ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ކުރީސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އިންޓިއުބޭޝަން ފޮށިތަކެއް އުރީދޫއިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފިއެވެ.
އުރީދޫއިން ބުނީ ކޮވިޑް-19 އަށް ޓެސްޓުކުރާ ފަރާތްތަކަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ 50 އިންޓިއުބޭޝަން ފޮށި އެންޑީއެމްއޭއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.
އިންޓިއުބޭޝަން ބޮކްސް އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަށް އިންޓިއުބޭޝަންގެ ޕްރޮސީޖާ ކުރިޔަށްދާ ވަގުތު ބަލި މީހާ އާއި ހިދުމަތްދޭ ފަރާތް ވަކިކޮށްލުމަށް ދާދި ފަހުން ޓައިވާންގައި ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕޮލިކާބޮނޭޓް ފޮށިތަކެކެވެ. އުރީދޫއިން ބުނީ ސިއްހީ ދާއިރާގެ މާހިރުންގެ ގައިޑްލައިންގެ ދަށުން އިންޓިއުބޭޝަން ފޮށިތައް އިތުރަށް މޮޑިފައިކޮށްފައިވާނެ ކަމަށެވެ.
އިންޓިއުބޭޝަން ފޮށިތައް ވީހާވެސް އަވަހަކަށް ހޮސްޕިޓަލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ޑިޒައިން އަދި ޑިވެލޮޕްމެންޓުގެ މަސައްކަތް ކުރާނީ މެޓަލް ސައިންސް ޕްރައިވެޓް ލިމިޓުން ކަމަށް އުރީދޫއިން ބުނެ އެވެ.
ރައީސް އޮފީހާއި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، ދާދި ފަހުން އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އުރީދޫއިން ދަނީ އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އުރީދޫގެ ކަސްޓަމަރުންނަށް މިދުވަސްވަރު ދިމާވާދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ސްޕެޝަލް އޮފަރއެއްގެ ގޮތުގައި ހިލޭ ޑޭޓާގެ އިތުރުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ތައާރަފް ކުރެވިފައެވެ.