twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޑް-19: ކަށުކަމާކެމީގެ ކަންތައްތަކަށް ކުޅުދުއްފުށިން މީހުން ތަމްރީންކޮށްފި

- ހިނެވުމުގެ ބަދަލުގައި ކުރާނީ ތަޔައްމަމު
- ކަށުނަމާދު ކުރަން ޖެހޭނީ ސަހަރާގައި
- މަންމަ އާއި ދަރިފުޅު/ ބައްޕަ އާއި ދަރިފުޅު އެއް ސަންދޯކަކަށް ލެވިދާނެ

އަބްދުލް ވާހިދު ޙަސަން
Apr 23, 2020

ކޮވިޑް-19 ގެ ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީ ކަންތައް ކުރިއަށްގެންދާނެ ގޮތުގެ ސެޝަންއެއް ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފި އެވެ.

އިޖުތިމާއީ ގައިދުރުކަން އިސްކޮށް ކުރިއަށްގެންދިޔަ މި ސެޝަންގައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ހިނަވާނެ ގޮތާއި ވަޅުލުމުގައި ގެންގުޅޭނެ ގޮތް ކިޔާދީފައި އެވެ.

އެގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުންކުރުމުގެ ބަދަލުގައި ޖެހޭނީ ތަޔައްމަމު ކުރަންށެވެ. ބޮޑީ ބޭގް ނުވަތަ ފޮތިގަނޑުގެ މަތިން ތަޔައްމަމު ކޮށްގެންނުވާނެކަމަށް މިނިސްޓްރީ ބުނެ އެވެ. އެއީ ސިއްހީ މާހިރުން އެގޮތަށް ލަފާ ދެއްވާފައިވާތީ އެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ ތަޔައްމަމު ކުރާނީ އާންމުކޮށް ކުރާގޮތަކަށް ނޫންކަމަށާއި މިހާލަތާ ގުޅިގެން ހާއްސަ ގޮތަކަށް ކަމަށެވެ.

މައްޔިތާ ސާފު ފޮތިގަނޑެއްގައި އޮޅާލައި ކަފުން ކުރަންވާނެ ކަމަށާއި ޒަރޫރީ ހާލަތެއް ނެތް ނަމަ ސަންދޯކަށް ލުމަށްފަހު ހުރިހާ ފަރާތެއްގައި ފިލާ ޖަހަންވާނެ ކަމަށެވެ. މަންމަ އާއި ދަރިފުޅު ނުވަތަ ބައްޕަ އާއި ދަރިފުޅު އެއް ސަންދޯކަކަށް ލެވިދާނެކަމަށެވެ.

ސެޝަންގައި ބުނީ، ބޮޑު އެއްވަޅުގަނޑަށް އެއް ސަންދޯކަކަށްވުރެ ގިނަ ސަންދޯއް ލެވިދާނެކަމަށާއި އާއިލާ މީހުންނަށް މައްޔިތާ ކަށަވަރުކުރުމަށްޓަކާ ސަހަރާއަށް ގެންގޮސް މޫނު ދެއްކި ދާނެ ކަމަށެވެ. ކަށުނަމާދު ކުރާނީވެސް ސަހަރާގައި ކަމަށެވެ.

ވަޅުލުމުގައި ސިއްހީ ނުރައްކަލެއް ނެތްކަމުގައިވާތީ މައްޔިތާ ވަޅުލަންވާނީ ސަހަރާގައި ކަމަށެވެ، އަދި ކަށުކަމާކެމީގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންވާނެކަމަށް ސެޝަންގައި ކިޔާދީފައިވެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަންގައި 20 ޖަމާއަތްތެރިން ވަނީ ބައިވެރިވެ އެވެ. އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ކުރިއަށްގެންދިޔަ މި ސެޝަންގައި ކޭއާރުއެޗުގެ ޒިންމާދާރުވެރިޔާ ހަދީޖާ އަލީ އާއި ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރު އަބުދުﷲ އާދަމް އާއި އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބުރާހިމާއި ރެޑްކުރެސެންޓްގެ ފަރާތުން އިބުރާހިމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީ ބުނެފައިވަނީ މިއީ މެޑިކަލް ޑޮކްޓަރުންގެ ލަފާގެ މަތިން ދީނީ އިލްމުވެރިން ނިންމާފައިވާ ނިންމުތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355