twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޭޕުގެ ކޮންމެ ހާދިސާއަކާ ގުޅޭ ބޭކާރު ބަހުސް

އިބްރާހީމް އަންޒަރު
Jul 5, 2020

ރޭޕް ވިކްޓިމް އަކީ ކުޑަ ކުއްޖެއް ނޫން ހެއްޔެވެ. ރޭޕް ވިކްޓިމް އަކީ ކުޑަ ކުއްޖެއް ނޫންނަމަ މީހުން ދައްކަން ވަރަށް ގިނަ ވާހަކަ ހުރެވެ. ގިނަބަޔަކު ވަގުތުން ޝާރލޮކް ހޯމްސް ފަދަ ޑިޓެކްޓިވް އަކަށް ހެދެއެވެ. އެމީހުން އަހައެވެ. ރޭޕް ކުރެވުނު ކުއްޖާ ލައިގެން ހުރީ ކޮންކަހަލަ ހެދުމެއް ހެއްޔެވެ؟ ރޭޕް ކުރެވުނީ ކޮންތާކު ހެއްޔެވެ؟ ކޮން ގަޑިޔަކު ހެއްޔެވެ؟ ރޭޕް ކުރެވުނު ތަނަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ގޭގައި އޮތްނަމަ ތިހެން ނުވީހޭ ވެސް ބަޔެއް މީހުން ބުނެއެވެ. މި ފަދަ ވާހަކަތަކާ ހެދި ކަންނޭނގެއެވެ. 18 އަހަރުން މަތީގެ ވިކްޓިމް އެއް ހިމެނޭ ރޭޕްގެ ހާދިސާއެއްގެ ވާހަކަ ނޫހުން ފެންނަނީ ވަރަށް މަދުންނެވެ. ފަހަރެއްގައި މިފަދަ ވާހަކަތަކާއި އުފައްދާ ސުވާލުތަކާ ހެދި ރޭޕް ރިޕޯޓު ކުރަން ޖެހިލުން ވަނީ ކަމައްވެސް ވެދާނެއެވެ. އެކަމަކު އެންމެން ވެސް ޔަޤީނަށް ޤަބޫލުކުރާނެ ކަމަކީ އެއްވެސް މީހަކު އެމީހަކު އަމިއްލައަށް އޭނާގެ ރުހުން ނެތް އަނިޔާއަކަށް ހުށަހެޅިނުގަންނާނެކަމެވެ.

ރޭޕް ވިކްޓިމް ގޭގައި އޮތްނަމަ ރޭޕްގެ ޝިކާރައަކަށް ނުވާނެ ކަމަށް ބުނާއިރު ވިކްޓިމްގެ ދިރިއުޅުމުގެ އިންސާނީ ހައްގެއް އޮންނަކަން ނޭނގެނީ ހެއްޔެވެ. ކޮންމެ މީހަކީ ގޭގައި އަބަދު އޮވެގެން ތިން އިރު ކާން ލިބޭ މީހެއް ނޫންކަން ނޭގެނީ ހެއްޔެވެ. މީގެ އިތުރުން ގެޔަކީ ކޮންމެ މީހަކަށް ރައްކާތެރި ތަނެއް ނޫން ކަން ދޭތެރެއަކުން ނަމަވެސް ނޫސް ބަލާ މީހަކަށް ވިއްޔާ އެނގޭނެވެ. ލޮކްޑައުންގެ ސަބަބުން ގޭގައި މަޑުކޮއްލަން ޖެހި އޭގެ އުނދަގޫ ތަޖުރިބާ ކުރެވިއްޖެއެވެ. ރޭޕުން ސަލާމަތް ވާން ގޭގައި އޮންނާށޭ ބުނުމަކީ ކިހާ ކޮސް ވާހަކައެއްކަން އަދި ހައްލެއް ނޫންކަން ހަމަ ނޭގެނީ ހެއްޔެވެ. ނޫނީ ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ.

ރޭޕް ކުރެވުނު ކުއްޖާލައިގެން ހުރީ ނިވާކަން ކުޑަ ހެދުމެއްތޯ އަހާ އިރު މި ދައްކަނީ ބުއްދީގެ މަތިވެރި ނިއުމަތް ދެއްވާފައިވާ އިންސާނުންގެ ވާހަކައެވެ. ޝަހުވަތްތެރިކަން ކޮންޓުރޯލު ނުކުރެވޭ ޖަނަވާރުންގެ ވާހަކައެއް ނޫނެވެ. ބައެއް މީހުން މޮޅު އެއްޗެއް ބުނާނަމޭ ހިތާ އިސްލާމް ދީނުގައި ހެދުން އެޅުމަށް އަންގަވާފައި ގޮތުގެ ވާހަކަ ގެނެއެވެ. އިސްލާމް ދީނުގައި އޮންނަ ގޮތަށް ހެދުން ނާޅާ މީހުން ގެ ހުކުމަކީ ރޭޕް ކުރުމެއް ނޫނެވެ. ކޮންމެ ގޮތަކަށް ހެދުން އަޅައިގެން ހުއްޓަސް، ހެދުން ނާޅާ ހުއްޓަސް ރޭޕުކުރުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. އިންތިހާ ދަރަޖައިގެ އަނިޔާވެރި އަމަލެކެވެ. ﷲއަށް ބިރުވެތިވާ މުއުމިނަކު ކުރާނެ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި އޮންނަ ގޮތަށް ހެދުން އެޅުމާ ދެކޮޅު ހަދަނީއެއް ނޫނެވެ. ހެދުން އަޅަން ޖެހޭނީ ދީނުގައި އޮންނަ ގޮތަށެވެ. އެކަމަކު ރޭޕްގެ ކޮންމެ ހާދިސާއަކާ ގުޅުވައިގެން ވިކްޓިމް ލާ ހެދުމުގެ ވާހަކަ ދައްކަނީ ރޭޕިސްޓުން ދިފާއު ކުރަންތޯ ސުވާލު އުފެދެއެވެ. ރޭޕްކުރާ މީހާ ރޭޕްކުރަނީ ހަމަ އޭނާގެ އަމިއްލަ ނުބައިނުލަފާކަމުންކަން ގަބޫލުނުކުރެވެންވީ ކީއްވެބާވައެވެ؟

ރޭޕްގެ ވާހަކަ އަންނަ ބައެއް ވާހަކައާއި ފިލްމުގައި އަދި ލިޔުންތަކުގައ ބޭނުން ކުރާ އިބާރާތެއް އޮވެއެވެ. މީހެއްގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލާ ވާހަކައެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ. ރޭޕް ކުރުމުން ވިކްޓިމް އެކަމާ ދެރަވެ ލަދުގަންނަ ވާހަކަ ހެއްޔެވެ. އެގޮތަށް ބަޔާން ކުރުމުގެ ނިޔަތުގައި ވެސް އެ ބުނެވެނީ ރޭޕް ވިކްޓިމް އަކީ އެއްވެސް އަގެއް ނެތް ނަން ހަޑި ވެފައިވާ މީހެކޭ ނޫންބާވައެވެ. ރޭޕް ކުރެވެނީ ވިކްޓިމްގެ ރުހުންނެތިއެވެ. ހަގީގަތުގައި ނަން ހަޑިވެ އަބުރު ގެއްލި މުޖުރިމަކަށް ވަނީ ރޭޕްގެ ނުބައި ޖަރީމާ ހިންގާ މީހާ އެވެ. ވިކްޓިމް އެއް ނޫނެވެ.

ބެލެވޭ ގޮތުގައި އަބުރު ވެއްޔާ މޮޑެވޭ އިބާރާތް ނަކަލުވެގެން އައިސްފައި ވަނީ އުރުދޫ، ހިންދީ ނުވަތަ އަރަބި ބަހުން ހުންނަ ފޮތްތަކާއި ފިލްމާއި ޑުރާމާ ފަދަ ތަކެތިންނެވެ. އަވައްޓެރި ބައެއް ގައުމުތަކުގައި އިނދެ ވަރިކޮށް ހުވަފަތް ވެފައި ވާ މީހުންނާ މެދު ދައްކޮށް ދެކެއެވެ. އެހެން ފިރިހެނެކާއި ރައްޓެހިވާ ހިސާބުން ނުވަތަ ކައިވެނި ކުރާ ހިސާބުން ކޮންމެ ކަހަލަ މީހެއް ވިޔަސް އެމީހަކާ އެކީ އުޅެން މަޖުބޫރުވާ ކަހަލަ ސަގާފަތެއް ބައެއް ގައުމުތަކުގައި އޮވެއެވެ. ރޭޕް ކުރާ މީހާއާއި ރޭޕް ވިކްޓިމް މަޖުބޫރުން ކައިވެނި ކުރުވުމަކީވެސް ބައެއް ގައުމުތަކުގައި ހިނގާ ކަމެކެވެ. މިއީކީ ދިވެހި ރާއްޖޭގައި ކަން ހިނގާ ގޮތެއް ނޫނެވެ. ދިވެހި ސަގާފަތާ ބީރައްޓެހި އަދި ބޭއިންސާފު އިބާރާތް ދިވެހި އަދަބިއްޔާތުން ބޭރުކުރަން ޖެހެއެވެ.

ރޭޕްއާއި ކުރިމަތިވާ އެއްވެސް މީހަކަށް އެ ވާހަކަ އެހެން މީހަކާ ހިއްސާ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެވާހަކަ ގަބޫލު ކުރާނެ މީހެއްގެ ގާތުގައި ވިޔަސް މެއެވެ. ރޭޕު ކުރެވޭ ތާ އެތަށް އަހަރެއް ވިޔަސް ބައެއް ފަހަރަށް އޭގެ އަސަރު ފިލައިގެންނެއް ނުދެއެއެވެ. ރޭޕް ވިކްޓިމްސްއަށް ޕޯސްޓް ޓުރައުމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ކުރިމަތިވުން ވެސް އާންމެވެ. ޕީޓީއެސްޑީގެ އަލާމާތްތަކުގެ ތެރޭގައި ދިމާވި ހާދިސާގެ ބިރުވެރި ހުވަފެން ފެނުމާއި އެ މަންޒަރު ހިޔާލަށް ސިފަވުން، ނިދަން އުނދަގޫވުން އަދި އެކަނިވެރިވުގެ އިތުރުން ވެސް އެތައްކަމެއް ހިމެނެއެވެ. ރޭޕްގެ އަނިޔާއިން އަރައިގަނެވެނީ ގިނަ ފަހަރަށް ފަރުވާ ހޯދައިގެންނެވެ.

ރޭޕްގެ ހާދިސާ ތަކުގައި ރޭޕް ޒިންމާ ނުސީދާކޮށް ވިޔަސް ވިކްޓިމް ގެ ބޮލަށް ކަނޑާލުމަކީ މުޖުތަމައުއަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އެއީ ރޭޕުކުރުމުގެ އަނިޔާވެރި އަމަލު ހިނގާ މުޖުރިމަށް ވެވޭ އެހީ އެކެވެ. ރޭޕުކުރުމަށް ދެވޭ ހިތްވަރެކެވެ. ރޭޕްގެ ޝިކާރައަކަށް ވާ މީހާ އެކަން ސިއްރުކޮށް އަނިޔާ ކުރިޔަށް ދާން ނުވަތަ އިތުރު މީހަކަށް އެ އަނިޔާ ލިބެން މެދުވެރި ވެދާނެ އަމަލެކެވެ. ރޭޕިސްޓުން އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުން ނަމަ ރޭޕުގެ ކޮންމެ ހާދިސާއަކާ ގުޅިގެން ދެކެވޭ ނުރަނގަޅު ވާހަކައާއި ބޭކާރު ބަހުސް ހުއްޓާލާ އަނިޔާ ލިބޭ ފަރާތްތަކަށް ކަމާބެހޭ ފަރާތާ މައްސަލަ ހިއްސާކުރަން ހިތްވަރު ދޭން ޖެހެއެވެ. ނަފްސާނީ މައްސަލައާއި އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާއާއި މެދު ކުރިއަށް ވުރެ މިހާރު އާންމުން ހޭލުންތެރި ވުމަކީ ކުރިއެރުމެއް ނަމަވެސް ކުރަންޖެހޭ ކުރަންޖެހޭ ކަންތައް އަދިވެސް ބައިވަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355