ހދ. އަތޮޅު ކައުންސިލްގެ މެމްބަރެއް އެޕްރީލް މަހުތެރޭ އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް 3 ފަރާތަކުން ކުރިމަތިލައިފިއެވެ.
އިއްޔެ މެންދުރުފަހު 3 ޖެހިއިރު ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިއޮތް މުއްދަތު ހަމަވިއިރު އަތޮޅު ކައުންސިލްގައި ކުޅުދުއްފުށީގެ އުތުރު ދާއިރާ ތަމްސީލު ކުރެއްވުމަށް ކުރިމަތިލާފައިވަނީ މުޅިންވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ފަރާތްތަކެވެ. އެއީ ޑީއާރުޕީއިން އާދަމް މަސްއޫދު މޫސާ އާއި އެމްޑީޕީއިން ނަސްރު ﷲ އިސްމާއިލް އަދި އާދަމް ޝަރީފް މުޙައްމަދެވެ.
ކުރިމަތި ލާފައިވާ ފަރާތްތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އެކޮމިޝަންއިން ރަސްމީކޮށް ނަންތައް އިއުލާނު ކުރުމާއި ހަމައަށް ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ނަން އަނބުރާ ގެންދިއުމުގެ އިހުތިޔާރު އޮންނާނެއެވެ.
އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ދެބޭފުޅުންގެ މެދުގައި ޕްރައިމަރީއެއް މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭގޮތުގައި އެމްޑީޕީގެ ފަރާތުން ހދ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ދެބޭފުޅުންގެ ތެރެއިން ޕްރައިމަރީއިން ނުހޮވޭ ފަރާތުން ނަން އަނބުރާ ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީ އިން މައުލޫމާތު ދޭގޮތުގައި މިގޮތަށް ހަދަންޖެހުނީ އިލެކްޝަނަށް ނަން ހުށަހެޅުމުގެ ކުރިން ޕްރައިމަރީއެއް ބާއްވާނެ އެކަށީގެންވާ ވަގުތު ލިބިފައިނުވުމުގެ ސަބަބުންނެވެ.
ހދ. އަތޮޅު ކައުންސިލް ކުޅުދުއްފުށީ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 11 ވާ ހޮނިހިރު ދުވަހުއެވެ.