިވާ ކަމަށެވެ. ފްލޫ ކުލިނިކަށް މިހާތަނަށް ޑޮކްޓަރަށް ދައްކާފައިވަނީ 70 ފިރިހެނުންނާއި 68 އަންހެނެކެވެ.

އަހުމަދު ވިދާޅުވީ، އެއްވެސް ފަރާތަކުން ޓްރެވަލް ހިސްޓްރީއެއް އޮވެފައި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލަށް ނުވަތަ ކުލިނިކަށް އައުމުގެ ކުރިން ވީހާވެސް އަވަހަށް އެތަނަށް ގުޅާ ރިޕޯޓްކުރުމަށް އެދިލެއްވި އެވެ. ކޭއާރުއެޗުގެ ކޮވިޑް-19 ހެލްޕް ލައިން ނަމްބަރަކީ 7606688 އެކެވެ.

އޭނާ ވިދާޅުވީ ބިދޭސީންނަށްވެސް ހިލޭ ކުލިނިކުން ފަރުވާ ލިބޭނެ ކަމަށެވެ. ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 – 12:00 އަދި މެންދުރު ފަހު 13:00 ން ހަވީރު 15:00 އަށެވެ.

މި ކްލިނިކަށް ދައްކާނީ ރޯގާޖެހި ހުން އަންނަތާ 4 ދުވަސް ނުވާނަމައެވެ. 4 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެއްނަމަ ޑޮކްޓަރަށް ދައްކާނީ ހޮސްޕިޓަލަށްކަމަށެވެ. އަދި މި ދުވަސްވަރު ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހިގެން މެނުވީ ނައުމަށާއި މި ބަލިމަޑުކަން ރަށުގައި ފެތުރުނަ ނުދިނުމަށްޓަކައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް އަހުމަދު ވަނީ އިލްތިމާސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355