އިބްރާހީމް ހަމީދު
ކުޅުދުއްފުށީ ހަވީރީނާޒް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހަވީރީނާޒް ގޭގެ ހުޅަނގުފަރާތު އިންފާރުގެ މައްޗަށް ލަކުޑި އާއި ފަނުން ހަދާފައިހުރި ބައިގައި ރޯވެ ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ރޭ ހިނގި މިހާދިސާގައި ގޭގެ ހުޅަނގު ބިތުގެ ބައެއްގައި ރޯވިއިރު މާގިނައިރުތަކެއް ނުވެ އަލިފާންގަނޑުވަނީ ނިންވާލާފައެވެ.
ކުޅުދުއްފުށީ ހަވީރީނާޒްގެއިން މައުލޫމާތު ދިން މުހައްމަދު ނަސީރު ކިޔައިދިންގޮތުގައި އޭނާ ރޭ އިޝާނަމާދަށް ދިއުމަށްޓަކައި ގެއިން ނުކުތްއިރު އަލިފާނުގެ އެއްވެސް ކަމެއް ހިނގާފައިނުވާކަމަށްވެއެވެ. އެހެންނަމަވެސް ގެއިން ބޭރުގައި އުޅެނިކޮށް ގޭގައި ރޯވެފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން އެނބުރި އައިއިރު އަވަށްޓެރިންގެ އެހީތެރިކަމާއެކު އަލިފާންގަނޑު އިތުރަށް ބޮޑުނުވަނީސް ނިއްވާލާފައިކަމަށް މުހައްމަދު ނަސީރު މައުލޫމާތު ދިނެވެ. މުހައްމަދު ނަސީރު ތުހުމަތު ކުރާގޮތުގައި މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ އަމަލެކެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ، ރޭ އިރާކޮޅު ކުޅުދުއްފުށީ ހަވީރީނާޒް ގައި އަލިފާނުގެ ހާދިސާއެއް ހިނގަން ދިމާވި ސަބަބެއް އަދި މުޅިން ކަށަވަރު ނުވާކަމަށެވެ.
ފުލުހުން ގެންދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.