ހދ.އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުހައްމަދު މައުސޫމްގެ އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިިފި އެވެ.
ޖޭއެސްސީ އިން އިއްޔެ ނެރުުނު ބަޔާނެގައި ބުނެފައިވަނީ މުހައްމަދު މައުސޫމް އާއި ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން ހދ. ހިިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި އިސްމެޖިސްޓްރޭޓް ރިސްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.
އަދި މުހައްމަދު މައުސޫމް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އޭނާގެ ބޭންކު އެކަންއުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާކަންވެސް ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު މުހައްމަދު މައުސޫމްގެ ހިތާފައިވާ ކަމަށާއި އެމުވައްޒަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސި ފުރައްސާރައިގެ ސިފަ އެކުލެވޭ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާތީ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މި އަމަލުތަކަކީ ދިވެހި ފަނޑިޔާރުންގެ ގާނޫނުގެ، ގާނޫނު ނަންބަރު 13/2020 ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ، 6 ވަނަ ނަންބަރާ، 9 ވަނަ ނަންބަރާ، 14 ވަނަ ނަންބަރު އަދި ގާނޫނުގެ 7 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.6 އާއި، 4.7 އާއި، 1.2 އާއި، 2.2 އާއި، 3.1 އަދި 3.2 ވަނަ ނަންަރާއި ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނުގެ، ގާނޫނު ނަންބަރު 10/2008 ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމީ އެ ކޮމިޝަނުން ގެ 51 ވަނަ ބައްދަލުވުމުގަ އެވެ.
މުހައްމަދު މައުސޫމްގެ މައްސަލަ ޖޭއެސްސީ އިން ބަލަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަސްތެރޭގައެވެ. އަދި އެއަށްފަހު ބޮޑެތި ތުހުމަތުތަކެއްގައި އޭނާވަނީ މި އަހަރު ޖޫން މަސްތެރޭގައި މަގާމުން ސަސްޕެންޑްކޮށްފައެވެ. މުހައްމަދު މައުސޫމަކީ ހދ. ނޮޅިވަރަމަށް އުފަން ބޭފުޅެކެވެ.