twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކޮވިޑް 19އާ ގުޅޭ ފައްސި ވާހަކަތައް

May 8, 2020
1

ލިޔުނީ: އިބްރާހީމް އަންޒަރު

ކޮވިޑް19 އާ ގުޅިގެން ދުނިޔެ ދެކެމުން މިދަނީ ތާރީހީ ދުވަސްކޮޅެކެވެ. މިހާރު މި ތަޖުރިބާ ކުރާ ފަދަ ބަލިމަޑުކަމާއި ރޯގާތަކާ މީގެ ކުރިން ދިމާވެފައި ވީނަމަވެސް މިއީ ސްމާރޓް ފޯނާއި ކޮމްޕިއުޓަރު އަދި އިންޓަނެޓް ގެ ޒަމާނުގައި އައި ފުރަތަމަ ޕެންޑެމިކް ނުވަތަ އާލަމީ ވަބާއެވެ. މިދުވަސްކޮޅު ސައެންޓިސްޓުން އެއްކުރާ ޑޭޓާއާއި މައުލޫމާތަކީ ކުރިއަށް އޮތްތާ ދިމާވެދާނެ މިފަދަ ބަލިމަޑުކަމަކާ ކުރިމަތި ލާން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރަން ލިބޭ އަގު ނުކުރެވޭނެ ފަދަ އަގުހުރި މައުލޫމާތުތަކެކެވެ.

އަންނަން އޮތް ޖީލުތަކުން މިދުވަސްވަރުގެ ތަޖުރިބާއާ މެދު މި ދުވަސްވަރު ތަޖުރިބާ ކުރި މީހުންނާ ސުވާލުކުރާނެއެވެ. އަންނަން އޮތް ޖީލުތަކުން ކޮވިޑް19 އާ ބެހޭ ސައެންޓިފިކް ޑޮކިއުމެންޓަރީތައް ބަލާ ބައްޔާ ބެހޭ ގޮތުން ލިޔެވޭ ފޮތްތައް ކިޔާނެއެވެ. އޭގެ ސަބަބުން މިހާރަށް ވުރެ ގައިންގަޔަށް އަރާ ބަލިތަކާ މެދު މީހުން ހޭލުންތެރިވާނެވެ. މިހާރު އެއްކުރެވޭ މައުލޫމާތުގެ އަލީގައި ސިއްހީ ތަޖުރިބާކާރުންނަށް ގުލޯބަލް ޕެންޑެމިކްއަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރަށް ވުރެ ރަނގަޅަށް އެނގޭނެއެވެ. މި ކަންކަމަކީ ކުރިއަށް އޮތްތާ ކޮވިޑް19 ފަދަ ބަލިމަޑު ކަމަކާ ކުރިމަތި ވެއްޖެނަމަ އެކަމުން އަރައިގަތުމުގެ ގާބިލުކަން ކުރިއަށް އޮތްތާ އިތުރުވާނެ ކަންތައްތަކެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓް ޓްރޭސްކުރުމާއި ކޮންޓެކްޓް ޓްރޭސް ކުރުމަށް ގެންގުޅޭ އެޕްތަކާއި ސޮފްޓްވެއާތަކަކީ މީގެ ކުރީގައި ކޮވިޑް19 ފަދަ ޕެންޑެމިކްތައް ދުވަސްވަރު ލިބެން ހުރި ވަސީލަތްތަކެއް ނޫނެވެ. ގޭގައި ތިބެގެން ވަޒީފާ އަދާކުރުމާއި ވީޑިޔޯ ކޮންފަރެންސް ކޯލުކުރުމަކީ އެ ޒަމާނުގައި ކުރެވުނު ކަމެއް ނޫނެވެ. ބަލިފެތުރިގެން ދާނެ ގޮތް ލަފާކުރާ ކޮމްޕިއުޓަރު މޮޑެލްތަކެއްވެސް އޭރަކު ނެތެވެ. މިހާރު މި ކުރެވޭ ތަޖުރިބާއާ އެކު މިފަދަ ވަސީލަތްތައް ކުރިއަށް އޮތްތާ މިއައްވުރެ ބޮޑަށް ތަރައްގީ ކުރެވިދާނެ އެވެ.

ކޮވިޑް19 ފަދަ ބާރަށް ފެތުރޭ ބަލިތަކާ ފަހުގެ ތާރީހެއްގައި ކުރިމަތިލާން ޖެހުނު ގައުމުތަކުން ކޮވިޑް19 އާ ކުރިމަތި ލުމުގައި، ކުރީގެ ތަޖުރިބާތަކުގެ ބޭނުން ދަނީ ވަރަށް ފުރިހަމައަށް ހިފަމުންނެވެ. އެފަދަ ގައުމުތަކުގެ އާންމުންވެސް ހޭލުންތެރިއެވެ. ކޮވިޑް19 ފުރަތަމަ ފެނުނު ޗައިނާއިން ވަނީ ކޮވިޑް19 ޖައްސާ ކޮރޯނާ ވައިރަސްގެ އެހެން ވައްތަރަކުން ޖެހޭ ސާރސް ރޯގާގެ ބިރުވެރިކަން ތަޖުރިބާ ކޮށްފައެވެ. ކޮވިޑް19 އާ ކުރިމަތިލުމުގައި ދުނިޔެއަށް ނަމޫނާ ދައްކަމުން އަންނަ ސައުތު ކޮރެއާއިން ވަނީ ކޮރޯނާވައިރަހުގެ އެހެން ވައްތަރަކުން ޖެހޭ ބައްޔެއް ކަމުގައިވާ މާރސް ރޯގާ ތަޖުރިބާ ކޮށްފައެވެ.

ޗައިނާ ފާހަގަ ކޮށްލެވެނީ ވައިރަހާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތު ފާއިތު ނުވަނީސް އެޅި ގައުމެއްގެ ގޮތުގަ އެވެ. ޗައިނާއިން ވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅީ ޑަބްލިއުއެޗްއޯއިން ބުނެގެން ނުވަތަ އާންމުންގެ ޝަކުވާއާ ގުޅިގެންނެއް ނޫނެވެ. ޗައިނާއިން ވައިރަސް ފެތުރެން ފެށިތާ ކުރީ ކޮޅު ވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅީ އެފަދަ ވައިރަހަކުން ލިބިދާނެ ގެއްލުން ވަޒަންކުރެވޭތީ އެވެ. ޗައިނާއިން ކޮވިޑް19 އާ ދެކޮޅަށް ބޭނުން ކުރި އެންމެ ވަރުގަދަ ހަތިޔާރަކީ ބަލި ފެތުރޭ ސަރަހައްދުތައް ލޮކްޑައުން ކުރުމެވެ. ގައުމުގެ އެހެން ސަރަހައްދުތަކަށް ބަލި ފެތުރުމުގެ ފުރުސަތު ނުދިނުމަށެވެ. ޗައިނާއިން ލޮކްޑައުން އާ އެކު ބަލި ގަދަޔަށް ފެތުރޭ ސަރަހައްދުތަކުގައި ކާފިއު އިޢުލާންކޮށް ކޮންމެ ގެޔަކުން އެންމެ މީހަކަށް ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނިކުމެވޭ ގޮތަށް ހަމަޖެއްސިއެވެ. ޑަބްލިއުއެޗްއޯއިންވެސް ވަނީ ޗައިނާއިން އެޅި ފިޔަވަޅުތަކަށް ތައުރީފުކޮށްފައެވެ.

ސައުތު ކޮރެއާއިން ބަލީގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދީ ގިނަ ބަޔަކު ޓެސްޓުކޮށް ކޮންޓެކް ޓްރޭސް ކޮށްގެންނެވެ. މީގެ އިތުރުން ސައުތު ކޮރެއާ ރައްޔިތުން އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފައަށް އަމަލުކުރުމާ ފަރުދީ ޒިންމާ އަދާ ކުރުމުގައި ދުނިޔެއަށް ރީތި ނަމޫނާއެއް ދައްކަމުންނެވެ.

ސައުތު ކޮރެއާ ސަރުކާރާއި ޗައިނާ ސަރުކާރުގެ އަވަސް ފިޔަވަޅުތަކާއި ހޭލުންތެރި ރައްޔިތެއް ތިބުމުގެ ނަތީޖާއަކީ ކޮވިޑް19 ފެތުރުން ކޮންޓްރޯލުވެ ބަލި ޖެހޭ މީހުންނާއި ބަލިޖެހިގެން މަރުވާ މީހުންގެ އަދަދު މަދުވުމެވެ. ދުނިޔޭގެ އެހެން ގައުމުތަކުންވެސް ޗައިނާއާއި ސައުތު ކޮރެއާ ސަރުކާރު އަދި ރައްޔިތުން މާޒީއިން އިބުރަތް ލިބިގަތް ގޮތަށް ކޮވިޑް19 އިން އިބުރަތް ހޯދާ މިހާރަށް ވުރެ ހޭލުންތެރިވެ ހަރުދަނާ ވެއްޖެނަމަ ކޮވިޑް19 ޕެންޑެމިކް ފަދަ އިތުރު ޕެންޑެމިކް އަކާ ކުރިމަތި ލާންޖެހޭ ދުވަހަކުން ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ.

ކޮވިޑް19 ޕެންޑެމިކްއަށް ނިމުމެއް އަންނާނެ އެންމެ ކައިރި އަދި އެންމެ ގެއްލުން ކުޑަ ގޮތަކީ ކޮވިޑް19 އިން ރައްކާތެރި ކޮށްދޭނެ ވެކްސިނެއް އުފެއްދުމެވެ. ޑަބްލިއުއެޗްއޯގެ ޑޭޓާބޭސް އިން ދައްކާގޮތުން ކޮވިޑް19 އަށް ބޭނުން ކުރާނެ 70 ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވެމުން އެބަ ދެއެވެ. އަދި 6 ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓްކުރެވެމުން އެބަދެއެވެ. ވެކްސިން ޓެސްޓްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ގިނަ އަދަދަކަށް ވެކްސިން އުފެއްދުމަކީ މީގެކުރިން ކުރާކަމެއް ނޫނެވެ. ސަބަބަކީ ޓެސްޓްކުރެވޭ ވެކްސިނަކީ ރައްކާތެރި އަދި ކާމިޔާބު ވެކްސިނަކަށް ނުވެއްޖެނަމަ އެ ވެކްސިނެއްގެ ސްޓޮކް ނައްތާލަން ޖެހި އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިވާނެތީއެވެ. ނަމަވެސް ވެކްސިނުގެ ކާމިޔާބުކަން ކަށަވަރުވާއިރު ގިނަ އަދަދަކަށް ވެކްސިން އުފައްދާފައި ވާނަމަ އާންމުކޮށް ބޭނުންކުރަން ލިބޭ މުއްދަތު އަވަސް ވާނެއެވެ. ކޮވިޑް19 ގެ ބައެއް ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާގައި ވަނިކޮށް ގިނަ އަދަދަކަށް އުފައްދަން ނިންމާފައިވަނީ މި ސަބަބާ ހެދިއެވެ.

ޓެސްޓްކުރުމުގެ މަރުހަލާގައި ވަނިކޮށް ގިނަ އަދަދަކަށް އުފައްދަން ނިންމާފައިވާ ވެކްސިންތަކުގެ ތެރޭގައި އޮކްސްފޯރޑް ޔުނިވާރސިޓީގެ ޓީމުން އުފައްދާ ޓެސްޓް ކުރަމުން އަންނަ ވެކްސިން ހިމެނެއެވެ. އޮކްސްފޯރޑް ޔުނިވާސިޓީގެ ޓީމުން އުފައްދާ ޓެސްޓްކުރަމުން އަންނަ ވެކްސިނުގެ ކުލިނިކަލް ޓްރަޔަލްގެ ނަތީޖާ އަދި ނުލިބުނަސް ޖަނަވާރުން ބޭނުން ކޮށްގެން ކުރި ޓެސްޓްތައް ކާމިޔާބެވެ. އޮކްސްފޯރޑް ޔުނިވާރސިޓީގެ ޓީމު ލީޑު ކުރައްވާ ސައެންޓިސްޓް ޕުރޮފެސާ ސާރާ ގިލްބާރޓް ވިދާޅުވި ގޮތުގައި އިންސާނުން ބޭނުންކޮށްގެން ކުރާ ޓެސްޓް ކާމިޔާބުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ. ވެކްސިނުގެ ކާމިޔާބުކަން ކަށަވަރުވާއިރު ގިނަ އަދަދަކަށް ވެކްސިން އުފައްދާ ސެޕްޓެމްބަރު މަހު ބޭނުން ކުރަން ފެށުމަކީ އޮކްސްފޯރޑް ޔުނިވާސިޓީ ޓީމުގެ އަމާޒެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355