twitterviber whatsapp telegramfacebookyoutube instagram
9th August 2026

24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފި

Apr 15, 2020

ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފި އެވެ. މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި މިވަގުތުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މިވަނީ ލޮކްޑައުންކޮށްފަ އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅު ވެސް ވަކި ގޮތެއް އަންގަން ބަންދުކޮށްފައިވާ ކަމަށެވެ.

މި ސަރަހައްދުތަކުގައި މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް ނުކުތުން ވެސް މަނަލެވެ. މީގެއިތުރުން މާލެ އާއި ހުޅުމާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވަނީ ހުއްޓާލަން އަންގައިފަ އެވެ. އަދި މި ސަރަހައްދުތަކަށް މީހުން އަރައި ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވަނީ ލޮކްޑައުންގެ ހާލަތުގައި އިސްތިނާވާނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުންނަށް އެކަނި ކަމަށެވެ.

ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުންކަމަށް އެ އެންގުމުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355