twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ކުލި ނުދެއްކިގެން ގެއިން ނެރެލީތޯ އެވެ؟

May 7, 2020

ތިމާ ކުލި ދައްކައިގެން ދިރިއުޅެމުންދާ ގޭގެ ފެން ކަނޑާލީތޯއެވެ؟ ކަރަންޓް ކަނޑާލީތޯއެވެ؟ ނުވަތަ ކުލި ނުދެއްކިގެން ގެއިން ނެރެލީތޯއެވެ؟ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ބޮޑުގެއްލުމެއް ވެފައިވާއިރު، ދިވެހިރާއްޖޭގައިވެސްވަނީ ހަމަ މިބީދައިން ތަފާތު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ އިޤްތިޞާދަށް މިއައި ހީނަރުކަމުގެ ސަބަބުން، ވަޒީފާއަދާކުރާ ގިނަ ފަރާތްތަކެއް ވަޒީފާއިން ވަކިކުރެވި، ނުވަތަ މުސާރަ ކުޑަކުރެވި، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވައިލެވިފައި ވާއިރު، މާލީ ދަތިތަކާއިހުރެ ގޭގެ ކުލި ނުދެއްކިގެން މަގުމަތިވާ ފަރާތްތައް ދަނީ އިތުރުވަމުންނެވެ.

މިފަދަ ޙާލަތެއްގައި ދެފަރާތުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލައިލަމާތޯއެވެ.

ކުލީގެ އެއްބަސްވުން

ކުލީގެ އެއްބަސްވުމުގެ ގޮތުގައި ރާއްޖެއިން ޢާންމުކޮށް ފެންނަ ގިނަ އެއްބަސްވުންތަކަކީ، ދެފަރާތުން މަޝްވަރާ ކުރެވިގެންހެދޭ އެއްބަސްވުމެއްގެ ބަދަލުގައި، ކުއްޔަށްދޭ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް ހެދޭ އެއްބަސްވުންތަކެކެވެ. ވުމާއިއެކު، މިފަދަ އެއްބަސްވުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ އެއްބަސްވުންތަށްވަނީ، ކުއްޔަށް ދޭ ފަރާތުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބޮޑަށް އިސްކަންދެވޭ، އެއްބަސްވުންތަކަށް ވެފައެވެ. މީގެ އިތުރަށް ކުއްޔަށްދޭ ފަރާތުންދޭ ކުލީގެ އެއްބަސްވުމުގައި، ބޯހިޔާވަހިކަމަށް އެދިގެން އަންނަ ފަރާތުން އިތުރު ދެބަސްވުމަކާއި އަދި ވިސްނާލުމަކާއިނުލައި، ސޮއިކޮށް އެތަނެއް ކުއްޔަށް ނަގާތަން ފެންނަނީ މަދަކުން ނޫނެވެ. އަދި މިފަދަ ކުލީގެ އެއްބަސްވުމެއްގެ ސަބަބުން ދިމާވާ ގެއްލުންތައް އެންމެ ބޮޑަށް ފެނިގެންދަނީ، ކޮވިޑް-19 ފަދަ ޙާލަތެއް މެދުވެރިވުމުންނެވެ.

މިގޮތުން އެއްބަސްވުމުގެ މުއްދަތުގައި ދެފަރާތަށްވެސް ލިބިދޭ ޙައްޤުތަކަކީ ކޮބައިކަމާ، އެއްބަސްވުން އުވާލަންއެދޭނަމަ، އުވާލެވޭނެ ޙާލަތްތައްވެސް ބަޔާންކޮށް، އެ ޙާލަތުގައި ދެފަރާތުންވެސް ޢަމަލު ކުރަންޖެހޭނެ ގޮތްތައް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތުމަކީ މުހިންމުކަމެކެވެ. މީގެއިތުރުން ޚިޔާލު ތަފާތުވުމެއް، ނުވަތަ އެއްބަސްވެފައިވާ ކަމަކާއި ދެފަރާތުންކުރެ އެއްވެސް ފަރާތެއް ޚިލާފުވެއްޖެނަމަ، ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ދިމާވާ ކުއްލި ޙާލަތެއްގައި ޢަމަލު ކުރަންވީގޮތް ބަޔާންކޮށްފައި އޮތުމަކީ، ދެފަރާތުގެ ޙައްޤުތައްވެސް ކަށަވަރުވެގެންދާނެ ކަންތައްތަކެވެ.

އެއްބަސްވުމެއް އުވާލުން ނުވަތަ ހުއްޓުމަކަށް ގެނައުން

އާންމު އުޞޫލަށް ބަލާއިރު، އެއްބަސްވުމެއް އުވާލަންވާނީ ނުވަތަ ބާޠިލްކުރަންވާނީ، އެއްބަސްވުމުގައި އެކަންކުރަން ބަޔާންކޮށްފައި އޮންނަގޮތަށެވެ. މިސާލަކަށް، އެއްވެސް ފަރާތެއް ބޭނުންވެގެން އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ބާޠިލްކުރަން އެދޭނަމަ، އެއްމަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެއްބަސްވުން ބާޠިލްކުރެވޭ ގޮތަށް އެއްބަސްވުމުގައި މާއްދާއެއް ހިމަނާފައިވާނަމަ، އެގޮތުގެމަތިން ނޫންގޮތަކަށް އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ބާޠިލް ކޮށްގެންނުވާނެއެވެ. އެހެންނަމަވެސް، ދިމާވާ ކުއްލި ޙާލަތްތަކުގައި ދެފަރާތުންވެސް އެއްބަސްވާ ގޮތުގެމަތިން އެއްބަސްވުން، ހުއްޓުމަކަށް ގެނެވިދާނެއެވެ.

ޙާއްސަ ޙާލަތްތަކުގައި ހޯދިދާނެ ޙައްލުތައް

ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުން އުވާލުމުގެ ބަދަލުގައި، ދެފަރާތުން މަޝްވަރާކޮށް ކުރިން ހެދިފައިވާ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި އިތުރު ވަގުތީ އެއްބަސްވުމެއް ވުމަކީ، މިފަދަ ޙާލަތްތަކުގައި ލިބިގެންދާނެ ޙައްލެކެވެ. މިފަދަ ސަޕްލިމެންޓަރީ އެއްބަސްވުމެއް، ނުވަތަ ކުލީގެ އެއްބަސްވުމުގެ ދަށުން ދެވަނަ އެއްބަސްވުމެއްގެ ގޮތުގައި ލިޔުމުން އެއްބަސްވުމެއް އެކުލަވާލުމަކީ، ދެފަރާތުގެ ޙައްޤުތައްވެސް ރައްކާތެރި ކުރެވިގެންދާނެ ކަމަކަށްވެގެންދެއެވެ. އެގޮތުން، ދެފަރާތުން މަޝްވަރާކޮށް ވަކިމުއްދަތެއް ކަނޑައެޅުމަށްފަހު، އެ މުއްދަތުގައި ކުލި ދައްކަންވީ މިންވަރާއި، ދައްކާނެ ގޮތުގެ އުޞޫލެއް އެކުލަވާލައި، މި ކަންތައްތައް ހިމެނޭ ގޮތަށް ވަގުތީ އެއްބަސްވުން އެކުލަވާލެވިދާނެއެވެ.

މިސާލަކަށް، 6 މަސްދުވަހުގެ މުއްދަތެއް ކަނޑައެޅުމަށްފަހު، ހަމައެކަނި އެމުއްދަތުގައި ވަކި މިންވަރަކަށް ކުލި ކުޑަކުރުމަށް އެއްބަސްވެވިދާނެއެވެ. ނުވަތަ ކުލީގެ ދެބައި ކޮށްފައި އެއްބައި ކުރިއަށް އޮތް 5 މަހު ދައްކާ، ކުލީގެ ބަކީ ބައި އިންސްޓޯލްމަންޓް އުޞޫލުން ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ފަހުން ދައްކާ ޚަލާސް ކުރާގޮތަށްވެސް، ވަގުތީ އެއްބަސްވުން އެކުލަވާލެވިދާނެއެވެ.

ކުލި ނުދެއްކިގެން ގެއިން ނުކުންނަން މަޖުބޫރުކުރާ ޙާލަތްތަކުގައި، ކޯޓު އަމުރެއްގެ ދަށުން ނޫންގޮތަކަށް ގެއިން ނުނިކުމެ މަޑުކުރުމުގެ އިޚްތިޔާރުވެސް، ކުއްޔަށްއުޅޭ ފަރާތަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ހަނދާނުގައި ބަހައްޓަންވީކަމަކީ، އެތަނެއްގައި ނުނިކުމެ ތިބޭ މުއްދަތުގެ ކުލި ކުއްޔަށްދިން ފަރާތަށް ދައްކަންޖެހޭނެކަމެވެ. އެ ކުއްޔަކީ އެފަރާތުގެ ޙައްޤެއްކަމެވެ. ގެއިން ނުނިކުތުމުގެ ސަބަބުން، ކުއްޔަށްދިން ފަރާތުން ފެން ނުވަތަ ކަރަންޓް ކަނޑާލައިފިނަމަ، ނުވަތަ މަޖުބޫރު ކޮށްގެން ކުއްޔަށްހިފި ތަނުން ނެރެލައިފިނަމަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށް، ނުވަތަ ސަރުކާރުގެ ކަމާބެހޭ މުއައްޞަޞާތަކަށް ރިޕޯޓް ކުރަންވާނެއެވެ.

ނިންމުން

އެއްބަސްވުމެއް އޮތްކަމުގައި ވީނަމަވެސް، އަދި ވަކި ގޮތަކަށް ޢަމަލު ކުރުމަށް އެއްބަސްވެފައި ވީނަމަވެސް، ކޮވިޑް-19 ފަދަ ޙާއްސަ ޙާލަތްތަކުގައި އަނެކާގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ލުއިތައް ދިނުމަކީ، ވަރަށްވެސް މުހިންމުކަމެކެވެ. މިފަދަ ދަނޅިވަޅުތަކުގައި މަޖުބޫރުކޮށްގެން ތަނުން މީހުން ނެރުމުގެ ބަދަލުގައި އިސްކުރަންވީ، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ސިފައެވެ. އެހެންކަމަށްވާއިރު، ކުއްޔަށް ދިރިއުޅޭ ފަރާތްތައް މަގުމަތިވެ ޙާލުގައިޖެހުނަނުދީ މިކަމާ މަޝްވަރާކޮށް ޙައްލެއް ހޯދުމަކީ މުހިންމުކަމެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355