twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގައި ކާމިޔާބު އޮޕަރޭޝަނެއް ހިންގާ އިތުރު ބިދޭސީތަކެއް ފޮނުވާލައިފި

- މިއީ މިގޮތަށް ހިންގުނު ދެ ވަނަ އޮޕަރޭޝަން
- ގަވައިދާ ހިލާފަށް އުޅުނު 33 ބިދޭސީއަކު ވަނީ މިއަދު ވަނީ ފޮނުވާލާފައި
- މިއީ މުވައްސަސާތައް ގުޅިގެން ހިންގާ އޮޕަރޭޝަނެއް

އަބްދުލް ވާހިދު ޙަސަން
Jun 17, 2020
4

ކުޅުދުއްފުށި ސިޓީގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި އިތުރު ބިދޭސީންތަކެއް ހޯދައި މިއަދު މާލެ ފޮނުވާލައިފި އެވެ.

ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއާއި ކައުންސިލުން އިސްނަގައިގެން އަދި މުވައްސަސާތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު އަތުލައިގެންފައިވަނީ 33 ބަންގްލަދޭޝް ރައްޔިތުންނެވެ. އެ މީހުން މާލެ ފޮނުވާލީ މިއަދު ހަވީރު ބަހާދަރު ބޯޓުގައި އެވެ.

މިއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމަށް މިގޮތަށް ކުޅުދުއްފުށި ސިޓީގައި ހިންގުނު ދެވަނަ ބުރެ އެވެ. މި ޖޫންމަހު 10 ވަނަ ދުވަހުވެސް ވަނީ ގަވައިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު މާލެ ފުރުވާލާފައި އެވެ. އެ މީހުން މިހާރު ވަނީ ގައުމަށް ފޮނުވާލާފައި އެވެ.

ކާމިޔާބު މި އޮޕަރޭޝަން ނިންމާލުމަށްފަހު ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއާ ވާހަކަ ދައްކަވަމުން، ބިދޭސީންގެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކާ އަދުގެ ސަރުކާރުން ކުރަމުންދާ މި މަސައްކަތަކީ ވަރަށް ބޭނުންތެރި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

"ވަރަށް ގިނަ ސަރުކާރުތަކުންވެސް އެ ވާހަކަ ދައްކާ (ބިދޭސީންގެ މައްސަލަ) އެކަމަކު މިއަދު ފެނިގެން މިދަނީ އަމަލީގޮތުން އެ މަސައްކަތް ކުރާތަން. ބިދޭސީން ރާއްޖޭއަށް އެތެރެވަމުންގޮސް ހައްދުފަހަނަ އަޅާވަރަށް ބިދޭސީން މިވަނީ ގިނަވެފައި. އެހެންނަމަވެސް މިއަދު ފެނިގެންމިދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރާތަން. އެކަމަށްޓަކާ ރައީސް ސޯލިހް އަށާއި އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އަދި ބިދޭސީން ކުޅުދުއްފުށިން ފޮނުވާލުމުގައި ކުޅުދުއްފުށީގެ މުވައްސަސާތަކުން ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރަމުން." ލަތީފް ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމުން އިގްތިސޯދީ ގޮތުން ގައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ދިވެހިންނަށް ކުރެވިދާނެ އެތަކެއް މަސައްކަތްތަކެއް ބިދޭސީން ކުރަމުންދާއިރު އެ މަސައްކަތްތައް އަނބުރާ ދިވެހިންނަށް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

" ރަށުގައި އެނބުރޭ ފައިސާ ވަރަށް ބޮޑުބައެއް ގައުމުން ބޭރަށް އެބަދޭ. އެހެންވުމުން އެކަން ހުއްޓުވިގެންދާ. އެހެންވީމާ މިއީ ވަރަށް ބޮޑު ފައިދާއެއް ރަށަށް ލިބިގެންދާނެ ކަމެއް." ބަނދަރު ސަރަހައްދުގައި ހުރެގެން ކޭއޯއަށް ދެއްވި އިންޓަވިއުގައި ލަތީފް ފާހަގަކުރެއްވި އެވެ.

މިއަދު ފޮނުވާލީ ބިދޭސީންނާ މާލެއިން ހަވާލުވާނީ އެކޮނޮމިކް މިނިސްޓްރީންނެވެ. ލަތީފް ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރު ޕްރޮގުރާމްތައް ކުރިއަށްއޮތްތާވެސް ހިންގާނެ ކަމަށެވެ.

މިއަދު ހެނދުނު 5:45 ގައި ފެށި މި އޮޕަރޭޝަން ނިންމާލީ ހަވީރު 5:30 ގައި އެވެ. ބިދޭސީން ދިރިއުޅެމުންދިޔަ ގެތަކަށް ދެނެގަނެ އެތަންތަނަށް ގޮސް އެ މީހުން ޖަމާކުރަމުންދިޔައީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލަށެވެ. ފުރުވާލަން ވަންދެން އެ މީހުން ބައިތިއްބާފައިވަނީ ހދ އޭއީސީ ހޯލުގައި އެވެ. އެތަނުގައި އެ މީހުންގެ އިންސާނީ ކަރާމާތް ޔަގީންކުރުމަށްޓަކާ ރެޑްކުރެސެންޓްގެ ދަރުމަވެރިން ވަނީ ހަރަކާތްތެރިވެފައި އެވެ.

އެ މީހުންނަށް ކާބޯތަކެއްޗާއި ބޭނުންވާ ޒަރޫރީ ހިދުމަތް ކައުންސިލުން ފޯރުކޮށްދީފައިވާއިރު މުވައްސަސާތަކުން ދިޔައީ އެތަނުގެ ސެކިއުރިޓީއާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލަތީފް ވިދާޅުވީ، މިހާ ކާމިޔާބުކަމާއެކު މި އޮޕަރޭޝަން ކުރިއަށްމިގެންދެވެނީ ވަރަށް ގިނަ މުވައްސަސާތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށެވެ. އެގޮތުން ފުލުހުންނާއި ކެޑޭޓް، ރެޑްކުރެންސެންޓް، ސިފައިން، އެސްޓީއޯ، ކޭޕީއެލް، ހދ އޭއީސީ އަދި އިމިގުރޭޝަންގެ އެހީތެރިކަން ލަތީފް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355