އާސަންދައިގެ ދަށުން ރޭ 28 ބަލި މީހަކު އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އާސަންދަ އިން ނެރުނު ބަޔާނުގައި ބުނީ އިންޑިއާ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން، ހާލުބޮޑު ބަޔަކު އިތުރު ފަރުވާ ހޯދުމަށް ފޮނުވާލާފައިވާ ކަމަށެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން 37 މީހަކު ފުރާނެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އަދަދު ވަނީ 28 އަށް މަދުވެފަ އެވެ.
އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައި ކަމަށާއި މީގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މީހުންނާއެކު އެހީތެރިންނާއި ދަތުރުމަތީގައި ބަލިމީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހަކު ވެސް ފޮނުވާފައިވެ އެވެ.
ރޭ ފުރުވާލި އެންމެން ވެސް އިންޑިއާއަށް ދަނީ ވިސާ ހަމަޖައްސައި އެ ގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އިންޑިއާ އިން ވެސް އެ މީހުން ކޮވިޑް-19 އަށް ޓެސްޓުކުރާނެ އެވެ. އަދި އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހު އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓުކުރާނެ އެވެ.
އާސަންދައިން ބުނި ގޮތުގައި ރޭ ފޮނުވާލި މީހުންގެ ފަރުވާ ހަމަޖައްސާފައިވަނީ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗު ސެންޓަރު (އެއިމްސް)ގަ އެވެ.
ބަލި މީހުން ގޮވައިގެން ދާ ފްލައިޓު އަނބުރާ އަންނާނީ، ފަރުވާއަށް ގޮސް ރާއްޖެ ނާދެވި ތިބި ހަތް މީހަކު ގޮވައިގެންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ވާތީ، ރާއްޖެއިން ނުލިބޭ އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ގޮންޖެހުންތައް ދިމާވި އެވެ.