twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: އިންސާނީ ވަގުވިޔަފާރި އެނގެނީ ކިހާވަރަކަށް؟

Jun 11, 2020

ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ހަމައެހެންމެ މިފަދަ ބިދޭސީންގެ މައްސަލައިގާ ކުށްވެރިވަނީ، ހަމައެކަނި ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން އެކަނިކަމުގައިވެސް ބެލެވޭކަށްނެތެވެ. އެހެނީ ބިދޭސީން ރާއްޖެގެނައުމުގައި މެދުވެރިވާ އޭޖެންޓުން، އެ ބިދޭސީ މީހާއަށް ވަޢުދުވެފައިވާ ވަޒީފާ ހަމަޖައްސައިދިނުމެއްނެތި ދޫކޮށްލަނީ ކިތައްފަހަރުތޯއެވެ؟ ގިނަ ފަހަރު ކުރާނެ މަސައްކަތެއް ނުލިބި އެގޮތްމިގޮތުން މަސައްކަތް ހޯދައިގެން ބަނޑުފުރާން ޖެހިފައިވަނީ ކިތައް މީހުންނަށްތޯއެވެ؟ މިފަދަ ޢަމަލުތަކަކީ މީހުން ޓްރެފިކްކުރުން، ނުވަތަ އިންސާނީ ވަގުވިޔަފާރީގެ ތެރޭގައިހިމެނޭ ކަންކަމެކެވެ. މިގޮތުން މިކަން ޤާނޫނުގައި އޮތްގޮތަށް ބަލާލަމާތޯއެވެ.

މީހުން ޓްރެފިކްކުރުން

ދިވެހިރާއްޖޭގެ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައިވާގޮތުން، ރޭވުމަކުން ނުވަތަ މަކަރާއި ޙީލަތުން މީހަކު އެއްޤައުމުން އަނެއްޤައުމަށް، ނުވަތަ ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ، އިންސާނީ ވަގުވިޔަފާރީގެ ޢަމަލެކެވެ. ހަމައެހެންމެ، މީހަކަށް މަޖުބޫރުކުރުވައިގެން އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ، ނުވަތަ މަޖުބޫރުކުރުވައިގެން މީހަކު ލައްވާ މަސައްކަތް ކުރުވުމަކީވެސް، މީހުން ޓްރެފިކްކުރުމުގެ ޢަމަލެކެވެ. މިސާލަކަށް، ބިދޭސީ މީހަކަށް ރާއްޖެއިން ރަނގަޅު ވަޒީފާއެއް ހޯދައިދޭނެކަމުގައި ބުނެ އޮޅުވާލާ، އަދި އެބިދޭސީމީހާގެ އަތުން ފައިސާ އަތުލުމަށްފަހު ރާއްޖެގެނެސް، އެމީހާގެ ޕާސްޕޯރޓް އަތުލައި އެމީހާއަށް ވަޢުދުވެފައިވާ ވަޒީފާގެ ބަދަލުގައި އެހެން މަސައްކަތެއް އެ ބިދޭސީމީހާ ލައްވާ މަޖުބޫރުން ކުރުވުމަކީ، ޓްރެފިކް ކުރުމުގެ ޢަމަލެކެވެ.

އަދި ހަމައެފަދައިން މީހަކު އެއްތަނުން އަނެއްތަނަށް ގެންދިއުމަށްފަހު، އެމީހަކު ލައްވާ ގަދަކަމުން ޤާނޫނީގޮތުން ކަންތައްތަކެއް ކުރުން ލާޒިމުވާފަދަ އެއްބަސްވުމެއްގައި ސޮއިކުރުވުން، ކައިވެނިކުރުވުން، ނުވަތަ ޞިއްޙީ ޓެސްޓެއް ހެދުވުންފަދަ ކަމެއްކުރުވުމަކީވެސް، އިންސާނީ ވަގުވިޔަފާރީގެ ޢަމަލެކެވެ. އިންސާނީ ވަގުވިޔަފާރި ކުރުމަކީ ޖިނާއީ ކުށެކެވެ. މިސާލަކަށް، ކައިވެނި ކުރާނެކަމުގައިބުނެ ހައްލާލައިގެން އަންހެންކުއްޖަކު ހުރި ރަށުން ގެނެސް، އެކުއްޖަކާއި ކައިވެނިނުކޮށް އެކުއްޖާ ލައްވާ އެކަށީގެންވާ އުޖޫރައެއްނެތި މަސައްކަތްކުރުވުމަކީ، އެކްސްޕްލޮއިޓޭޝަން ނުވަތަ ނަހަމަ ބޭނުންކުރުން ހިމެނޭގޮތުން މީހަކު ޓްރެފިކްކުރުމެވެ.

އިންސާނީ ވަގުވިޔަފާރިކުރާ މީހުން ދެނެގަތުން

އިންސާނީ ވަގުވިޔަފާރި ކުރުމަށްޓަކައި އެއްޤައުމުން އަނެއް ޤައުމަށް، ނުވަތަ ރާއްޖޭގެ އެއްސަރަޙައްދުން އަނެއް ސަރަޙައްދަށް މީހަކު ގެންދިއުމަށްޓަކައި، ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްޓަކައި، ޓްރެފިކްކުރެވޭ މީހަކާ ޙަވާލުވުން ނުވަތަ އެފަދަ ކަމެއް ރޭވުން، ނުވަތަ އެފަދަ ކަމަކަށް މަގުފަހިކުރާ ކޮންމެ މީހަކީވެސް، އިންސާނީ ވަގުވިޔަފާރިކުރާ މީހެއް ކަމުގައި ބެލެވޭނެއެވެ. އަދި ހަމައެހެންމެ، ޓްރެފިކްކުރެވޭ މީހާގެ ބޭނުން ނަހަމަގޮތުގައި ހިފުނުކަމުގައިވިޔަސް، އިސްވެބަޔާންކުރެވުނު ކަންކަމުގެ ތެރެއިން ކަމެއްކުރާ ކޮންމެ މީހަކީވެސް، އެކްސްޕްލޮއިޓޭޝަން ހިމެނޭގޮތުން މީހުން ޓްރެފިކްކުރާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

އިންސާނީ ވަގުވިޔަފާރީގެ އަދަބު

އިންސާނީ ވަގުވިޔަފާރިއަކީ 10 އަހަރުދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކުށެކެވެ. އަދި އިންސާނީ ވަގުވިޔަފާރީގެ ޢަމަލެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުމާއި، އެކަން ރޭވުމާއި، އަމުރުކުރުމާއި، މިކަމަށް މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާއްދީ މަންފާއެއް ހޯދުމަކީވެސް، 7 އަހަރުދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކުށެކެވެ. އަންނަނިވި ޙާލަތްތަކުގައި ވަގުވިޔަފާރިކުރާ މީހާގެ ކުށަކީ، 15 އަހަރުދުވަހަށް ޖަލަށްލުމެވެ.

  • ޓްރެފިކްކުރެވޭ މީހާ މަރުވުން ނުވަތަ ބޮޑު ހާނިއްކައެއްވުން، ނުވަތަ އަނިޔާވެރިކަން ހިމެނިގެންވުމާއި، ހަތިޔާރެއް ބޭނުންކުރުމާއި ޓްރެފިކްކުރެވޭ މީހާގެ ކަރާމާތަށް ގެއްލުން ލިބުމާއި، މަސްތުވާ އެއްޗެއްދީގެން ޓްރެފިކްކުރުވުން؛
  • ޓްރެފިކްކުރެވޭ މީހާ އެކްސްޕްލޮއިޓް ކުރެވޭނެކަން އެނގިހުރެ ޓްރެފިކްކުރުން؛
  • ޓްރެފިކްކުރެވޭ މީހަކީ، ޚާއްޞަ އަޅާލުމެއް ނުވަތަ އެހީއަށް ބޭނުންވާ މީހަކަށްވުން؛
  • ޓްރެފިކްކުރެވުނީ ކުޑަކުއްޖެއް ކަމުގައިވުން، ނުވަތަ އެކަކަށްވުރެ ގިނަމީހުން ކަމުގައިވުން؛
  • ކުރިން އެކުށް ސާބިތުވެފައިވާ މީހެއް ނުވަތަ ކުށްކުރާ ޖަމާޢަތަކުން މީހެއް ކަމުގައިވުން؛
  • ސިވިލް ސަރވިސްގެ މުވައްޒަފެއް ނުވަތަ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފެއް ކަމުގައިވުން؛
  • ޓްރެފިކްކުރެވޭ މީހާގެ ޙަޔާތުގެ ބައިވެރިޔާއަށްވުން؛ އަދި
  • ޓްރެފިކްކުރެވޭ މީހާ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއް ކަމުގައިވުން.

ނިންމުން

އިންސާނީ ވަގުވިޔަފާރި ކުރުމުގައި ރާއްޖެއަށް ލިބިފައިވަނީ ހުތުރު ނަމެކެވެ. މިކަމުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީ މީހާއަށްވުރެ، ގަވައިދާ ޚިލާފަށް ބިދޭސީމީހާ އެތެރެކުރާ ފަރާތްތައް މާބޮޑަށް ކުށްވެރިވެއެވެ. ގަވައިދާ ޚިލާފަށްއުޅޭ ބިދޭސީމީހާ އަނބުރާ ޤައުމަށް ފޮނުވާލުމަކީ، އަދި އެންމެ އެދެވިގެންވާ ޙައްލެއްނޫނެވެ. ސަބަބަކީ، ބިދޭސީންގެ މައްސަލަ ޙައްލުވާނީ އެފަދަ މީހުން ޓްރެފިކްކުރާ ކުންފުނިތަކާއި، އޭޖެންޓުންނަށް ކަނޑައެޅިފައިވާ ޙައްޤު އަދަބު ދެވިގެންނެވެ. މި މައްސަލަ މުލުން ލުހެލެވޭނީ އޭރުންނެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355