twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނިއު ނާމާން

Jun 14, 2020

"ދުނިޔެއިން އަރިދަފުސް ރޯގާ ނައްތާލުން" މިސުރުޚީގެ ދަށުން އަހަރެން ފުރަތަމައަށް ލިޔުނު ލިޔުމުގައި އަރިދަފުސް ރޯގާއާމެދު އިންސާނުން މިހާތަނަށް އަޑުއަހާފައިނުވާ މުޅީން އައު ޙަޤީޤަތްތަކެއް ގެނެސްދީފައިވާނެއެވެ. ރޯގާޖެހުމަކީ އޭގައި އިންސާނާއަށް ބައެއް ކަހަލަ ފައިދާތަކެއް ލިބޭ ކަމެއް ކަމަށް ބައެއް މީހުން ކުރާ ދަޢުވާތަކަށް ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ރައްދުދީފައިވާނެއެވެ. އަހުރެން ލިޔުނު މި އައު ލިޔުމާ ގުޅިގެން ދުނިޔޭގެ ވަރަށް މަޝްހޫރު ސައިންސްވެރިންނާއި ކަމާބެހޭ މޮޅެތި ޑޮކްޓަރުން ސިއްރުންނާއި ފާޅުގައި އަހުރެންގެ ލިޔުމަށް އާޑަފުރައްސާރަކޮށްފައިވެއެވެ. ކަމުގެ އައު ކަމުންނާއި އަހުރެން ގެނެސްދިން ޢިލްމީ ޙަޤީޤަތްތަކުގެ މޮޅުކަމުންނާއި އަހުރެން ފަދަ ނިކަމެއްޗަކު އެއިން އެކަކަށްވުރެ ކުރިން އެވާހަކަ ދެއްކިޔަތީވެ، އަރާ ރުޅިއާއި ހަސަދަވެސް މިކަމުގައި ދައުރެއް ކުޅޭނެތާއެވެ. އަހުރެންނަކީ މުޅީން ފޭކްނިއުސް ގެންނަ މީހެއްގެ ގޮތުގައި ސިފަކޮށް އަހުރެންނަށް އެލިޔުމާއެކު ލިބުނު މަޝްހޫރުކަން ފިލުވާލަން އެބައިމީހުން މަސައްކަތްކޮށްފައިވެއެވެ.

ހަމައެޔާއެކު ހިނގި އަނެއް ކަންތަކެވެ. އެ ލިޔުން ވިދާޅުވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އަހަރެންނަށް ގުޅައި، އެ ލިޔުމަކީ އެފަދަ މުހިންމު މައުޟޫއެއްގައި ލިޔެފައިވާ ވަރަށް ކުރު ބަޔާނެއްކަމަށާއި، އިތުރު ތަފުސީލުތަކާއެކު އެ މައުޟޫއަށް ފުރިހަމަ ފޮތެއް ލިޔެ އެފޮތުގައި އަހުރެންގެ މި ޕްރޮޖެކްޓް ހިންގާނެ ފުރިހަމަ ތަސައްވުރެއް ގެނެސްދޭންޖެހޭކަމަށް ވަރަށް ބޮޑަށް އެދިފައިވެއެވެ. ހަނދާން ނައްތައެއް ނުލާނަމެވެ. ދުވަހަކު ވެސް އެ ބޭފުޅުން އެދެއްވި ހިތްވަރާއި ސާބަސް ހިތަކުން ނުފިލުވާނަމެވެ. މާދަމާ އަހުރެންވެސް ސައިންސްވެރިންގެ ތެރޭގައި ނަން މަޝްހޫރު އެކެއްގެ ގޮތުގައި ގުނާނެއިރު، ހަމަ ގައިމު އަހަރެންގެ އެބޮޑު ކާމިޔާބުގެ ފަހަތުގައިވަނީ އަހުރެންނަށް ހިތްވަރުގެ ލަފުޒުތަކާއި ޖުމުލަތަކުން އަރިސްކުރި މީހުންނެވެ.

ވިދާޅުވަމުން ތިޔަގެންދަވަނީ ފޮތެވެ. އަހުރެންނާއި އެހެން މީހުން އަދި އަހުރެންގެ ފުރަތަމަ ލިޔުން ކިޔާފައިވާ ވަރަށް ގިނަ މީހުން އެދިއެދި ތިބި އާދޭހުގެ ޖަވާބެވެ. ދުނިޔެއިން އަރިދަފުސް ރޯގާ ނައްތާލާނެ ގޮތުގެ ފުރިހަމަ މަޝްރޫޢު އަކުރުން އަކުރަށް ފިލިން ފިއްޔަށް ބަޔާންކޮށްދީފައިވާ ތަފުސީލު ފޮތެވެ."

ހަމަރް ކިޔަމުން ދިޔަ ފޮތް ލައްޕާލީ އަމިއްލަ އަތަކުން ނޫނެވެ. އެޅުނު ބާރު ކިބިހީގައި ހުރި ވައިގެ ބާރުންނެވެ. ހަމަރްގެ ހަޔާތުން މިއަދު ސާޅީހުގެ އަހަރުތައް ގުނާއިރު ރޯގާއަށްވުރެ އޭނާގެ ހަޔާތުގައި އޭނާއަށް ނޮހޮރުއްޕާން އެރުވި އެހެން އެކައްޗެއް ވެސް ނެތެވެ. ހަމަރްގެ ހަޔާތުގައި މިއީ ރޯގާޖެހުނު 5 ވަނަ ފަހަރެވެ. އެންމެ ފަހުން ހަމަރްއަށް ރޯގާޖެހުނު ފަހަރުގައި އޭނާގެ ލޯބިވެރިޔާ އޭނާއާ ވަކިވެދިޔައީ ހަމަރްއަށް އެޅުނު ބާރު ކިބިހީގެ ސަބަބުން ސިމާޔާގެ ދެކަންފަތަށް އެރި ލޮޅުމެއްގައި ހާރޓް އެޓޭކެއް ޖެހިގެންކަމަށް ބަޔަކު ބުނެފައިވެއެވެ. އެކަމުގައި ވެސް ސިމާޔާއަށް ފަރުވާކުރި އެއްވެސް ޑޮކްޓަރަކު ވެސް، އަދި ދީނީ ގޮތުން ސިމާޔާގެ ހާލަތަށް ނަޒަރެއް ދެއްވި އެއްވެސް ދެބޭފުޅަކު ވެސް އެކައްޗެއް ކިޔާފައި ނުވެއެވެ.

ހަމަރް އަށް އެނގެނީ އެފަހަރު ޖެހުނު ރޯގާއިން އެޅޭ ކިނބިހީގެ އަޑު ވަރަށް ބާރުކަމެވެ. މިފަހަރު މިޖެހުނު ރޯގާއިން މިއެޅޭ ކިބިހީނގައި އެއްވެސް އަޑެއް ނެތަސް ވައިގަދަކަމެވެ. އަޑެއް ނެތި އަނގައިން ނުކުންނަ ތޫފާނެކެވެ. ރަނގަޅެވެ. ހަމަ މިހާ ނުރައްކަލެވެ. ޑރ ފަހުލީލާ ލިޔުއްވާފައިވާ "ދުނިޔެއިން އަރިދަފުސް ރޯގާ ނައްތާލުން" މި ފޮތަކީ އެތައް ސައިންސްވެރިން އެފޮތުގެ ދޮގު ބުހުތާންކަމާމެދު ވާހަކަ ދައްކާ ފޮތެއް ނަމަވެސް އެފޮތް ލިބުންތާކުން އަގުބޮޑުކޮށް ގަނެގެން ހަމަރް އެ ފޮތް ކިޔާނަމޭ ހިތާ މިއުޅެނީ ކަމެއްވީމައެވެ. ސައިންސްވެރިން ބުނަނީ ޑރ.ފަހުލީލާގެ ފޮތުގައި ހުރީ ރޯމަރު ބުހުތާނާއި ކަޅު ޚުރާފާތްތައްކަމަށެވެ. ސައިންވެރިންނާއި ކިޔަވައިގެން ތިބި ޑޮކްޓަރުން އެހެން ބުނެއެވެ. އެކަމަކު މިހާތަނަށް ފަރުވާއެއް މާބޮޑު ހޯދިފައި ނުވާ މިކަހަލަ ރޯގާއަކާ މެދު ޚިޔާލީ ވާހަކަތަކެއް މީހަކު ދައްކާފައި އޮތަސް ކިޔާލުން ގޯހެއް ނޫންތާއޭ، އެހެނީ މަށަށް ޖެހިފައި މިހުރި ރޯގާ، މިހާރު މިޒަމާނުގެ ސައިންސަށް ލާފައި އަޅާކީމާ ފަހެ ޚުރާފާތަކަށް ނުވޭހެއްޔޭ؟ ހަމަރްއަށް އޭނާގެ ނަފުސު ގާތުގައި ބުނެވުނެވެ. ދަނގަޑު ކެނޑޭނީ ދަގަނޑުންނެވެ. ޚުރާފާތް ފިލާނީ ޚުރާފާތުން ނޫންބާވައެވެ. ހަމަރް ޓްވީޓެއް ކޮށްލިއެވެ.

އަނެއްކާ ވެސް ކިބިއްސެކެވެ. މިފަހަރު ލެއްޕިފައިވާ ފޮތުގެ މައްޗަށެވެ. ދެން އެފޮތް ހުޅުވޭނީ މާދަމާއެވެ. މިރޯގާގެ ކިބިހީގެ ވައިގައި ތަތްކޮށްލައިފި އެއްޗެއް ހުޅުވޭނީ 24 ގަޑިއިރު ފަހުން ކަމަށްވެއެވެ. ބައެއް މީހުން 48 ގަޑިއިރޭ ވެސް ބުނެއެވެ. ހަމަރްގެ ތަޖުރިބާއިން އެނގެނީ މާދަމާ އިރުގެ ދޯދިތައް ފާއްދާލާހިނދު އޭގެ ރޯޝަންކަން ކުޑަދޮރުން ގޭތެރަށް ވައްދާލާފައި، ގޮތް ގޮތް ހަދާލެވުނީމާ އެ ފޮތް ދާދި ފަސޭހައިން ހުޅުވޭނެ ވަރު ވެދާނެކަމެވެ. ހަމަރްގެ ނަޒަރުގައި އެ ފޮތަކީ ވަރަށް މުހިންމު ބޭނުންތެރި ފޮތެކެވެ. އަރިދަފުސް ރޯގާ އަވަސް ގޮތަކުން ދުނިޔެއިން ނައްތާނުލެވިއްޖެ ނަމަ، އެ ރޯގާ ދުނިޔެއިން އިންސާނުން ނައްތާލާފާނެއެވެ.

ބަލަ މޮޔަވީހެއްޔެވެ؟ އަހުރެމެން އިންސާނުން ކޮވިޑް 19 ވެސް ނައްތާލީމުއެވެ. އެއީ އޭގެ ޒަމާނުގައި އެފަދަ ދެވަނައެއް ދުނިޔެ އޭގެ ކުރިން ދެކެފައި ނުވާ ނުރައްކާތެރި ދުނިޔެ ހުއްޓުވާލި ވަބާއެކެވެ. އެދުވަހު އެކަން އަހަރެމެން ކުރީ ޚުރާފާތުގެ ފަހަތުން ދުވެގެން ޚިޔާލީ ދުނިޔޭގައި އެލިގަނެގެނެއް ނޫނެވެ. ސައިންސްގެ އަލީގައި ސިއްހީ މާހިރުން ދެއްކި މަގުން ހިނގައިގެންނެވެ. ހަމަރްގެ ޓްވީޓަށް މީހަކު ކޮމެންޓެއް ލިޔުނެވެ. އެއީ އުމުރުން މިހާރު ދެގަރުނު ވެފައިވާ މުސްކުޅިއަކަށްވާތީ އެމީހާގެ އެކޮމެންޓާ ވިއްދާ ކޮންމެހެން އެއްޗެއް ބުނާކަށް ހަމަރް ގަސްދެއް ނުކުރިއެވެ. އެހާ ދުވަހު ދުނިޔޭގައި އުޅެވިފައި ހުރި މީހަކު ސިއްހަތާ ބެހޭ ގޮތުން، ނޫނީ ވަބާއަކާ ބެހޭގޮތުން ލިޔާ އެއްޗެއްގައި އޮއްޓަރެއް ހުންނާނެކަމަށް ހަމަރް އަށް ވެސް ޤަބޫލުކުރެވެއެވެ.

ލިޔުނީ: ނަބީލް ޖަދީދް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355