ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ކޮށް ރާއްޖޭގައިވެސް ހަލުވިކަމާއި އެކު މި ބަލި ފެތުރެމުންދާތީ މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހަދުމަށާއި، ގޭގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ގާއިމްކުރުމަކީ އިސްލާމް ދީނުގެ ވަރަށް މަތިވެރި ޝިއާރެއް ނަމަވެސް މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ނުރައްކާތެރި އަލާމީ ވަބާއިން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުކުމެ، ގިނަމީހުން އެއްތަނަކަށް އެއްވެއުޅުން މަނާވެ މިސްކިތުގެ ޖަމާއަތް ހުއްޓާލެވި ގޭގައި މަޑުކުރަން ޖެހިފައިވާ މި ދަނޑިވަޅުގެ ސަބަބުން އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއިމު ނުކުރެވޭފަދަ ހާލަތެެއް މެދުވެރިވެއްޖެނަމަ ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމުކުރުން ޝަރުއުވެގެން ވާކަމަށެވެ.
އެގޮތުން ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތްފާއިތުވެއްޖެނަމަ އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާކަމަށް ސައްހަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވެ އެވެ.
އެފަދަ ހާލަތުގައި ގޭގައި އީދު ނަމާދުކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް އީދުނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ޙާކިމާގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކުއުމަށް އޮންނަ ސުންނަތެއް ކަމަށާއި ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯނާނެ ކަމަށެވެ. އީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާއި ނުލާއެވެ. ގޭގައި އީދުނަމާދު އެކަނިވެސް ކުރެވޭނެ އެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާއަތުގައި ކުރުން އައުލާކަން ބޮޑުކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން މިިމަހު 28 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.