twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް: އަގު ކޮންޓްރޯލް ކުރެވިދާނެތަ؟

Apr 30, 2020

ދިވެހިންގެ ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ކާބޯތަކެތީގެ ބާވަތްތަކާއި އެހެނިހެން މުދަލަކީ ރާއްޖެއިން ބޭރުގެ ޤައުމުތަކުން އެތެރެކުރާ ތަކެއްޗެވެ. މިތަކެތީގެ ތެރެއިން ގިނަ ޒަރޫރީ ބާވަތްތަކަކީވެސް، ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަތްތައްކަމުން، އެތަކެތި އެތެރެކުރާ ޤައުމަކަށް ކުރިމަތިވާ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން، ދިވެހިންގެ ކެއިން ބުއިމަށް ބޭނުންވާ ބާވަތްތައް ލިބުންދަތިވެ، ރާއްޖޭގައި އެމުދަލެއްގެ އަގު އުފުލި، ރައްޔިތުންނަށް ތަކުލީފަކަށް ވެގެންދެއެވެ. މި ތަކުލީފު އުފުލަންޖެހި، ރައްޔިތުންގެ ފަރާތުން އެތަކެއް ޝަކުވާތަކަކާއި، ކާބޯތަކެއްޗާއި އަދި މުދާ ވިއްކާ ފަރާތްތަކުން ކުރިމަތިލުމަށް މެދުވެރިވެގެންދެއެވެ. މިފަދައިން އަގު ކޮންޓްރޯލް ކުރުމާއިމެދު ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

އަގު ކޮންޓްރޯލް ކުރެވިދާނެ

ރާއްޖޭގައި ވަކި މުދަލެއް ލިބެންހުރި މިންވަރަށް، ނުވަތަ އެވަގުތެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލެއްގެ އަގު ކޮންޓްރޯލް ކުރެވިދާނެއެވެ. މިގޮތުން، ޤާނޫނު ނަމްބަރު 96/01 (މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، ސިއްޙީ ކުއްލި ނުރައްކަލެއްގެ ޙާލަތުގައި ކެއިން ބުއިމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިސާލަކަށް، ރާއްޖޭގައި ފިޔާ، އަލުވި، ބިސް ފަދަ ކެއުމުގެ ބާވަތްތައް ވަކި އަގަކަށްވުރެ ބޮޑުނުވާ އަގެއްގައި މެނުވީ ވިއްކުން މަނާކުރެވިދާނެއެވެ. މީގެ އިތުރުން، މިފަދައިން އަގު ކޮންޓްރޯލް ކުރާއިރު އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމުގެ އަގަށް ބެލުމަށްފަހު، ރާއްޖޭގެ އެކި ހިސާބުތަކުގައި އަގު ތަފާތުވާނަމަ، އެ ހިސާބުތަކަށް ވަކި އަގުތަކެއް ކަނޑައެޅުމުގެ ބާރުވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިސާލަކަށް، ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށާއި ދެކުނަށް، މުދާ އުފުލުމުގެ އަގުތަކަށް ބަލައި، ފިޔާ ކިލޯއެއްގެ އަގު ތިން ސަރަހައްދަށް ވަކި އަގުތަކެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.

ޚިދުމަތެއްގެ އަގު ކޮންޓްރޯލް ކުރެވިދާނެ

ވަކި ޚިދުމަތެއްގެ ބޭނުންތެރިކަމަށް، ނުވަތަ މުހިންމުކަމަށް ބަލައި، ނުވަތަ އެވަގުތެއްގައި އިޤްތިޞާދީގޮތުން ރާއްޖެއޮތް ފައްތަރަށްބަލައި، ޚިދުމަތެއްގެ އަގު ވަކިވަރެއްގައި ހިފެހެއްޓުމުގެ ބާރުވެސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިސާލަކަށް، ކޮވިޑް-19 އާއި ގުޅިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން، ކިޔަވައިދޭ މަރުކަޒުތަކާއި އޮފީސްތައް ބަންދުކުރެވިފައިވާ ޙާލަތެއްގައި، ދަރިވަރުން އޮންލައިންކޮށް ޓެލެކިލާސްތަކުގައި ބައިވެރިވުމަށާއި، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ލުއިފަސޭހަ ކޮށްދިނުމުގެގޮތުން، އިންޓަރނެޓްގެ ޚިދުމަތް ވަކި އަގެއްގައި ކޮންޓްރޯލް ކުރެވިދާނެއެވެ. ސަބަބަކީ، މިޙާލަތުގައި އިންޓަރނެޓަކީ، ޒަރޫރީ ޚިދުމަތެއްގެ ދަރަޖަ ދޭންޖެހޭފަދަ މުހިންމު ޚިދުމަތަކަށް ވާތީއެވެ.

ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގެއްގައި ވިއްކާނަމަ އެޅިދާނެ ފިޔަވަޅު

މިފަދަ ޙާލަތެއްގައި އަގު ކޮންޓްރޯލް ކުރެވިފައިވާ އެއްވެސް މުދަލެއް، ނުވަތަ ޚިދުމަތެއް ކޮންޓްރޯލް ކުރެވިފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ވިއްކުމަކީ މަނާކަމެކެވެ. އަދި ކޮންޓްރޯލް ކުރެވިފައިވާ އަގަށްވުރެ ބޮޑު އަގެއްގައި އެ މުދަލެއް ވިއްކާނަމަ، ނުވަތަ އެ ޚިދުމަތެއް ދެމުންގެންދާނަމަ، އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިގޮތުން، ކޮވިޑް-19 އާއި ގުޅިގެން، ބައެއް ބާވަތުގެ މުދާ ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގެއްގައި ވިއްކައިފިނަމަ، އެ ކުށްކުރާ ފުރަތަމަ ފަހަރު ގިނަވެގެން 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، ގިނަވެގެން 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރަން އެންގުމުގެ ބާރުވެސް، އެމިނިސްޓްރީއަށް ލިބިގެންވެއެވެ.

އަގުކޮންޓްރޯލް ކުރެވިފައި އޮތުން އުވާލުން

މުދަލެއްގެ، ނުވަތަ ޚިދުމަތެއްގެ އަގު ކޮންޓްރޯލް ކުރެވުނީ، ދިމާވާ ޙާލަތެއްގެ ސަބަބުން އެކަނި ކަމުގައިވާނަމަ، އެޙާލަތު ފިލައިދިއުމުން އަގު ކޮންޓްރޯލް ކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެންނަންޖެހޭނެއެވެ. މިސާލަކަށް، ކޮވިޑް-19 ގެ ސަބަބުން، މުދަލެއްގެ އަގު ކޮންޓްރޯލް ކުރެވިފައިވާނަމަ، ކޮވިޑް-19 ގެ ނުރައްކާ ފިލައިދިއުމުން އެމުދަލުގެ އަގު ކުރީގެ އަގަށް ބަދަލުކުރެވިދާނެއެވެ.

ނިންމުން

މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ ބޭނުންތެރިކަމެއްގެ ސަބަބުން، ނުވަތަ އިޤްތިޞާދީ ޚާއްސަ ޙާލަތެއްގެ ސަބަބުން އަގު ކޮންޓްރޯލް ކުރެވެނީ، ވިއްކާފަރާތާއި ގަންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. ވީމާ، އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން، އެފަދަ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަކީ ވިޔަފާރިވެރިންގެ ޒިންމާއެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355