twitterviber whatsapp telegramfacebookyoutube instagram
30th March 2024

ގާނޫނީ ކޮލަމް: އެއްބާރުލުން ނުދޭނަމަ ނަން ހާމަކޮށްފާނެ!

Apr 23, 2020

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޢާލަމީ ވަބާގެ ނުރައްކާ، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިވަނީ އިންތިހާއަށް ގޮސްފައެވެ. މިފަދަ ޚައްޞާޞް ދަނޑިވަޅެއްގައި މުޖްތަމަޢުގެ އެންމެހާ އަފްރާދުންގެ ރައްކާތެރިކަމަށްޓަކައި، އާންމުކޮށް ޢަމަލުކުރާ އުޞޫލުތަކާއި ޚިލާފަށް ބައެއް ކަންކަން ކުރަންޖެހޭނެކަން މިދަނީ މިޙާލަތުގައި އަޅުގަނޑުމެންނަށް ފެންނަމުންނެވެ. މިގޮތުން، ޑޮކްޓަރުންނާއި ބަލިމީހުންނާއި ދެމެދުގައި އޮންނަ ކޮންފިޑެންޝިއަލިޓީ، ނުވަތަ ސިއްރު ހިފެހެއްޓުމުގެ ވާޖިބާއި ޚިލާފަށް، ކަމާބެހޭ ފަރާތްތަކުން ނެރޭ ޤަވާއިދަކުން ނުވަތަ އުޞޫލަކުން، ބަލިމީހާގެ މަޢުލޫމާތު ހާމަކުރުމަށް ޤާނޫނީގޮތުން ހުއްދަލިބި، ހާމަކުރަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވެދާނެއެވެ. ވީމާ، މިކަމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ނަން ހާމަކުރުމުގެ ބާރު

ސިއްޙަތަށް ނުރައްކާތެރި ބައްޔެއް، ނުވަތަ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް މުޖްތަމަޢުގައި ފެތުރެމުންދާ ޙާލަތެއްގައި، އެފަދަ ބައްޔެއް ފެތުރުނަދިނުން ހުއްޓުވުމުގެ ނުވަތަ މަދުކުރުމުގެގޮތުން، އެބަލި ޖެހިފައިވާ މީހެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވަނީ، ހަމައެކަނި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ހަނދާނުގައި ބަހައްޓަންވީކަމަކި، މިފަދަ ޙާލަތެއްގައި މިއީ ހަމައެކަނި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރެއްކަމުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ރަސްމީކޮށް އަންގާފައިނުވާހިނދު، އެއްވެސް އާންމު ފަރުދަކަށް ނުވަތަ ޚަބަރުފަތުރާ ވަސީލަތަކަށް، އެހެން ބަލިމީހެއްގެ މަޢުލޫމާތު ފާޅުކުރުމުގެ ބާރު ލިބިގެންނުވާކަމެވެ. މިސާލަކަށް، ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ފައްސިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުންނުދޭ މީހެއް ކަމުގައިވިޔަސް، އެފަދަ ބަލިމީހެއްގެ މަޢުލޫމާތު އެއްވެސް އާންމު ފަރުދަކު، ނުވަތަ ޚަބަރުފަތުރާ ވަސީލަތަކުން މީސްމީޑިއާގައި އާންމެއް ނުކުރެވޭނެއެވެ.

ނަން ހާމަކުރެވޭނެ ޙާލަތްތައް

މުޖްތަމަޢުގައި ނުރައްކާތެރި، ނުވަތަ ގައިންގަޔަށްއަރާ ބައްޔެއް ފެތުރެމުންދާ ދަނޑިވަޅެއްގައި، އެބަލި ޖެހިފައިވާ ނުވަތަ އެބައްޔަށް ޝައްކުކުރެވޭ މީހަކު ކަރަންޓީނުކުރުމަށް، ނުވަތަ އެކަހެރިކުރުމަށް އަންގާ އެންގުމަކާ ޚިލާފުވެއްޖެނަމަ، އެފަދަ މީހެއްގެ ނަން ހާމަކުރެވިދާނެއެވެ. އަދި އެފަދަ ބައްޔެއް ފެތުރެމުންދާ ޙާލަތެއްގައި، މަރުވެފައިވާ މީހަކު މަރުވެފައިވަނީ އެބަލީގައިކަން މަރުގެ ސެޓްފިކެޓުން ކަށަވަރުވާން އޮންނަ ހިނދު، އާންމު ސިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެމައްޔިތާގެ ނަންވެސް ހާމަކުރުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިދީފައިވެއެވެ. ނަމަވެސް މިފަދައިން ބަލިމީހާގެ ނަން ހާމަކުރަންވާނީ، އާންމު ސިއްޙަތަށް ސީދާގޮތެއްގައި ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކަށީގެންވާ ހެކިއޮވެ އެ ހެކީގެ މައްޗަށް ބިނާކޮށް، އެކަންކޮށްގެން އާންމު ސިއްޙަތު ރައްކާތެރިކުރެވޭނެ މިންވަރަށް އެކަންޏެވެ. ބައްޔަށް ފައްސިވެފައިވާ މީހަކު ކޮންޓެކްޓުވެފައިވާ މީހުންގެ މަޢުލޫމާތު، ނުވަތަ މިނޫންވެސް ދޭންޖެހޭ މަޢުލޫމާތު ދިނުމަށް އިންކާރުކުރުން ނުވަތަ ދޮގު މަޢުލޫމާތު ދީފިނަމަ، އެބަލިމީހާއާއި ކޮންޓެކްޓުވީ މީހުން ހޯދުމަށްޓަކައި، އެބަލިމީހާގެ މަޢުލޫމާތު ހާމަކުރެވިދާނެއެވެ.

ނަން ހާމަކުރުމުގެ އުޞޫލު

ނަން ހާމަކުރެވޭނީ ނަން އާންމުކޮށް ހާމަކޮށްގެންމެނުވީ، އާންމު ސިއްޙަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް ބަލީގެ ނުރައްކާތެރިކަން ކުރިމަތިވެއްޖެކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެ ހިނދެއްގައި، ނަން ހާމަކޮށްގެން ބަލި ކޮންޓްރޯލް ކުރުމަށް ފުރުސަތު އޮތް މިންވަރެއް ބެލުމަށްފަހުގައެވެ. ހަމައެހެންމެ، ނަން ހާމަނުކޮށްފިނަމަ ކުރިމަތިވެދާނޭ ނުރައްކަލާއި، ނޭދެވޭ އަސަރަށްވެސް ރިޢާޔަތް ކުރަންޖެހޭނެއެވެ. މީގެ އިތުރުން، ނަން ހާމަކޮށްފިނަމަ ބަލިމީހާއާއި ގުޅުންހުރި ފަރާތްތަކަށާއި، އާންމު ފަރުދުންނަށް އެބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ހުޅުވިގެންދާނެ މިންވަރާއި، ބަލިމީހާއަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އަންގާ އެންގުންތަކަށާއި، އަޅާ ފިޔަވަޅުތަކަށް އެއްބާރުލުންދޭ މިންވަރަށްވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ރިޢާޔަތް ކުރަންޖެހޭނެއެވެ.

މަޢުލޫމާތު ހާމަކުރެވޭނެ މިންވަރު

ނުރައްކާތެރި ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްގެ މަޢުލޫމާތު ހާމަކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ފަރާތެއްގެ:

  • ފުރިހަމަ ނަމާއި އާންމު ނަން؛
  • ޤައުމު؛
  • ދާއިމީ އެޑްރެހާއި މިހާރު އުޅޭ އެޑްރެސް،ރަށާއި އަތޮޅު ހިމެނޭގޮތަށް؛
  • ފޮޓޯ؛
  • ވަޒީފާ އަދާކުރާތަން؛
  • ޖެހިފައިވާ ބަލީގެ ނަން، ނުވަތަ ބާވަތް

ހާމަކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. މިސާލަކަށް، ކޮވިޑް-19 ބަލީގެ ޝިކާރައަކަށް ވެފައިވާ މީހަކު، އައިސޮލޭޝަން ފެސިލިޓީއަށް ދިއުމަށް އިންކާރުކޮށް، ފިލައިގެން އުޅޭ ޙާލަތެއްގައި، އެމީހެއްގެ އިސްވެދެންނެވުނު މަޢުލޫމާތު ހާމަކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ނިންމުން

މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ އާލަމީ ބަލިމަޑުކަމުން އަރައިގަނެވޭނީ، އެބަލި އިތުރު ބަޔަކަށް ފެތުރުން ހުއްޓުވުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އަޅައިގެންނެވެ. މިފަދަ ޙާލަތެއްގައި، ކަމާބެހޭ ފަރާތްތަކުންނާއި ސިއްޙީ މާހިރުންގެ އެންގުންތަކާއި، ލަފާ އަދި އިރުޝާދާއި އެއްގޮތަށް އެމީހެއްގެ ޢަމަލުތައް ބެހެއްޓުމަކީ، މުހިންމު ކަމެއްގެގޮތުގައި ބަލައިގެންނެވެ. ބަލިމީހާގެ ބައެއް ޒާތީ މަޢުލޫމާތު ހާމަކުރަންޖެހުނު ކަމުގައިވިޔަސް، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަން އެކަށައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަންކަންކުރުމަކީ މުހިންމުކަމެކެވެ.

ލިޔުނީ: އަލްއުސްތާޛާ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355