ގިނަ މީހުންނަށް ހެނދުނު ހޭލައިގެން ކޮފީތަށްޓެއް ބޮއެގެން ނޫނީ އެއްވެސް ފައިދާ ހުރި ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. އަނެއް ބަޔަކަށް ކޮފީގެ އިތުރުން ސިނގިރޭޓެއް ރޯކޮށްނުލައި ދުވަސް ނުފެށެއެވެ. ކާ ކޮންމެ ފަހަރަކު ދުފާނުލައި ހިތްހަމަ ނުޖެހޭ މީހުންވެސް މަދެއް ނޫނެވެ. ދުފުމާއި ސިނގިރޭޓު ބުއިން ފަދަ ސިއްހަތަށް ގެއްލުންހުރި އާދަތަކަކާ އެކު ކޮފީ ބުއިމުގެ ވާހަކަ ގެނައުމުން އެއީ ކީއްވެގެންތޯ ފަހަރެއްގައި ސުވާލު އުފެދިދާނެއެވެ. ޖަވާބަކީ މި ތިން ބާވަތަކީވެސް އެޑިކްޓުވާ ނުވަތަ ދެވިހިފާ ތިންބާވަތަށް ވުމެވެ. މި ތިން ކަމުން ކުރެ ކަމެއް ކުރަން އާދަވެފައި ހުރި މީހަކު އެއިން ކަމެއް ކުއްލިއަކަށް ހުއްޓާލައިފި ނަމަ އުނދަގޫތަކެއް ވާނެއެވެ.
ކޮވިޑް19 ޕޭންޑެމިކް އާއި ގުޅިގެން ހިންގާފައިވާ ކާފިއު އަދި ލޮކްޑައުންގެ ސަބަބުން މިއިން ބާވަތެއް ލިބުމުގައި ލަސްކަމެއް ނުވަތަ ދަތިކަމެއް އައުމަކީވެސް މި ދުވަސްވަރު ވެދާނެ ކަމެކެވެ. ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ރިސޯޓަކުން ފަތާފައި އެހެން ރަށަކަށް ސިނގިރޭޓެއް ބަލައި ދިޔަ މީހެއްގެ ވާހަކަވެސް އަޅުގަނޑުމެން އަޑު އެހީމުއެވެ. ކުރިއަށް މި އޮތީ ރޯދަ މަހެވެ. ރޯދަޔަށް ހުންނައިރު ބައެއް މީހުން ފަސޭހައިން ރުޅިގަދަވާ ސަބަބަކީ ހަމަ އެކަނި ބަނޑުހައިކަން ކަމަށް ނުވެދާނެއެވެ.
ކޮފީ، ސިނގިރޭޓް އަދި ދުފާ އެއްޗެއްސަށް އެޑިކްޓްވާ ސަބަބަކީ އޭގައި ހިމެނޭ ސްޓިމިއުލަންޓްސް އެވެ. ސްޓިމިއުލަންޓްސް ހިމެނޭ ބާވަތްތައް ބޭނުން ކުރުމުން ސިކުނޑީގެ ސެންޓްރަލް ނާރވަސް ސިސްޓަމްގެ ހަރަކާތް އިތުރުވެ މީހާ ހޭލައްވާލާ އެލާރޓަށް ގެނެއެވެ. އެއާއެކު ކަންކަމަށް ސަމާލުކަން ދޭންވެސް ފަސޭހަވެއެވެ. ސްޓިމިއުލަންޓްސް ބޭނުން ކުރުމުން ކުއްލިއަކަށް ހަކަތަ ހުންނަކަމުގެ އިހުސާސް ކުރެވެން ފަށައެވެ. މޫޑު ރަނގަޅުވެ ހިތްހަމަ ޖެހުމެއް ލިބެއެވެ. ކޮފީގައި ސްޓިމިއުލަންޓެއް ކަމަށްވާ ކެފެއިން ހިމެނޭ އިރު ދުންފަތުގައި ހުންނަ ނިކޮޓިން އަކީވެސް ސްޓިމުއުލަންޓެކެވެ. ދުފުމުގައި ބޭނުން ކުރާ ފޯކުގައި ހިމެނޭ އެރޮކޮލައިން ނަމަކަށް ކިޔާ މާއްދާއަކީ ނިކޮޓިން އާ ވަރަށް އެއްގޮތް އަދި އަޅާ ކިޔޭ މާއްދާއެކެވެ.
ލޮކްޑައުންއާ ގުޅިގެން ގޭގައި ހުންނައިރު ކޮފީ، ސިނގިރޭޓް އަދި ދުފާ އެއްޗެހި ނުލިބި ލަސް ވިޔަސް ގޭގައި އުޅޭ އެހެން މީހުންނާއި ޑެލިވަރީކުރާ މީހާ ދެކެ ރުޅި އައުމުގެ ބަދަލުގައި މިވަނީ ކީއްކަން އެނގުން މުހިންމެވެ. ކެފެއިން އާއި ނިކޮޓިން އަށް ދެވިހިފާފައި ހުރި މީހަކަށް އެ ނުލިބިއްޖެނަމަ އިހުސާސް ކުރެވޭ އުނދަގޫ ވަރަށް އެއްގޮތެވެ. ކެފެއިން ނޫނީ ނިކޮޓިން އަށް އެޑިކްޓް ވެފައިވާ މީހަކަށް އެ ނުލިބި ގިނައިރު ވާނަމަ ފަސޭހައިން ރުޅިއަންނަ ގޮތްވެއެވެ. އާދައިގެ ކަންކަމާ ހެދި ވެސް ފަސޭހައިން އުނދަގޫވެ ރުޅި އާދެވޭ ފަހަރު އާދެއެވެ. އެފަދަ މީހުންނަށް މޫޑު ގޯސްވުމާ ކަންނެތްކަމާ ވަރުބަލިކަން އިހުސާސް ކުރެވެއެވެ. ކަންކަމަށް ސަމާލުކަން ދޭން ދަތިވެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމަކީ ވެސް ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ކެފެއިން ނުލިބުމަށް ވުރެ ނިކޮޓިން ނުލިބުމުން ވާ އުނދަގޫ ބޮޑެވެ. ބަނޑު ހިކުމާ ނިދަން އުނދަގޫ ވުމަކީވެސް ނިކޮޓިން އެޑިކްޓުންނަށް ކުރިމަތިވާ އިތުރު އުނދަގުލެކެވެ. ދުފުން ހުއްޓާލުމުން ވެސް މިކަހަލަ އުނދަގޫތަކެއްގެ އިތުރުން އަނގަ ސަރަކަރާތްވެފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެއެވެ.
ދުފައިގެންނާއި ސިނގިރޭޓު ބުއިމުން ސިއްހަތަށް ލިބޭ ގެއްލުމާ އަޅާކިޔާ އިރު އެ ލިބޭ ކުޑަ ކުޑަ ވަގުތީ ހިތްހަމަޖެހުމަކީ އެއްވެސް އެއްޗެއް ނޫނެވެ. ފަހުން ލިބޭ ގެއްލުމާ ހިތާމަ މާ ބޮޑުވާނެއެވެ. ދުފުމަކީ ދަތްތައް ހަލާކުވުމާ އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ކަމެއްކަމުގައި ދިރާސާތައް ބުނެއެވެ. ސިނގިރޭޓް ބުއިމަކީ ފުއްޕާމޭގެ ކެންސަރާއި ހިތުގެ މައްސަލަތަކުގެ އިތުރުންވެސް އެތައް ގެއްލުމެއް ސިއްހަތަށް ކުރިމަތިކުރުވާ ނުރައްކާތެރި ކަމެކެވެ. މި ދެ ކަންތަކަކީ ހުއްޓާލަން ޖެހޭ ދެ ކަންތަކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނާއި ސިއްހީ ހޭލުންތެރިކަމަށް މަސައްކަތްކުރާ އެތައް ފަރާތަކުން ކެނޑިނޭޅި ދަނީ މިކަމަށް ގޮވާލައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
އާދައިގެ މިންވަރަކަށް ކޮފީ ބުއިމަކީ މައްސަލައެއް ނޫން ނަމަވެސް މާ ގިނައިން ކޮފީ ބޭނުން ކުރާ ނަމަ ބައެއް މީހުންނަށް ކަންބޮޑުވުމާ ހާސްވުމުގެ މައްސަލަ ދިމާވެއެވެ. މި މައްސަލަ ކުރިންވެސް ހުންނަ މީހެއް ނަމަ ބައެއް ފަހަރަށް މައްސަލަ އިތުރަށް ގޯސްވެއެވެ. އެ ފަދަ އުނދަގޫ ވާނަމަ ކޮފީ ބުއިން މަދުކޮށްލުން ރަނގަޅެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ކޮފީ ބުއިން އެއްކޮށް ހުއްޓާލާ މީހުންނަށް ކަންބޮޑުވުމާ ހާސްވުމުގެ މައްސަލަ ފުރަތަމަ ކޮޅު ދިމާވުމަކީވެސް ވެދާނެ ކަމެއް ކަމެވެ.
މި ރޯދަމަހު ކޮވިޑް19 ގެ ސަބަބުން ގޭގައި މަޑުކޮށްގެން ހުންނަ ދުވަސްތަކަކީ ދުފުމާ ސިނގިރޭޓް ބުއިން ހުއްޓާލުމަށް ބޭނުން ކުރެވިދާނެ ރަނުގެ ފުރުސަތެކެވެ. ސަބަބަކީ އެޑިކްޓުވާ ކޮންމެ އާދައެއްވެސް ހުއްޓާލައިގެން ހުރެފައި އަލުން އެ އާދައިގެ ތެރެއަށް ވަންނަން އެންމެ ފަސޭހައިން ދިމާވާ އެއް ސަބަބަކީ އެ އާދަޔާ ގުޅިފައިވާ އެހެން ކަމެއް ކުރުން ނުވަތަ ކުރަން ޖެހުމެވެ. މިސާލަކަށް ރައްޓެހީންނާއެކު ބޭރަށް ދާ ކޮންމެ ފަހަރަކު ސިނގިރޭޓު ބޮއެ ދުފަން އާދަވެފައި ހުރި މީހަކު ރައްޓެހީންނާ އެކު ބޭރަށް ދާ ކޮންމެ ފަހަރަކު ސިނގިރޭޓު ބޮއެ ދުފާ ހިތްވެދާނެއެވެ. ކޮވިޑް19ގެ ސަބަބުން ގޭގައި މަޑުކޮއްގެން ހުންނަ ދުވަސްކޮޅު މި މައްސަލަ ދިމައެއް ނުވާނެއެވެ. ރޯދައަށް ހުންނައިރު ދުވާލު ގަޑީގައި މި އާދަތަކާ ދުރުގައި ހުންނައިރު އިތުރަށް ހިފަހައްޓާލަން ޖެހޭނީ ރޭގަނޑު ނިދަން ވާނދެންނެވެ.
ދުފުމާއި ސިނގިރޭޓް ބުއިން ހުއްޓާލުމުން ވާ އުނދަގޫ ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ސިނގިރޭޓް ބޯހިތްވާ ކޮންމެ ފަހަރަކު ނުވަތަ ކައި ނިމިގެން ދުފާލުމުގެ ބަދަލުގައި ޗުވިންގަމެއް ހަފާލުން ހިމެނިދާނެއެވެ. ކަސްރަތު ކުރުމާއި ރޭގަނޑު ނިދި ހަމަ ކުރުމަކީވެސް އުނދަގޫތަކަށް ލުއި ލިބޭނެކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިންވެސް މުހިންމެވެ. ސިނގިރޭޓް ހުއްޓާލުމުން ވާ އުނދަގޫ ޕީކަށް ދަނީ ހުއްޓާލާތާ ފުރަތަމަ ދެތިން ދުވަސް ތެރޭގައި އެވެ. އޭގެ ފަހުން ދުވަހަކަށް ފަހު ދުވަހެއް އުނދަގޫ ކުޑަވަމުން ގޮސް އެއް މަސް ދުވަސް ވާއިރު ގިނަ މީހުންނަށް އެއްކޮށް އުނދަގޫ ފިލައިގެން ދެއެވެ. މި ރޯދަމަސް ނިމެން ދެން ސިނގިރޭޓު ބުއިމާއި ދުފުން ހުއްޓާލައިގެން ހުރެވިއްޖެނަމަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.