twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: އެއްމެދު އިމާރާތަކީ ކޮބައިކަން އެނގޭތަ؟

Jul 23, 2020
1

ބިމުގެ ދަތިކަމަކީ ރާއްޖޭގައި ޙައްލެއް ނުލިބި ބޮޑުވަމުންދާ މައްސަލައެކެވެ. އަމިއްލަ ނަމުގައި އޮންނަ ތަންކޮޅެއްގައި ދިރިއުޅުމަކީ ކޮންމެ މީހަކުވެސް ދެކޭ ހުވަފެނެކެވެ. ހުރިހާ ބެހެނިވެރިންގެ މެދުގައި، މުސްކުޅި ގޯތި ބަހައިގެން ތަންކޮޅެއް ލިބުނުކަމުގައިވިޔަސް، ލިބޭ ތަންކޮޅު ކުޑަކަމުން، އެތަނުގައި ދިރިއުޅުންވަނީ ދަތިކަމަކަށް ވެފައެވެ. މިފަދަ ގޮތެއް މެދުވެރިވެފައިވާ ބަޔަކު، ލިބިފައިވާ ތަންކޮޅު ކޮންމެ މީހަކަށް ބައެއްވާ އުސޫލުން ގިނަ ފަންގިފިލާތަކަށް ނަގައި، އެ އިމާރާތުގައި ދިރިއުޅެމުންގެންދެއެވެ. ނަމަވެސް، އެއިމާރާތް އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރާނަމަ، އެމީހަކަށް ލިބެންވާ ޙައްޤުތަކުން މަޙުރޫމްވާތަން ފެންނަނީ މަދަކުންނޫނެވެ. ވީމާ، އެއްމެދު އިމާރާތަކީ ކޮބައިކަން ބަލާލަމާތޯއެވެ؟

އެއްމެދު އިމާރާތް

އެއްމެދު އިމާރާތަކީ، ވަކިވަކި ފްލެޓްތަކެއް ހިމެނޭނެހެން އަދި އޭގެން ކޮންމެ ފްލެޓަކީ ވަކި ގޭބިސީއެއްގޮތަށް، އެކިއެކި މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެ ގޮތަށް އިމާރާތްކުރެވިފައިވާ އިމާރާތްތަކެވެ. އެއްމެދު އިމާރާތެއްގެ ފްލެޓެއް ކަމުގައި ބެލެވޭނީ ކަރަންޓާއި ފެނާއި ނަރުދަމާފަދަ، ދިރިއުޅުމުގެ އަސާސީ ބޭނުތަކަށް ބޭނުންވާ ވަސީލަތްތައް ވަކިކޮށް، 2 ބުރިއަށް ނުވަތަ އެއަށްވުރެ އުސްކޮށް އިމާރާތްކޮށްފައި ހުންނަ އިމާރާތް ނުވަތަ އިމާރާތުގެ ބައިތަކަށެވެ. މިސާލަކަށް 4 ބުރިއަށް ގެއެށް އިމާރާތްކުރުމަށްފަހު، ކޮންމެ ބައެއްގައި ފެނާއި ކަރަންޓާއި، ދެންވެސް ވަކިވަކި ގޭބިސީތަކެއްގެ ގޮތުގައި އެތަނަކަށް ބޭނުންވާނެ ޚިދުމަތްތައް ވަކިން ހިމެނުމަށްފަހު ދެ އެޕަރޓްމަންޓް ހެދިދާނެއެވެ. އޭރުން އޭގެން ކޮންމެ އެޕަރޓްމަންޓެއްވާނީ، އެއްމެދު އިމާރާތުގެ ފްލެޓަކަށެވެ. އަދި އެ އިމާރާތަކީ އެއްމެދު އިމާރާތެކެވެ.

އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުން

އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ބޭނުންވާނަމަ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށެވެ. އަދި މި ހުއްދަ ލިބުމަށްފަހު، ހުއްދައާއެކު އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމުގައި ބަޔާންކުރާ ތަކެއްޗާއިއެކު، ސިޓީއެއްނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައިނަމަ ރަށުކައުންސިލަށް، ހުއްދަ ލިބޭތާ 90 ދުވަހުގެތެރޭގައި އެއްމެދު އިމާރާތް ރަޖިސްޓްރީކުރަން ހުށަހަޅަންވާނެއެވެ. މި މުއްދަތު ފަހަނައަޅައިފިނަމަ، މިނިސްޓްރީއިން ދޫކުރި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރިކަމުގެ ހުއްދަ ބާޠިލުވާނެއެވެ. އެހެންކަމުން، އަލުން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ އަލުން މިނިސްޓްރީއިން ހުއްދަ ނެގުމަށްފަހުގައެވެ.

އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން، އެއްމެދު އިމާރާތުގެ ރަޖިސްޓްރީ ހަދައިދޭނެއެވެ. މި ރަޖިސްޓްރީގައި، އެއްމެދު އިމާރާތުގެ ބައިތަކުގެ މިލްކުވެރި ހުރިހާ ފަރާތެއް ހިމެނޭނެއެވެ. މީގެއިތުރުން، އެއްމެދު އިމާރާތުގެ ކޮންމެ ބަޔަކަށް ނުވަތަ ފްލެޓަކަށް، ވަކި ރަޖިސްޓްރީއެއް ހަދައިދޭނެއެވެ. މި ރަޖިސްޓްރީގައި ހިމެނޭނީ، އެ ފްލެޓެއް ނުވަތަ ބައެއްގެ މިލްކުވެރި ފަރާތެވެ.

އެއްމެދު އިމާރާތުގެ ބިމުގެ މިލްކުވެރިކަން

އެއްމެދު އިމާރާތުގެ ބިމަކީ، އެއްމެދު އިމާރާތުގެ މިލްކުވެރިންނަށް ވަކިވަކިން ކަނޑައަޅާ އައްޔަނުކުރެވިގެންދާ ބިމެއްނޫނެވެ. ނަމަވެސް އެއްމެދު އިމާރާތުގެ ކޮންމެ ފްލެޓަކަށް ނުވަތަ ބަޔަކަށް ވަކިން ހަދައިދޭ ރަޖިސްޓްރީގައި އެއްމެދު އިމާރާތަކުން އެމީހަކަށް ލިބޭ ބައިގެ ނިސްބަތުން، އެމީހަކީ އެއްމެދު އިމާރާތް ހުރި ބިމުގެ މިލްކުވެރި ފަރާތްކަން ލިޔެފާ އޮންނާނެއެވެ. މިސާލަކަށް، 600 އަކަފޫޓު ބިމެއްގައި 4 ބުރިއަށް އެއްމެދު އިމާރާތެއް އިމާރާތްކޮށް، އޭގެތެރެއިން 2 ބުރީގެ މިލްކުވެރި ފަރާތަކީ ވަކި މީހެއް ކަމުގައިވެއްޖެނަމަ، އިމާރާތްހުރި ބިމުގެ ދެބައިކުޅަ އެއްބައިގެ މިލްކުވެރި ފަރާތަކީ، އެމީހެއް ކަމުގައި ކަނޑައެޅޭނެއެވެ. އަދި އެއްމެދު އިމާރާތް ތަޅާލާ ދުވަހަކުންވެސް، އެއްމެދު އިމާރާތުގެ މިލްކުވެރިންނަށް އެއްމެދު އިމާރާތުގެ މިލްކުވެރިކަން ލިބުނު ނިސްބަތުން އެއްމެދު އިމާރާތްހުރި ބިމުން ލިބޭނެއެވެ.

އެއްމެދު އިމާރާތުގެ "އެއްމެދު" ބައިތައް

އެއްމެދު އިމާރާތުގައި ހިމެނޭ ޓެރަސް، ލިފްޓް، ސިޑި ގޮޅި، ސިޑި ފަދަ ތަންތަނަކީ، އެއްމެދު އިމާރާތުގެ ހުރިހާ މިލްކުވެރިން އެއްވަރަކަށް ޙިއްސާވާ އެއްމެދު ބައިތަކެކެވެ. އެއްމެދު އިމާރާތުގެ ރަޖިސްޓްރީގައި މިބައިތައް ވަކިކުރެވިފައި އޮންނަންވާނެއެވެ. އަދި މިބައިތައް ބެލެހެއްޓުމަކީ އެއްމެދު އިމާރާތުގެ މިލްކުވެރިންގެ ޒިންމާއެކެވެ.

ނިންމުން

ހުރިހާ ވާރިސުން އެއް އިމާރާތެއްގައި ދިރިއުޅެން ބޭނުންވާނަމަ، އެއްމެދު އިމާރާތެއްގެ ގޮތުގައި އެ އިމާރާތެއް ރަޖިސްޓްރީކޮށްފިނަމަ އެމީހަކަށް ލިބޭ ބަޔަކުން ޤާނޫނީގޮތުން ކުރެވޭނެ ހުރިހާ މުޢާމަލާތެއް ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އެހެންކަމުން މިއީ ކުރިޔާލާ ހުރިހާ ވާރިސުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355