ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ބޭނުންވާ ހާއްސަ ވަގުތީ ގާނޫނުގެ ބިލު ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ
ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލުގައިވާ ގޮތުން ފަސްވެގެން ދާނީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަމެވެ. އެ އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެ އެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކި ގޮތަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މިގެ އިތުރުން ންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލުމުން ގޮނޑި ކަށަވަރުކޮށްފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލު ވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު އިންތިހާބުވާ މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައިވެ އެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވާން ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަކަށް ފަސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
އޭގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިންތިހާބު ފަސް ކުރުމުގެ ހާއްސަ ގާނޫނެއް ހުށަހަޅައިފަ އެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަންޕެންޝަން ވެސް އުވި، ކުރިން ތިބި މަގާމަށް ރުޖޫއަވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.