twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޑަކުދިންގެ ދުވަސް ހިތާމަވެރި އެތައް ޚަބަރަކާއެކު

May 10, 2011

މުހައްމަދު އިސްމާއީލް

ކުޑަކުދިންގެ ދުވަސް ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާއިރު ހުރިހާ ދިމާއަކުންވެސް އިވެނީ ހިތާމަވެރި އަޑުތަކެކެވެ. ފުވައްމުލަކުގައި އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެވެ. ދުވަސްނުފުރާ ވިހޭ ކުއްޖަކު ފަތާ ސަރަހައްދުގެ މޫދުން ފެނުނު ހަބަރެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ނުކުޅެދުންތެރިކަން ހުރި ފިރިހެންކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގައިގެން މީހަކު ހައްޔަރުކުރި ވާހަކައެވެ.

މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު އެންމެ ފުރަތަމަވެސް ފާހަގަކުރަންޖެހެނީ އެކުދިންނަށް ކުރިމަތިވާ ތަފާތު ގޯނާތަކުގެ ވާހަކެވެ. ޖިންސީ ހާނިއްކަ އާއި ނަފްސާނީ އަނިޔާތަކާއި ކުޑަކުދިންނާމެދު ވެވޭ އިހުމާލުތަކުގެ ވާހަކައެވެ. ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ އެކުދިންގެ މުޅި ހަޔާތް ބަރުބާދުކޮށްލާ ހަބަރުތައް ދުވަހު ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ނުހޯދާ ދުވަހެއް މިހާރު މަދެވެ. މިއީ ކުޑަކުދިން ކުރިމަގާމެދު ސުވާލު އުފެދޭ ކަމެކެވެ؟

1989 ވަނަ އަހަރު އދ އިން އެކުލަވާލާފައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާގައި 1990 ވަނަ އަހަރު ރާއްޖެއިން ސޮއިކޮށްފައިވާއިރު އަދި 1991 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު 2009 ވަނަ އަހަރު ފާސްކޮށްފައިވާއިރު، ގަރާރުތަކާއި ގާނޫނުތަށް ތަންފީޛުވަމުންދަނީ ކިހާމިންވަރަކަށް ކަމާމެދު ސުވާލު އުފެދެއެވެ. ކުޑަކުދިންގެ އެތައް މައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުންދާއިރު އާއިލާތެރޭ ސިއްރުކުރެވިފައިވާ އެތައް މައްސަލައެއް ފޮރުވިފައި ހުންނާނެކަމާމެދު ޝައްކެތް ނެތެވެ.

މިއަދު ގައުމުގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވަމުންދާއިރު މާދަމާ ގައުމު ހިންގަން ތިބި ކުޑަކުދިންނާމެދު އިހުމާލުވެ އެކުދިންގެ ކުރިމަގު އަނދިރި ވަޅުގަނޑަކަށް ވެއްޓެންދާއިރު ބަލަން ތިބެވޭކަށް ނެތެވެ. ކުޑަކުއްޖާ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ މަންމައަށާއި ބައްޕައަށް އެކުއްޖާގެ މައްޗަށް ހައްގުތައް އަދާކުރުމުގައި ސަމާލުވާންޖެހެއެވެ. ދުނިޔެއަށް ދޫކޮށްލާ ފުރަތަމަ ނޭވަޔާއެކު އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޒުމްކަނޑައަޅަންޖެހެއެވެ. ވަށައިގެންތިބި ޝިކާރަވެރިންގެ އަތްދަށުން ސަލާމްތަކުރުމަށް ހޭލާ ތިބެންޖެހެއެވެ. ޖިންސީ ހާނިއްކައަކީ ސިއްރުން ރޭވިގެން ގިނަދުވަހުން ހިންގާ ކަމަކަށްވާއިރު ބެލެނިވެރިން ސަމާލުވެއްޖެނަމަ ދަރިފުޅު ހަޔާތުގައި އެކަޅު ލައްގަނޑު ޖެހުމުން ސަލާމަތްކުރަން ފަސޭހަވާނެއެވެ.

ކުޑަކުދިންގެ ވާހަކަ ދައްކާއިރު ދެން އެންމެ ބޮޑު މައްސަލައަކީ ކުޑަކުދިން ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ކަމެވެ. މީހުންމެރުމާއި ފޭރުމާއި ވައްކަންކުރުމުގެ ބޮޑު ކޮންމެ މައްސަލައެއްގައި ހެން ކުޑަކުއްޖަކު ޝާމިލުވެއެވެ. ފުލުހުންގެ ރެކޯޑް ތަކުން ދާއްކާގޮތުގައި ތަކުރާރުކޮށް ކުށްތަކަށް އަރަގަންނަ މީހުންގެ ތެރޭގައި އުމުރުން އެންމެ 18 އަހަރުނުވާ ކުޑަކުދިން ހިމެނުމަކީ މިއަދު ވިސްނަންޖެހިފައިވާ މައްސަލައެކެވެ. ސަރުކާރާ ކޯޓުތަކާއި ފުލުހުންގެ މަސްއޫލިއްޔަތުގެ ކުރިއަށް މިކަމުގައި ބެލެނިވެރިންގެ މަސްއޫލިއްޔަތު އިސްވެއެވެ. އެހެނީ، ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިއްމު ރޯލެއް ކުޅެންޖެހެނީ މައިން ބަފައިންނެވެ. އެއަށްފަހު މުދައްރިސުންނެވެ. އޭގެ ބޭރުން ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް ގާނޫނުތައް ތަންފީޒުކުރުމަކީ ދައުލަތުގެ ޒިންމާއެވެ.

18 އަހަރު ނުވާކުދިން ބަދުއަހުލާގީ ތަފާތު މައްސަލަތުގައި ހައްޔަރުކުރެވޭ ވާހަކައަކީވެސް އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. އުމުރުން 18 އަހަރުވުމުގެ ކުރިން ބަލިވެއިންނަ ކުދިންގެ އަދަދު އިތުރުވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރަމުންދާއިރު، ކުލީ ކޮޓަރިތަކުގައާއި ގެސްޓުހައުސްތަކުން ކުޑަކުދިން ބައިވެރިކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ދަނީ ކުރަމުންނެވެ. އޭގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން ރެސްޓޯރެންޓްތަކުގަޔާއި އާންމު މައިދާންތަކުގައި ބޭއަދަބީ ބަހުރުވައިން މުއާމަލާތުކޮށް، މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލުކުރަމުންދާކަމީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުންދާއިރު ސިނކުޑީގައި ބަހައްޓަންޖެހޭ މުހިއްމު ކަންކަމެވެ.

ގައުމުގެ ހުރިހާ ދިމާއަކުން ކަންބޮޑުވުމާއި ހާސްކަން ފެނެއެވެ. ކުޑަކުދިންގެ ދުވަހެއް ފާހަގަކުރިއަސް އަދި އެނޫން ދުވަހެއް ފާހަގަކުރިއަސް މުޅިންވެސް މައްސަލަތަކުގެ ވާހަކައެވެ. މިއަދު، ގައުމު އެއްކޮށް ތެދުވަންޖެހެނީ އިސްލާމީ ރިވެތި އުޞޫލުތައް މިގައުމުގައި ފެތުރުމަށެވެ. ގޭތެރޭގަޔާއި ސްކޫލްތަކުން ފެށިގެން ދައުލަތު މުއައްސަސާތަކުގައި ދީނުގެ މަތިވެރި އުޞޫލުތައް ކުރިއަރުވަން މަސައްކަތްކުރަންޖެހެއެވެ. ހައްލަކީ އިސްލާމްދީނެވެ. ހައްލަކީ މަތިވެރި އަހުލާގު އެންމެންގެ ކިބައިގައި އަށަގެންނެވުމެވެ. އެއީ މިއަދުގެ މުނާސަބަތުގައި ކުރަންޖެހިފައިވާ އެންމެ މުހިއްމު އެއް މަސައްކަތެވެ. އެހެންނޫނީ މިފަދަ ކޮންމެ ދުވަހެއް ފާހަގަކުރަންޖެހޭނީ ހިތާމަވެރި އެތައް ޚަބަރަކާއެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355