twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފަތިސް ނަމާދުން ފެށިގެން ކުޅުދުއްފުށީގެ މިސްކިތްތައް ހުޅުވާލަނީ، އީދު ނަމާދުވެސް އޮންނާނެ

- އީދު ނަމާދު އޮންނާނީ ހުކުރުކުރާ މިސްކިތްތަކުގައި
- ރައްކާތެރިވުމުގެ ގޮތުން މުސައްލަ، އަދި މާސްކް އެޅުން މުހިންމު
- މިނިސްޓްރީން ކައުންސިލަށް މިކަން އެންގީ ދަންވަރު 12 ޖެހިފަހުން

އަބްދުލް ވާހިދު ޙަސަން
May 24, 2020
5

މިރޭ ފަތިސް ނަމާދުން ފެށިގެން ކުޅުދުއްފުށި ސިޓީގެ މިސްކިތްތައް ހުޅުވާލަން ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ. ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގެ ޖަމާއަތް އަލުން ފެށުމަށް ފުރަތަމަ ހިމެނި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ހިމެނިފައިނުވެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން 25 ރަށެއް ފިޔަވައި އެހެން ރަށްތަކުގެ ޖަމާއަތް ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ދެންމެ ކޭއޯއަށް ވިދާޅުވީ، މިރޭ ފަތިސް ނަމާދުން ފެށިގެން ކުޅުދުއްފުށީ މިސްކިތްތަކުގެ ޖަމާއަތް ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީ ހުއްދަ ދީފައިވާ ކަމަށެވެ.

"ދެންމެ އަޅުގަނޑުމެންނަށް މިނިސްޓްރީގެ ޝަރކިއުލަރ ލިބުނީ. މިހާރު މިއުޅެނީ އިމާމުންނަށް އެކަން އަންގާ އީދު ނަމާދުގެ ހުތުބާ ހަވާލުކުރުމުގެ މަސައްކަތުގައި." ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، އެހެންވުމުން މާދަމާ ކުޅުދުއްފުށީގެ މިސްކިތްތަކުގައި ފިތުރު އީދު ނަމާދުކުރުން އޮންނާނެ ކަމަށާއި އީދު ނަމާދުކުރާނީ ހުކުރު ކުރާ ފަސް މިސްކިތުގައި ކަމަށެވެ.

ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް

  • ގެއިން ވުޝޫކޮށްގެން މިސްކިތަށް ދިޔުން
  • ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • މުސައްލައެއް ހިފައިގެން ދިޔުން
  • ރޯގާގެ އަލާމާތެއް ހުންނަ މީހުން މިސްކިތަށް ނުދިއުން
  • މިސްކިތަށް ދާއިރު މާސްކް އެޅުން

އެގޮތުން މަސްޖިދުލް ޖަމާއަތުގައި އީދު ނަމާދުކުރައްވާނީ މުހައްމަދު އަލީ އެވެ. އަދި މަސްޖިދުލް ހަސަނާތުގައި ހުސެއިން އަހުމަދު، މަސްޖިދުލް ހަޟްރަތުގައި އަބޫބަކުރު ހަސަން، މަސްޖިދުލް ނޫރުގައި ހުސެއިން މުހައްމަދު، މަސްޖިދުލް ފިރުދައުސްގައި އީދު ނަމާދުކުރައްވާނީ ހަސަން ސޮބާހް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355