twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނަފްސާނީ އަނިޔާ ނުވަތަ އިމޯޝަނަލް އެބިއުސްގެ ވާހަކަ ވެސް މުހިންމެވެ.

އިބްރާހީމް އަންޒަރު
Jul 20, 2020
1

އަނިޔާއާއި އަނިޔާއަށް އިންސާފު ހޯދުމުގެ ވާހަކަ ވަރަށް ހޫނުކޮށް ނޫސް މީޑިޔާ އަދި ސޯޝަލް މީޑިޔާގައި މިދުވަސްކޮޅު ދަނީ ދެކެވެމުންނެވެ. ނަފްސާނީ އަނިޔާ ނުވަތަ އިމޯޝަނަލް އެބިއުސްގެ ވާހަކަ ވެސް މުހިންމެވެ. ލޯބިވެރިޔާ ނުވަތަ ކައިވެނި ކޮށްގެން އުޅޭ ބައިވެރިޔާގެ ފަރާތުންވެސް އިމޯޝަނަލް އެބިއުސް ކުރިމަތި ވެދާނެއެވެ. ގިނައިން އިމޯޝަނަލް އެބިއުސް ކުރިމަތިވަނީ އަންހެނުންނަށް ކަމަށް ވިޔަސް އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ވެސް އިމޯޝަނަލް އެބިއުސް ކުރިމަތިވާ ފަހަރު އާދެއެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށްވެސް އިމޯޝަނަލް އެބިއުސް ކުރިމަތިވެއެވެ.

އިމޯޝަނަލް އެބިއުސް އަކީ ކޮބައިހެއްޔެވެ. އިމޯޝަނަލް އެބިއުސް ނުވަތަ ނަފްސާނީ އަނިޔާގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނެއެވެ. އިމޯޝަނަލް އެބިއުސް ކުރާ ހުރިހާ އެންމެންގެ އަމަލުތައް ހުންނަނީ އެއްގޮތަކަށް ނޫނެވެ. އިމޯޝަނަލް އެބިއުސް ކުރާ ލޯބިވެރިޔެއް ނުވަތަ ހަޔާތުގެ ބައިވެރިޔަކު ދުވަސްކޮޅެއް ވާންދެން ތިބާ ދެކެ ލޯބިވާ އޯގާތެރިޔެއް ކަމަށް ހެދިގެން އުޅެފައި ކުއްލިޔަކާ ދުރުވެދާނެއެވެ. އަޅާލުމާއި އޯގާތެރިވުން ހުއްޓާލާފައި ކަމަކަށް ޑިމާންޑުކޮށް އެކަމެއް ހާސިލް ކުރަން އުޅެފާނެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ލޯތްބާއި އަޅާލުން، އަމިއްލަ އެދުން ހާސިލް ކުރަން ބޭނުން ކުރާ ހަތިޔާރަކަށް ހެދުމެވެ.

ކަމަކާ މަތި ނުކޮށްވެސް މިފަދަ މީހަކު ކުއްލިޔަކާ ތިބާއާއި ދުރުވެދާނެއެވެ. މިފަދަ މީހުން ތިބާގެ އާއިލާއާއި ގާތް ރަހުމަތްތެރިން ތިބާއާއި ދުރުކުރަން މަސައްކަތް ކޮށްފާނެއެވެ. ތިބާގެ އާއިލާއާއި ރަހުމަތްތެރިންނާ ދެމެދަށް ވަދެ ގުޅުން ގޯސްކުރަން މަސައްކަތް ކޮށްފާނެއެވެ. މީގެ ބޭނުމަކީ އިމޯޝަނަލް އެބިއުސް ފަދަ ކަމެއް ދިމާވުމުން އެ ވާހަކަ އަޑުއަހާ އެހީތެރިވާން ތިބި ގާތް ރަހުމަތްތެރިންނާ އާއިލާއާއި ތިބާ ދުރު ކުރުމެވެ. އެކަހެރިކޮށް ނިކަމެތި ކޮށްލުމެވެ.

އިމޯޝަނަލް އެބިއުސް ކުރާ ބައެއް މީހުން އެކަން ފާޅުގައި ނުކޮށްފާނެއެވެ. އިމޯޝަނަލް އެބިއުސް ކުރާ ވަރަށް ގިނަ މީހުންނަކީ ދެ މޫނާ ދެ އަނގައިގެ ވެރިންނެވެ. މިފަދަ މީހުންގެ ޝިކާރައަކަށް ގިނަފަހަރަށް ވަނީ މީހުންނަށް ހިތްހެޔޮ، ހަމްދަރުދީވާ އަޅާލާ މީހުންނެވެ. މިފަދަ މީހުން ކުރާ ކަމަކާ މެދު ޝަކުވާކޮށް ތިބާ ހިތުގައި ޖެހޭ ފަދަ ކަންތައް ނުކުރަން އެދުމުން މާކަންތައް ބޮޑުކޮށް ޑުރާމާ ޖައްސަނީކަމަށް ބުނެފާނެ އެވެ. މިފަދަ މީހުން ކިތަންމެ ދެރަވާފަދަ މަލާމާތެއް ކޮށްފައިވެސް އެއީ ސަމާސާއެއް ކަމަށް ބުނެފާނެ އެވެ. ތިބާއަށް ކުރެވޭ އިހުސާސް އެއީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހަދާނެއެވެ. މިގޮތަށް މަލާމާތްކޮށް ދައްކޮށްލުމުގެ މަގުސަދަކީ ތިބާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލާ އެމީހުންގެ ވަކިތަކުގެ ދަށަށް ގެނައުމެވެ. ބޭރުފުށުން ހެޔޮ އެދޭ ކަމަށް ހެދިގެން އުޅުނަސް މިފަދަ މީހުން ކުރާ ހުރިހާ ކަމެއް ވެސް ގުޅެނީ އެމީހުންގެ އަމިއްލަ އެދުމާއެވެ.

މީހަކަށް ކުރެވޭ ގޯސްކަމަކަށް ފާޑުކިޔުމާއި ކަމެއް އިސްލާހު ކުރުމަށް ނަސޭހަތް ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން ފާޑުކިޔުމާއި ކުށްވެރި ކުރުމާއި ތިބާ ކުރާ ރަނގަޅު އެއްވެސް ކަމެއް ނުފެނުމަކީ މައްސަލައެކެވެ. ތިބާއަށް ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ އިހުސާސް ކުރެވޭ ގޮތަށް މީހެއްގެ ވާހަކަ ހުރުމަކީ ރަނގަޅު ނިޝާނެއް ނޫނެވެ. މިއީ ވެސް އިމޯޝަނަލް އެބިއުސްކުރާ މީހުން ކުރާކަމެކެވެ. މިފަދަ މީހަކު ހިތްހަމަ ޖެހޭ ގޮތަށް ތިބާއަށް އެއްވެސް ކަމެއް ކުރެވޭ ތަނެއް ނާންނާނެއެވެ. އަބަދުވެސް ދަށްކޮށްލުމާއި ނިކަމެތިކަން އިހުސާސް ކުރެވޭ ގޮތަށް މީހެއްގެ އަމަލުތައް ހުރުމުގެ ސަބަބުން ތިބާއަކީ ތަސައްރަފު ނުފުދޭ އަދި ވިސްނުމުގެ އުނިކަމެއް ހުންނަ މީހެއް ކަމުގެ އިހުސާސް ކުރެވޭ ނަމަ އެއީ މައްސަލަ އެކެވެ. އިމޯޝަނަލް އެބިއުސް ކުރާ މީހުން މި ގޮތަށް ކަންތައް ކުރަނީ އެމީހާގެ އުނިކަންތައް ފޮރުވާ ތިމާ ވަރުގެ މޮޅުމީހެއް ނެތް ކަމުގެ އިހުސާސް ކުރުމުގެ ބޭނުމުގައެވެ.

އިމޯޝަނަލް އެބިއުސް ކުރާ ބައިވެރިޔަކު ހަޑިއެއްޗެހި ކިޔާ ހުތުރު ނަންނަމުން މުހާތަބު ކޮށްފާނެއެވެ. އެކި ކަހަލަ އިންޒާރު ދީފާނެއެވެ. މިސާލަކަށް ދޫކޮށްލާފައި ގޮސްދާނެ ކަމުގެ އިންޒާރު ދީފާނެއެވެ. ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓުރޯލުކޮށް ފާރަލާން މަސައްކަތް ކޮށްފާނެއެވެ. ހުރިހާ އޮންލައިން އެކްޓިވިޓީއެއް މޮނިޓާކޮށް އެކި ސޯޝަލް މީޑިޔާ އަދި މެސެޖިން ޕުލެޓްފޯމްތަކުގެ ޕާސްވޯޑު އަތުލަން މަސައްކަތް ކޮށްފާނެއެވެ. ތަސައްރަފު ނުފުދޭ ކުޑަ ކުއްޖަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށް ކަންތައްކޮށް މުހިއްމު ނިންމުންތަކުން ބާކީ ކޮށްފާނެއެވެ. މީގެ ބޭނުމަކީ ކޮންޓުރޯލުކޮށް އަޅުވެތި ކުރުމެވެ. މިއީ ލޯބިވާތީ ކުރާކަމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ.

ދޮގުހެދުމާއި އޮޅުވާލުމަކީ އިމޯޝަނަލް އެބިއުސް ކުރާ މީހުން ވަރަށް އާންމުކޮށް ކުރާކަމެކެވެ. ދޮގުހެދުމާއި އޮޅުވާލުން އެކަންޏެއް ނޫނެވެ. ތިބާ ބުނާ އެތި އެކި ގޮތް ގޮތަށް އަނބުރާ ބުނާ އެތީގެ މާނަ އޮޅުވާލުމެވެ. ބުނާ އެތީގެ މާނަ ނޭނގޭކަމަށް ނުވަތަ ސާފު ނުވާކަމަށް ހެދުމެވެ. ރައްދުގައި ބުނާ އެތި ވިސްނުނަސް ނުވިސްނޭކަމަށް ހެދުމެވެ. މީގެ ބޭނުމަކީ އަމިއްލަ ކުށް ގަބޫލު ނުކުރުމާއި އެއްވެސް ކަމެއްގެ ޒިންމާ ނުނެގުމެވެ.

މިފަދަ މީހުން ބައެއް ފަހަރަށް ނުރައްކާތެރި ދަރަޖައަކަށް ދޮގުހަދާ އޮޅުވާލައެވެ. މިސާލަކަށް ވީ ކަމެއް ނުވާ ކަމެއް ކަމަށް ބުނުމެވެ. ބުނި ވާހަކައެއް ނުބުނާ ކަމަށް ހެދުމެވެ. އެއްބަސްވި ކަމެއް ނުވާ ކަމެއް ކަމަށް ހެދުމެވެ. މިފަދަ މީހުން ވާހަކައިގައި ދޮގު ހަދަނީ ވަރަށް ސާބިތުކަމާއެކު އެވެ. އެމީހުން އެ ހަދާ ދޮގު އެމީހުން ގަބޫލު ކުރާހެން އަޑުއަހާ މީހަކަށް ހީވާދެނާއެވެ. މިކަހަލަ ކަމަކާ ކުރިމަތިވާ މީހަކު އަމިއްލަ ހަނދާން ކުރުމާއި ވިސްނުމުގެ ގާބިލުކަމާމެދު މެދު ޝައްކުވާ ފަހަރުވެސް އަތުވެދާނެއެވެ. ހާއްސަކޮށް އިމޯޝަނަލް އެބިއުސް ގެ އިތުރު އަމަލުތަކުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި މީހާ ބަލިކަށި ވެފައި ވާނަމައެވެ. މި ބާވަތުގެ ދޮގުހެދުމާއި އޮޅުވާލުމަށް އިނގިރޭސި ބަހުގައި ގޭސްލައިޓިންގް އޭ ވެސް ކިޔާ އުޅެއެވެ.

ދޮގު ހެދުމަކީ ބައެއް މީހުންނަށް އުނދަގޫ ކަމެކެވެ. ތިބާއަކީ ދޮގު ހަދާ އޮޅުވާލާ މީހެއް ނޫންނަމަ އެހެން މީހުންނަށް ވެސް ދޮގު ހެދުމަކީ ފަސޭހަ ކަމެއް ނޫނޭ ހީވެދާނެއެވެ. ނަމަވެސް ހަގީގަތަކީ ބައެއް މީހުންނަށް ދޮގު ހެދުމަކީ ވަރަށް ފަސޭހަކަމެކެވެ. ދޮގުހެދުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ދޮގުހެދުމުގެ ބޭނުމެއް ނެތް ކަމަށް ފެންނަ ކަމަކާމެދުވެސް މިފަދަ މީހުން ދޮގު ހަދާފާނެއެވެ. އާދަޔާ ހިލާފަށް ގިނައިން ވެސް ދޮގު ހަދާފާނެއެވެ. މި ފަދަ މީހުންނަށް ކިޔަނީ ޕެތޯލޮޖިކަލް ލަޔާ އެވެ. މި ކަހަލަ މީހުން ދޮގު ހަދަނީ އަމިއްލަ އެދުމާއި ފައިދާއަށެވެ. ނޭޗާ ޖާރނަލްގައި ޝާއިރު ކުރެވިފައިވާ 2016 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ގިނައިން ދޮގުހެދި ވަރަކަށް ދޮގުހަދަން ފަސޭހަވެއެވެ.

ވަރަށް ގިނަ މީހުންނަށް އިމޯޝަނަލް އެބިއުސް ތެރޭގައި ހިމެނޭ ކަންކަން، އެކި މިންވަރަށް އެކި މީހުން ގެ ފަރާތުން ތަޖުރިބާ ކުރެވިފައި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވިސްނާށެވެ. ތިބާގެ ދިރިއުޅުމުގައި ބޮޑު ބައެއް ހިއްސާކުރާ ގާތް މީހެއްގެ ފަރާތުން އިމޯޝަނަލް އެބިއުސް ތެރޭގައި ހިމެނޭ ގިނަ ކަންކަން ތަކުރާރުކޮށް ކުރިމަތި ވާނަމަ އެއިން ލިބިދާނެ ގެއްލުން ގިނަގުނައެވެ. އިމޯޝަނަލް އެބިއުސްގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުން، މޫޑު ގޯސްވުން، މާޔޫސްވުން، ކަންކަމަށް ސަމާލުކަން ދޭން ދަތިވުން، ގައިގެ އެކި ތަންތާ ރިއްސުން އަދި ބިރުވެރި ހުވަފެން ފެނުން ހިމެނެއެވެ. ދިގު މުއްދަތުގައި އެކަނިވެރިކަން އިހުސާސް ކުރެވުމާއި ހާސްވުމާއި ކަންބޮޑުވުން އަދި ޑިޕްރެޝަންގެ މައްސަލަވެސް ކުރިމަތި ވެދާނެ އެވެ.

އިމޯޝަނަލް އެބިއުސް ކުރާ މީހުން އެކަންކަން ކުރާ ސަބަބުތަކުގެ ތެރޭގައި ކުޑައިރު އިމޯޝަނަލް އެބިއުސް ލިބިފައި ވުން ހިމެނެއެވެ. ނަމަވެސް އިމޯޝަނަލް އެބިއުސް ލިބޭ ގިނަ ކުދިން އިމޯޝަނަލް އެބިއުސް ކުރާ މީހުންނަށް ނުވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އިތުރު ސަބަބުތަކުގެ ތެރޭގައި ނަފްސާނީ މައްސަލައެއް ހުރެ އެކަށީގެންވާ ފަރުވާ ނުލިބުން އަދި މަސްތުވާތަކެތި ބޭނުން ކުރުން ހިމެނެއެވެ. އިމޯޝަނަލް އެބިއުސް ކުރާ މީހުން ބޭރުފުށުން ކިތަންމެ ވަރުގަދަ ކަމަށް ފެނުނަސް ހަގީގަތުގައި އެފަދަ ވަރަށް ގިނަ މީހުންނަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ އަދި އަމިއްލަ ނަފްސުގެ އަގެއް އެމީހުންނަށް ނޯންނަ މީހުންނެވެ. އެހެން މީހުން ދަށްކޮށްލައި ނިކަމެތި ކޮށްލައިގެން ނޫނީ ހިތްހަމަ ޖެހުން ނުލިބޭ މީހުންނެވެ.

އިމޯޝަނަލް އެބިއުސް ކުރާ މީހަކަށް އެހީވެ އެފަދަ މީހަކު ރަނގަޅު މީހަކަށް ހަދަން ބޭނުންނަމަ އެންމެ ފުރަތަމަ ކަމަކީ އިމޯޝަނަލް އެބިއުސް ކުރަން ފުރުސަތު ނުދިނުމެވެ. އެފަދަ މީހުންގެ ވާހަކަ ގަބޫލު ނުކުރުމެވެ. ތިބާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. އެފަދަ މީހަކަށް ތިބާގެ ދިރިއުޅުން ކޮންޓުރޯލު ކުރަން ފުރުސަތު ނުދިނުމެވެ.

އިމޯޝަނަލް އެބިއުސް ހުއްޓުވަން އާއިލާއާއި ރަހުމަތްތެރިންގެ އެހީ ހޯދި ދާނެއެވެ. އިމޯޝަނަލް އެބިއުސް އިން ސަލާމަތްވެ ގެއްލުމުން އަރައި ގަތުމަށް ނަފްސާނީ އެހީ ބޭނުންވާނަމަ ނަފްސާނީ ބަލީގެ ޓޮކްޓަރަކަށް ނުވަތަ ނަފްސާނީ އެހީތެރިޔަކާ ވާހަކަ ދައްކާ ލަފާ ހޯދަން ފަސް ނުޖެހޭށެވެ. އިމޯޝަނަލް އެބިއުސް ކުރާ މީހާގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭނަމަ ނުވަތަ އަނިޔާ ދޭނެ ކަމުގެ އިންޒާރު ދީ ބިރު ދައްކާ ނަމަ ކަމާ ބެހޭ ފަރާތަށް މައްސަލަ ރިޕޯޓު ކުރާށެވެ. ކުޑަ ކުއްޖަކަށް އިންޒާރުދީ ބިރު ދައްކާ ހުތުރު ބަހުން މުހާތަބު ކުރުމަކީ ސީރިއަސް ކުށެކެވެ. ދަރިންނަށް މައިން ބަފައިން އިހުމާލު ވުމަކީ ސީރިއަސް މައްސަލަ އެކެވެ. އެފަދަ ކަމެއް ހިނގާކަން އެނގޭނަމަ ކަމާބެހޭ ފަރާތަށް ރިޕޯޓު ކުރުން މުހިންމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355