ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ޕެންޝަން ފަންޑަށް އެންމެ ބޮޑު ހޭދައެއްކުރާ އެއްޤައުމަކީ ދިވެހިރާއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން ޕެންޝަން ފައިސާނެގުމުގެ އަޑުގަދަވެފައިމިވާ ދަނޑިވަޅުގައި، ޕެންޝަންގެ ބޭނުމަކީ ކޮބައިކަމާއި އަދި އެއީ ކިހިނެއް ލިބޭ ފައިސާއެއްކަން އެނގުން މިވަނީ ލާޒިމުވެފައެވެ. ހަމައެހެންމެ، މިޙާލަތުގައި ޕެންޝަން ފައިސާ ދޫކުރުމަށް ޤާނޫނު ތަންދޭތޯ ބަލާލުންވެސް މުހިންމެވެ.
65 އަހަރުފުރި ވަޒީފާއިން މުސްކުޅިކުރުމުން، ނުވަތަ 55 އަހަރުވުމުން ވަޒީފާއަދާކުރާ ފަރާތުން އަމިއްލައަށް ވަޒީފާއިން މުސްކުޅިވުމުން، ރިޓަޔަރމަންޓް ޕެންޝަން ފައިސާ ކޮންމެ ރައްޔިތަކަށްމެ ލިބެންފަށައެވެ. މިގޮތުން ވަޒީފާދޭ ފަރާތުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވެ، ކަނޑައެޅިފައިވާ އަދަދަށްވާ ފައިސާ ޕެންޝަން ފަންޑަށް ޖަމާކުރުމަކީ، ވަޒީފާދޭ ކޮންމެ ފަރާތަކަށް ލާޒިމުކަމެކެވެ. މިގޮތުން މުސާރައިގެ 7 އިންސައްތަ ވަޒީފާއަދާކުރާ ފަރާތުން، އަދި ވަޒީފާދޭ ފަރާތުން 7 އިންސައްތަ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ކޮންމެ މަހަކު ދައްކަންޖެހޭނެއެވެ. މީގެއިތުރުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، މަސްވެރިންނާއި ދަނޑުވެރިންނަށްވެސް މި ސްކީމްގައި ބައިވެރިވެ، އެމީހަކު ކަނޑައަޅާ އަދަދަކަށް ފައިސާދައްކަމުން ދިއުމުގެ އިޚްތިޔާރުއޮވެއެވެ.
ރިޓަޔަރމަންޓް ޕެންޝަން ފައިސާއަކީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރެވޭ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން ދެވޭ ފައިސާއެކެވެ. އެހެންކަމުން، ހަރުދަނާ އުސޫލެއްގެ މަތިން ޕެންޝަން ފައިސާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ އިންވެސްޓްކުރުމެވެ. މިސްކީމަށް ޖަމާކުރެވޭ ފައިސާ، ގަވަރމަންޓް ސެކިއުރިޓީޒް އާއި އަދި އެހެނިހެން ސެކިއުރިޓީޒް (ކުންފުނިތަކުގެ ޙިއްޞާ އަދި ބޮންޑުފަދަ ސެކިއުރިޓީޒް) ތަކުގައި އިންވެސްޓްކުރެއެވެ. ޕެންޝަން ސްކީމުގެ ދަށުން ކޮންމެ މަހަކު ދެވޭ ފައިސާއަކީ، މި ކުރެވުން އިންވެސްޓްމަންޓުން ލިބޭ ފައިދާއެވެ. ވީމާ ޕެންޝަން ފަންޑަކީ މި އުސޫލުގެ ދަށުން ހިންގުމަށް އެކުލެވިފައިވާ ފަންޑަކަށްވެފައި، ކުއްލިއަކަށް ބޭނުންވުމުން ނެގޭނެގޮތަށް ލިކުއިޑް ކޭޝް ނުވަތަ ނަގުދު ފައިސާ ހުންނަ ފަންޑެއްނޫނެވެ.
ޕެންޝަން ޤާނޫނު އޮތްގޮތުން، ރިޓަޔަރމަންޓްގެ ކުރިން ރިޓަޔަރމަންޓްގެ ފައިސާ ބޭނުންކުރުމަށް ތަންދެނީ ފަރުޟު ޙައްޖުވުމަށާއި، ގެދޮރު ގަތުމަށް ބެންކު ގެރެންޓީ ދިނުމަށް އެކަންޏެވެ. މިގޮތުން، މިނޫންކަމަކަށް ރިޓަޔަރމަންޓް ފައިސާ ދޫކުރެވޭނީ ޤާނޫނަށް ބަދަލު ގެނައުމަށްފަހުއެވެ. ހަމަމިއާއިއެކު، ޕެންޝަން ލިބޭ އުމުރު ހަމަވުމުގެކުރިން، ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތް ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓުމަކީވެސް، ޕެންޝަން ސްކީމްގެ މަޤްސަދު ޙާޞިލުކުރުމަށާއި، ޕެންޝަން ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކޮންމެހެން ލާޒިމު ކަންކަމެވެ.
ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގެ އެންމެ ބޮޑު އެއްއަމާޒަކީ ވަޒީފާއިން މުސްކުޅިވުމަށްފަހުވެސް، ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓޭނެގޮތެއް ހޯދައިދިނުމެވެ. ޒުވާން އުމުރުގައި މި ސްކީމްގެ ދަށުން ފައިސާ ރައްކާކުރުމުން، އާއިލާއަށް ނުވަތަ ދައުލަތަށް ބަރޯސާވުމެއްނެތި ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދެއެވެ. މީގެއިތުރުން، ޕެންޝަން ފަންޑުގެ ފައިސާއިން މިބޭނުން ޙާޞިލުވުމަކީ، ދައުލަތަށްވެސް ލިބިގެންދާނެ ވަރަށް ބޮޑުލުޔެކެވެ. ސަބަބަކީ، އިތުރުވަމުންދާ އިސްރަށްވެހިންގެ އާބާދީއަށް ދެމެހެއްޓެނިވިގޮތެއްގައި އިނާޔަތްތައް ދިނުމަކީ، ދައުލަތުގެ މާލިއްޔަތަށް ބުރައަކަށް ވެގެންދިޔުމެވެ. ނަމަވެސް، މި ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން ޕެންޝަން ފައިސާ ދުރާލާ ރައްކާކުރުމުން، ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ފައިސާ ދިނުމަށް މަގުފަހިވެ، މިފައިސާ ހޯދުމަށްޓަކައި އިތުރު ޓެކުހެއް ނަގަންނުޖެހެއެވެ.
ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް އެންމެ ބޮޑު މަންފާއެއްލިބޭނެ ގޮތަކަށް، އަދި ފައިސާގެ ރައްކާތެރިކަމަށް ބަލާ، މިފައިސާ އިންވެސްޓްކުރުމަކީ މުހިންމު ކަމެކެވެ. އަދި ޕެންޝަން ފަންޑުގެ މަފްހޫމް ނުގެއްލޭފަދަ ގޮތަކަށް އެފަންޑުގެ ބޭނުން ކުރެވޭނެގޮތް ހެދުމަކީވެސް ރައްޔިތުންނަށް ފައިދާވާނެކަމެކެވެ.
އަލްއުސްތާޛާ ޠާހިރާ ޢުމަރުއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު