twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެންމެ ބިޒީ ކައުންސިލް، އެންމެ 18 މުވައްޒަފުން، ބޮޑު އިހުމާލެއް!

- މުވައްޒަފުން ދިނުމުގައި ވާރކްލޯޑަށް ބަލާފައިއެއް ނުހުރޭ
- ކައުންސިލްތަކަށްވެސް މުވައްޒަފުން ލިބެނީ ސިޔާސީ ނުފޫޒުން
- ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ ބޮޑު ފެއިލެއް

އަބްދުލް ވާހިދު ޙަސަން
Jul 12, 2020
13

ރާއްޖޭގެ އާބާދީގެ އެންމެ ގިނަ ރައްޔިތުންނަށް ހިދުމަތްދޭ ކައުންސިލަކީ ކުޅުދުއްފުށީ ކައުންސިލެވެ. ދިހަ ހާސް ހަމަވެ ސިޓީއަކަށްވެފައިވާއިރު ރަށު ކައުންސިލުން އަންދާޒާއަށް ބަލާނަމަ ބިދޭސީންނާއި އެކި ހިދުމަތްތައް ހޯދުމަށް ރަށަށް ހިޖްރަކޮށްގެން އުޅޭ އާބާދީއާއެކު 12 ހާހެއްހާ ރައްޔިތުން އެރަށުގައި ދިރިއުޅޭނެ އެވެ. މިއީ އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. އެކަމަކު ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އާބާދީއަށް ހިދުމަތްދެވޭވަރުގެ ކައުންސިލެއް ނެތުމެވެ. އިދާރީ މުވައްޒަފުން އިންތިހާއަށް މަދުވުމެވެ.

ކައުންސިލުން ހިދުމަތް ދޭން ޖެހިފައިވަނީ ހަމައެކަނި ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. އެހެން ކައުންސިލްތަކާ ހިލާފަށް ރީޖަނަލް ހޮސްޕިޓަލުގައި މަރުވާ މީހުންނާއި ވިހާ މީހުންގެ ސެޓްފިކެޓްތައް ހައްދަނީވެސް ކައުންސިލުންނެވެ. ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ވަޅުލައި ރަށެވެ. އެހެންވުމުން އެކަންތައްތައްވެސް ކުރަން ޖެހިފައިވަނީ ކައުންސިލަށެވެ. އާބާދީ ބޮޑުވުމުގެ ސަބަބުން އެހެން ގިނަ ރައްތަކުގައި ކުރަން ނުޖެހޭ ވަރަށް ގިނަ މަސައްކަތް ކައުންސިލަށް ކުރަން ޖެހިފައިވެ އެވެ.

ކައުންސިލްގައި އުޅެނީ އެންމެ 18 މުވައްޒަފުންނެވެ. މިއީ ކުޅުދުއްފުށީ އާބާދީގެ އެހެން ރަށްތަކުގެ ކައުންސިލްތަކާ އަޅާ ބަލާއިރު އިންތިހާއަށް މަދު އަދަދެކެވެ. އޭގެތެރެއިން ގިނައީ މުސްކުޅި މުވައްޒަފުންނެވެ. މިއޮތް ހުރިހާ ދުވަހު ކައުންސިލް ހިންގީ އެސިސްޑެންޓް ޑިރެކްޓަރެއް ހުރެގެންނެވެ. އެކަމަކު މިދިޔަ އަހަރު ފަހު ކޮޅުން ކައުންސިލަށް ވަނީ ޑިރެކްޓަރެއް ހަމަޖެހިގެންގޮސްފައި އެވެ. އެހެން ބައެއް ރަށްތަކަށް ބަލާއިރު 3000 ހަމަނުވާ ރަށްތަކުގައި 20 މުވައްޒަފުން އެބަތިއްބެވެ. އާބާދީގެ ގޮތުން ކުޅުދުއްފުއްޓާ ދާދި އެއްވަރެއްގެ އާބާދީ އޮންނަ ފުވައްމުލަކު ކައުންސިލް އިދާރާގައި 100 އަށްވުރެއްގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ.

ފުވައްމުލަކުގެ އާބާދީ ބޮޑުވިނަމަވެސް ހިދުމަތްދޭން ޖެހޭ އާބާދީ ކުޅުދުއްފުއްޓާއި އަޅާއިރު ބަލާއިރު ބޮޑުތަނުން މަދުވާނެ އެވެ. އެއީ ކައިރި އަތޮޅުތަކުން ހިދުމަތް ހޯދުމަށް އެރަށަށް އަންނަ ނުޖެހޭތީ އެވެ. ރާއްޖޭގެ އެންމެ ދެކުނު ހދ އަތޮޅުގެ އާބާދީއާ އެއްވަރެއްގެ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި 80 މުވައްޒަފުން ތިބެ އެވެ. އެކަމަކު އެ ސިޓީގައި ހިދުމަތްދޭ އާބާދީ ކުޅުދުއްފުއްޓާ އަޅާބަލާއިރު މަދެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ މިދިޔަ ލޮކްޑައުން ދުވަސްތަކުގެ ތެރޭގައި އެވެ. ދެ ކައުންސިލުންވެސް ވަނީ އެދުވަސްތަކުގައި އެ ކައުންސިލްތަކުން ދިން ހިދުމަތްތައް އާންމުކޮށްފައި އެވެ.

އެގޮތުން ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކުން 16 އޭޕްރީލް ފެށިގެން ވުނަ ޕޯޓަލް އިން ދީފައިވާ ހުއްދަތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ނަމަ ހުއްދަ ދީފައިވަނީ 25 އުޅަނދަކަށެވެ. އެއީ ފަޅުވެރިންގެ އަދަދުންނަމަ 167 އެކެވެ. އިތުރު ތަފްސީލަށް ދާނަމަ ކާބޯތަކެއްޗަށް 8 އުޅަނދު، އޮފިޝަލް ލޮޖިސްޓިކްސް 6 އުޅަނދު، ރިސޯޓު މުވައްޒަފުން އެއް އުޅަނދު، ރަށުގައި އުފައްދާ ތަކެތި ފޯރުކޮށްދިނުމަށް 2 އުޅަނދަށް ހުއްދަ ދިން އިރު ގޭސް ފޯރުކޮށްދިނުމަށްވެސް 2 އުޅަނދަށް އަދި އެހެނިހެން ކަންކަމަށް 6 އުޅަނދަކަށް ހުއްދަދީފައިވެ އެވެ.

އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ހިތަދޫ ބަނދަރު ޕެޓްރޯލްއަށް ބަލާއިރު ރެކޯޑްކުރެވިފައިވަނީ 501 އުޅަނދެވެ. އެއީ ކާގޯ 12 ބޯޓާއި 239 ޑިންގީ އާއި އެއް ސީ އެމްބިއުލާންސް އާއި 10 މަސް ދޯނީގެ އިތުރުން 66 ސްޕީޑް ބޯޓެވެ. މިއީ އައްޑޫ ސިޓީ ކައުންސިލުން ޖޫން 10 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކެވެ.

18 އޭޕްރީލުން 14 ޖޫންއަށް ލޮކްޑައުން އުވާލުމާހަމައަށް ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޅުދުއްފުއްޓަށް 1389 އުޅަނދެއް އައިސްފައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 1714 އުޅަނދެއް ފުރުމަށްވެސް ހުއްދަދީފައިވެ އެވެ. އިތުރު ތަފްސީލަށް ބަލާއިރު ބޭސް ފަރުވާއަށް 721 އުޅަނދެއް އައިސްފައިވާއިރު މަސް ވިއްކުމަށް 22 އުޅަނދެއް އައިސްފައިވެ އެވެ. ސަރަހައްދުގެ ރަށްތަކުން މުދާ ބަލައި 448 އުޅަނދެއް ކުޅުދުއްފުއްޓަށް އައިސްފައިވާއިރު އެހެނިހެން ބޭނުންތަކަށް 198 އުޅަނދެއް އައިސްފައިވެ އެވެ.

އަދި ހަމަ މި މުއްދަތުގެ ތެރޭގައި ސިއްހީ ހިދުމަތާ ގުޅޭ 84 އުޅަނދެއް ފުރުމަށް ހުއްދަދިންއިރު މަސްވެރިކަމަށް ފުރުމަށް 871 ހުއްދައެއް ދޫކޮށްފައިވެ އެވެ. އަދި މުދާ ފޯރުކޮށްދިނުމަށް 220 އުޅަނދަކަށް ހުއްދަ ދިން އިރު އެހެނިހެން ކަންކަމުގައި 177 އުޅަނދެއް ފުރުމަށް ހުއްދަދީފައިވެ އެވެ.

7 ޖޫން އިން 20 ޖޫންއަށް ކުޅުދުއްފުށީ ކައުންސިލުން ދީފައިވާ އެހެން ބައެއް ހިދުމަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 42 ކުއްޖަކަށް އުފަން ދުވަހުގެ ރަޖިސްޓްރީ ހައްދާދީފާއިވާއިރު 12 ކުއްޖަކަށް އުފަން ދުވަހުގެ ސެޓްފިކެޓް ހަދައިދީފައިވެ އެވެ. 15 ގޯއްޗެއްގެ ރަޖިސްޓްރީ ހަދައިދިންއިރު އިންފާރު ރޭނުމާއި އިންފާރާއި ގުޅޭ ތިން ހުއްދައެއް ދޫކޮށްފަ އެވެ. މީގެ އިތުރުން އޮޑިދޯނި ފަހަރުގެ މަރާމާތުކުރުމާއި އެހެލުމަށް 5 ހުއްދައެއް ދޫކޮށްފައިވާއިރު މުނިސިޕަލް ހިދުމަތާ ގުޅޭ 6 ހުއްދައެއް ދޫކޮށްފައިވެ އެވެ.

ހަމަ އެ މުއްދަތުގެ ތެރޭގައި ކައުންސިލަށް 55 ސިޓީއެއް ލިބިފައިވާއިރު 109 ފޯމެއް ބަލައިގެންފައިވެ އެވެ. 8 މެސެޖެއް ލިބިފައިވާއިރު 61 ބިލެއް ކައުންސިލަށް ލިބިފައިވެ އެވެ. މިއީ ލޮކްޑައުންކޮށް، ސަރުކާރު ބަންދުކޮށް ހިދުމަތްތައް މެދުކަނޑާލާފައި އޮންނައިރު މަސައްކަތްތައް ހުރި ވަރެވެ.

ކުޅުދުއްފުށީ ކައުންސިލަށް ދިމާވެފައިވާ މުވައްޒަފުން މަދުވުމުގެ މައްސަލައަކީ އެތަނުގެ ކައުންސިލްގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް އިންތިފާގުވާ ކަމެވެ. އެފަހަރުތަކުގައިވެސް މުވައްޒަފުން އިތުރުކުރެވޭތޯ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް ސިޓީ ފޮނުވާފައިހުރިކަން ކައުންސިލްގެ ލިޔެކިޔުންތަކުން އެނގެން އެބަހުއްޓެވެ. އެކަމަކު މިހާތަނަށް އައިއިރުވެސް ކައުންސިލްގެ އޮނިގަނޑުގައި ހުރި އަދަދަށްވެސް މުވައްޒަފުން ދީފައެއްނުވެ އެވެ.

މި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް ލިޔުމުންވެސް މި މައްސަލަތައް ހުށަހަޅާފައިވާނޭކަމަށް ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވި އެވެ. މުވައްޒަފުން އިންތިހާއަށް މަދުވުމުގެ ސަބަބުން ބައެއް ހިދުމަތްތައް ދިނުމަށް ބުރޫއަރާ ލަސްތަކެއް ކުރިމަތިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އައިރުވެސް ސަރުކާރުން އެކަމުގައި އެންމެ އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

ކައުންސިލްގެ ހާލަތު މިހާވަރަށް ގޯސްވެފައިވަނީ ސަރުކާރުތަކުގެ އިހުމާލުންކަން ވަރަށް ބޮޑަށް ސާފުވެ އެވެ. މިހާތަނަށް އައިރުވެސް އޮނިގަނޑަށް ބޭނުންވާ އަދަދަށްވެސް އަދި ހުސްވެފައިވާ މަގާމުތަކަށްވެސް މުވައްޒަފުން ނެގުމުގެ ހުއްދަވެސް ދީފައެއްނުވެ އެވެ. މިއީ ހަމައެކަނި ކުޅުދުއްފުއްޓަށްވެސް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ބައެއް އެހެން ރަށްތަކުގެ ކައުންސިލްތަކަށް ބަލާއިރުވެސް މިދެންނެވި ތަފާތުކުރުން އޮތްކަން ހާމަވެފައި އެވެ.

މިދެންނެވި ކަންތައްތައް ޔަގީންވެފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް އަދި އެލްޖީއޭއިންވެސް ކައުންސިލްތަކުގެ މަސައްކަތަށް ރަނގަޅަށް މޮނިޓަރ ނުކުރާކަމެވެ. އަދި މުވައްޒަފުން ކައުންސިލްތަކަށް ނެގުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުން ގެންގުޅޭ އުސޫލަކީވެސް ތާކުންތާކުން ނުޖެހޭ ސިޔާސީ އުސޫލެއްކަން މިކަންކަމުން ވަރަށް ބޮޑަށް ކަށަވަރުވެ ޔަގީންވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355