ލޮކްޑައުން ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތުގެ ޖަމާއަތް ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ފެށުމާ ގުޅޭގޮތުން ސިއްހީ ޑޮކްޓަރުންނާއި މަޝްވަރާކުރެއްވި ކަމަށާ އެ ބޭފުޅުންގެ ލަފާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތުގެ ޖަމާއަތް ފެށިދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތުން ކަނޑައެޅޭ ވަކި ރަށްރަށެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގެ ޖަމާއާތް ހުޅުވާލާނެ ކަމަށެވެ. ޑޮކްޓަރުން ލަފާ ދެއްވަނީ މިސްކިތްތައް ހުޅުވާލިޔަސް އުމުރުން ދުވަސްވީ މީހުން ޖަމާއަތަށް ނުދިއުމަށާއި މުސައްލަ ހިފައިގެން އަދި ގެއިން ވުލޫކޮށްގެން މިސްކިތްތަށް ދިއުމަށްކަމަށެވެ.
އަދި މިސްކިތުގައި ގިނަ އިރު މަޑު ނުކުރުމަށާއި މިސްކިތަށްދާއިރު މާސްކް އަޅަންވެސް ޑޮކްޓަރުން އިރުޝާދު ދެއްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި މައްސަލާގައި އަސްލެއްގެ ގޮތަށް މި ބަލަނީ ޑޮކްޓަރުންގެ ލަފާ. ޑޮކްޓަރުންގެ ބަސް އެއީ ފަހު ބަސް ކަމަށް އަޅުގަނޑުމެން ބަލަނީ. މިއަދު ޑޮކްޓަރުންނާ އެކު މަޝްވަރާ ކުރިން ޑޮކްޓަރުންނާ މިސްކިތުގެ ޖަމާއަތް ފެށުމާ ބެހޭ ގޮތުން. އެ ބޭފުޅުން ވިދާޅުވަނީ މިސްކިތު ޖަމާއަތް ފެށިދާނެއޭ ރައްކާތެރިކަމާ އެކު." މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލިތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައިވެ އެވެ.