މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް ހިމަނައި ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވަގުތީ ގާނޫނުގެ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނިމި ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލު ވުމުން އެ ގާނޫނު އުވިގެން ދާނެ އެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލުތަކުގެ ދައުރު ހަމަވެ ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ގޮސްދާނެތީ ކަމަށް ބިލުގައި ބުނެ އެވެ.
ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވަގުތީ ގާނޫނެއް ހަސަން ލަތީފު ހުށަހެޅުއްވީ، ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ވެސް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް މި ދަނޑިވަޅުގައި ގާނޫނު އަސަސީ އިސްލާހު ކުރަން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ.
އެގޮތުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް އެ މެންބަރުން ދެކޮޅެވެ. އެ މެންބަރުންގެ ވިސްނުމާއި އަމާޒު ހުންނެވީ ރައީސް އައްޔަން ކުރާ ބަޔަކު ކައުންސިލްތަކާ ވަގުތީ ގޮތުން ހަވާލުވާށެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ ބައެއް މެންބަރުންގެ ކަންބޮޑުވުން ވެސް އޮތުމާއެކު ހަސަން ލަތީފު ވަނީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއްގައި ބަޔާން ކޮށްގެން އެ މައްސަލަ ހައްލު ކުރެވެން އޮތް ކަމަށް ވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވެފަ އެވެ.