ކުޅުދުއްފުށީގައި އޮތް ބަލި މީހަކު ބަލައި މިދިޔަ ހޮނިހިރު ދުވަހު އައި ޗާޓަރު ފްލައިޓްގައި މާލޭން ގެނައި މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބައެއްކަމަށް ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ނޭޝަނަލް އިމަންޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވުމުން އެ އާއިލާތަކުން އެކަން ދޮގުކޮށްފި އެވެ.
އެންއޯސީގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް މަބްރޫކް އަޒީޒް ވިދާޅުވީ، ކުޅުދުއްފުއްޓަށް ފޮނުވާލި 7 މީހުންގެ ތެރެއިން ތިން މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ބައެއް ކަމަށާއި ދެން ބާކީ ތިބި މީހުންނަކީ އެ މީހުންގެ އެހީތެރިންކަމަށެވެ. އަދި އެ މީހުންނަކީ ލޮކްޑައުން ހާލަތުގައި އާސަންދަ މެދުވެރިކޮށް ފަރުވާއަށް މާލެ ދިޔަ މީހުންކަމަށްވާތީ އަނބުރާ ރަށަށް ފޮނުވާލީވެސް އާސަންދައިންކަމަށް އެ ކުންފުންޏާ ހަވާލާދީ މަބްރޫކް ވިދާޅުވި އެވެ.
ކެންސަރަށް ފަރުވާ ހޯދާ ބައެއްކަމަށް މަބްރޫކް ވިދާޅުވުމުން އެ އާއިލާތަކުން އެކަން ވަނީ ދޮގުކޮށްފައި އެވެ. އެ އާއިލާތަކުގެ ބައެއް ފަރާތްތަކުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާ އެއްވެސް މީހަކު އިއްޔެގެ ފްލައިޓުން އައިސްފައިނުވާ ކަމަށެވެ.
އިއްޔެ އައިސްފައިވަނީ، ކަނދުރާ ބިނދިގެން ދިޔަ މީހަކާއި ނަފްސާނީ ބައްޔަށްކަށް ފަރުވާ ހޯދާ މީހެއްގެ އިތުރުން ހިތުގެ މައްސަލައަކަށް ފަރުވާ ހޯދާ މީހެކެވެ. ކެންސަރަށް ފަރުވާ ހޯދާ މީހަކު އެތަނުގައި ނެތް ކަމަށެވެ. ދެން ތިބީ އެ މީހުންގެ އެހީތެރިންގެ ގޮތުގައި ދިޔަ އާއިލާގެ މީހުންނެވެ.
" އަޅުގަނޑުމެން ގޭގައި ތިއްބާ އާސަންދައިން ގުޅާފައި ބުނީ ރަށަށްދާން ބޭނުންވަންޏާ އެއާޕޯޓަށް މިވެނި ގަޑިއަކަށްދިޔުމަށް. އެންގީވެސް ވަރަށް ވަގުތު ކައިރިވެފައިވަނިކޮށް. ބައެއް މީހުން އެއާޕޯޓަށް ދިޔުމަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިން." އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުން ބުންޏެވެ.
އާސަންދަ ކޮމްޕެނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ކޭއޯއަށް ވިދާޅުވީ، 7 މީހުންނަކީ ލޮކްޑައުން ހާލަތުގައި ވަނިކޮށް އާސަންދަ މެދުވެރިކޮށް އެމެޖެންސީ ފަރުވާއަށް ގެނެސްފައިވާ މީހުން ކަމަށެވެ. އެހެންވުމުން އެ މީހުން މިހާލަތުގައި ރިޓާނު ޓިކެޓް ދިނުމަށްފަހު ރަށަށް ފޮނުވާލީ ކަމަށެވެ. އެހެންނަމަވެސް އެ މީހުންނަކީ ކޮން ކަހަލަ ބަލިތަކަށް ފަރުވާ ހޯދި ބަޔެއްކަން އާޝިޔާ ވިދާޅެއް ނުވި އެވެ.
އެ ފްލައިޓްގައި ގެނައީ 7 މީހުންނެވެ. އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ 5 މީހަކާއި ކުމުންދޫއަށް ނިސްބަތްވާ ދެ މީހެކެވެ. އެ 7 މީހުންވެސް ކުޅުދުއްފުށީގައި ހުރި އެމްޕީއެލްގެ ކަރަންޓީނު ފެސިލިޓީއެއްގައި ވަނީ ކަރަންޓީކޮށްފައި އެވެ. އެތަނުގައި ތިބި ކުޅުދުއްފުށީ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ ވަކި އިންތިޒާމުތަކެއް ދަށުން އެ މީހުންގެ އާއިލާތަކުންނެވެ. ކުމުންދޫ ދެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންދަނީ ހދ އަތޮޅު ކައުންސިލުންނެވެ.