twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިނގިލި ބިންދާލައި އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަޅައިފި

އަބްދުލް ވާހިދު ޙަސަން
Jul 21, 2020
10

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންނަށް ތުހުމަތެއްގައި ގެންދިޔަ ދެ ޒުވާނަކަށް އަނިޔާކުރި މައްސަލާގައި ތިން ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުން އަނިޔާކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ދެ ފުލުހަކަށް އިންޒާރުދީ އެ ދެ ފުލުހުންގެ ސައިކަލަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި 25 އަހަރުގެ ޒުވާނަކަށާއި އިތުރު ޒުވާނަކަށެވެ.

މިދިޔަ އަހަރު ނޮވެމްބަރުމަހު 29 ވަނަ ދުވަހު މި ދެ ޒުވާނުން ހައްޔަރުކޮށް ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ބިޑި އަޅުވައި އަނިޔާކޮށްފައިވާކަމަށް އެ މީހުންގެ އާއިލާ މީހުން މީގެ ކުރިންވެސް ކޭއޯއަށް މައުލޫމާތުދީފައިވެ އެވެ.

އެގޮތުން އަނިޔާކުރުމުގެ ތެރޭގައި 25 އަހަރުގެ ޒުވާނާގެ އިނގިޔެއް ވަނީ ބިންދާލާފައި އެވެ. އަދި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެ މީހުންގެ ގައިގެ އެތަން މިތަނުން ފެންނަށް ހުއްޓެވެ. އެމަންޒަރު ކޭއޯގެ ނޫސްވެރިންނަށްވެސް އާއިލާތަކުން ވަނީ ދައްކާފަ އެވެ. އަދި ޑޮކްޓަރުގެ ލިޔެކިޔުންތަކުންވެސް އެކަން ހާމަވެ އެވެ.

މިމައްސަލައާ ގުޅިގެން ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ނިންމާފައިވަނީ މި މައްސަލާގައި ހިމެނޭ ދެ ފުލުހަކު ކުރިން މަސައްކަތް ކުރި ޑިޕާޓްމަންޓް ނޫން އެހެން ޑިޕާޓްމަންޓްއަކަށް ބަދަލުކުރުމަށް ކަމަށެވެ.

އަދި މި މައްސަލާގައި ހިމެނޭ އަނެއް ފުލުހުން މީހާގެ މަގާމު ދަށްކޮށް އަހުލާގީ ކުލަ ނެގުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މިމައްސަލާގައި ހިމެނޭ އެއްވެސް ފުލުހެއްގެ ވަނަވަރެއް ހާމަކޮށްފައިނުވާއިރު އެ މީހުން މަގާމައި ކުރި މަސައްކަތްކުރި އަދި ބަދަލުކުރި ޑިޕާޓްމަންޓްގެ މައުލޫމާތުވެސް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ. ކޭއޯއަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފިޔަވަޅު އަޅާފައިވަނީ، ސްޓޭޝަން އިންސްޕެކްޓަރ މަގާމުގައި ހުންނެވި އަބުދުލް ސަލާމް އަބުދުއްކަރީމް އާއި ހުސެއިން ޝިޔާން މުހައްމަދު އަދި މުހައްމަދު ދާއުދަށެވެ.

މީގެ ތެރެއިން ދެ ފުލުހަކު މަސައްކަތް ކުރައްވަނީ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355