ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ފްރޮންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުންދީ ހިތްވަރު ދިނުމުގެ ގޮތުން އަލީ ޒަކަރިއްޔާ އަނެއްކާވެސް އަމިއްލައަށް ފޭސް ޝީލްޑްތަކެއް ހަދައި ހަދިޔާކޮށްފި އެވެ.
ކުޅުދުއްފުއްޓަށް އުފަން އަލީ ޒަކަރިއްޔާ މީގެ ކުރިންވެސް ވަނީ އަމިއްލައަށް ފޭސް ޝީލްޑްތަކެއް ހަދައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހަދިޔާކޮށްފައި އެވެ. އެފަދަ އޭނާ ވަނީ 99 ފޭސް ޝީލްޑް ހަދިޔާކޮށްފައި އެވެ.
މިފަހަރު އައްޔަ ހަދާފައިވަނީ 177 ފޭސް ޝީލްޑެވެ. އަމިއްލަ ތަކެތީގައި ހެދި މިތަކެތީގެ ތެރެއިން 117 ފޭސް ޝީލްޑް ހަދިޔާކުރީ ކޭއާރުއެޗަށެވެ. އަދި ހދ އަތޮޅުގައި ވަކިން އެންމެ ދުރުގައި އޮންނަ މަކުނުދޫއަށް 20 ފޭސް ޝީލްޑް ހަދިޔާކުރި އެވެ.
މީގެ އިތުރުން އެމްއެންޑީއެފަށް 40 ފޭސް ޝީލްޑް އަލީ ޒަކަރިއްޔާ ވަނީ ހަދިޔާކޮށްފައި އެވެ.
ކޮވިޑް-19 ބިރު މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައި މިވާ ބިރުވެރި ހާލަތުގައި އެންމެ މުހިންމު އެކައްޗަކީ މިކަމުގައި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތް ތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ ސާމާނެވެ.
އަލީ ޒަކަރިއްޔާ ފާހަގަވެފައިވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް މުޖުތަމައުއަށް އެހީވެދޭ ނަމޫނާ ޒުވާނެގެ ގޮތުގައި އެވެ. ކުރިން ސިފައިން ގޭގައި އަދި މިހާރު ރިސޯޓް ދާއިރާގައި ހެލްތް އޮފިޝަލެއްގެ ގޮތުގައި އަލީ މަސައްކަތްކުރައްވާއިރު އޭނާގެ ފަރާތުން ކޮންމެ ފަހަރުވެސް ފެންނަމުންދަނީ މިފަދަ ނަމޫނާއެކެވެ.