twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: ކުންފުނި އުވާލަން ބޭނުންތަ؟

Aug 6, 2020
1

ކޮންމެ މީހަކުވެސް އަމިއްލަ ވިޔަފާރިއެއް ފެށުމުގެ މަޤްޞަދުގައި، ކުންފުންޏެއް އުފައްދާ މަސައްކަތް ފަށަނީ ފޮނި ހުވަފެންތަކާއި އެކުގައެވެ. މި ވިޔަފާރި ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއްކޮށް، ވަގުތުތަކެއް ހޭދަކޮށް، އެތައް ފައިސާއެއް ޚަރަދުކޮށް އަދި އެންމެ ފަހުގެ އުކުޅުތައް ބޭނުންކުރެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ވިޔަފާރި ހުއްޓުމަކަށްއައިސް، ކުންފުންޏަށް ގެއްލުންތައްލިބި ބަނގުރޫޓުވާތަން މިދަނީ ފެންނަމުންނެވެ. އެސަބަބަކީ އަމިއްލަ ބާރުގެ ދަށުގައިވާ ސަބަބެއްނަމަވެސް، ނުވަތަ އާލަމީ ބަލިމަޑުކަމެއްފަދަ ބާރުނުފޯރުވޭ ސަބަބެއް ނަމަވެސް، ވިޔަފާރި ހުއްޓި ކުންފުންޏަށް ބޮޑެތި ގެއްލުންތައްވާން ފެށުމުން ކުންފުނި އުވާލުމަކީ، އެޙާލަތުގައި ކުރުން އެންމެ މަސްލަޙަތު ބޮޑު ގޮތަށްވެއެވެ. ވީމާ، ކުންފުނި އުވާލަން ބޭނުންވާނަމަ ޢަމަލުކުރަންވީ ގޮތަށް ބަލާލަމާތޯއެވެ؟

ކުންފުނި އުވާލުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމުން

ކުންފުންޏެއް އުވާލުމުގެ ފުރަތަމަ މަރުޙަލާއަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވޭ ޖަލްސާއެއްގައި، ކުންފުނި އުވާލުމަށް ޑިރެކްޓަރުންގެ މެދުގައި ފާސްކުރެވޭ ޤަރާރަކުން ކުންފުނި އުވާލުމަށް ނިންމުމެވެ. ނަމަވެސް އެންމެފަހު ނިންމުން ނިންމާނީ ކުންފުނީގެ ޙިއްޞާދާރުންގެ މެދުގައި ބޭއްވޭ އާންމު ޖަލްސާއެއްގައި، ކުންފުނި އުވާލުމަށް ފާސްކުރެވޭ ޚާއްޞަ ޤަރާރަކުންނެވެ. މި ޤަރާރުގައި ކުންފުނި އުވާލުމަށް ނިންމިފައިވާކަމާ، އައްޔަނުކުރެވޭ ލިކުއިޑޭޓަރއަކީ ކޮބައިކަމާއި އަދި ލިކުއިޑޭޓަރގެ ފީ ނުވަތަ މުސާރަ ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

ލިކުއިޑޭޓަރއެއް އައްޔަނުކުރުމުގައިވާ ޝަރުތުތައް

ކުންފުނި އުވާލުމުގެ ނިންމުން ނިންމާ ޖަލްސާގައި، އެކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް ލިކުއިޑޭޓަރއެއް އައްޔަނުކޮށް އަދި އެފަރާތަށްދޭނެ މުސާރައެއްވެސް ކަނޑައަޅަންވާނެއެވެ. ލިކުއިޑޭޓަރއަކީ ކުންފުނި އުވާލުމުގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަށްވެފައި، ލިކުއިޑޭޓަރއެއްގެ ގޮތުގައި އުވާލެވޭ ކުންފުނީގެ ޑިރެކްޓަރެއް، ޙިއްޞާދާރެއް ނުވަތަ މުވައްޒަފެއް އައްޔަނުކުރުމަކީ ހުއްދަކަމެއްނޫނެވެ. އަދި އައްޔަނުކުރެވޭ ފަރާތަކީ ކުންފުނި އުވާލުމުގެ މަސައްކަތް ކުރެވޭނެފަދަ ޤާބިލިއްޔަތުކަން ލިބިފައިވާ މީހަކަށްވުމަކީ ލާޒިމުކަމެކެވެ. ހަމައެހެންމެ އެފަރާތަކީ، އެކުންފުންޏެއްގެ ވިޔަފާރީގެ މަޞްލަޙަތުއޮތް ފަރާތެއް ކަމުގައިވެގެން ނުވާނެއެވެ. ހަމަމިއާއެކު ވައްކަމާއި، ޙީލަތް އަދި ޓެކުންފަދަ ކުށެއް ސާބިތުވެފައިވާ ނުވަތަ ސާބިތު ދަރަންޏެއް އަދާނުކޮށް އޮތް މީހަކުކަމުގައި ވެގެންނުވާނެއެވެ.

ކުންފުނި އުވާލުމުގެ މަސައްކަތާއި ލިކުއިޑޭޓަރ ހަވާލުވާތާ 7 ދުވަހުގެ ތެރޭގައި، އެކަން ރެޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް އަންގަންވާނެއެވެ. މީގެއިތުރުން، މިކަން އާންމުކޮށް އަންގާ އިއުލާންކުރަންވެސް ވާނެއެވެ.

ލިކުއިޑޭޓަރގެ މަސްޢޫލިއްޔަތުތައް

ކުންފުނީގެ މުދަލާއި، ދަރަންޏާއި އަރަނި އެނގޭނެ ފަދައިން ރިޕޯޓެއް ތައްޔާރުކޮށް، އެކިފަރާތްތަކުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރގެ މަސްޢޫލިއްޔަތެކެވެ. އަދި ކުންފުނިން އެހެންފަރާތެއްގެ މައްޗަށް ދަޢުވާކުރަންޖެހޭނަމަ ނުވަތަ އެހެން ފަރާތަކުން ކުންފުނީގެ މައްޗަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނަމަ، އެދަޢުވާއެއްގައި ކުންފުނި ތަމްސީލުކުރުމަށް ވަކީލުން އައްޔަނުކުރުމަކީވެސް، ލިކުއިޑޭޓަރގެ މަސްޢޫލިއްޔަތެކެވެ. ހަމައެހެންމެ، ކުންފުނީގެ ދަރަނިތައް އަދާކުރުމާއި އަދި ދަރަނި އަދާކުރުމަށްފަހު ކުންފުނީގެ ފައިސާ އިތުރުވާނަމަ، އެފައިސާ ކުންފުނީގެ ޙިއްޞާދާރުންގެ މެދުގައި ބެހުމަކީވެސް ލިކުއިޑޭޓަރގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެކެވެ. މިސާލަކަށް، އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއްގައި، ކުންފުނީގެ މުދަލުގެގޮތުގައި ތަފާތު މެޝިންތައް ހުރެދާނެއެވެ. އަދި ވިޔަފާރި ފުޅާކުރުމަށްޓަކައި އެހެންފަރާތަކުން ލޯނެއްވެސް ނަގާފައި އޮވެދާނެއެވެ. ނުވަތަ އެހެން ފަރާތަކަށް ލޯނެއް ދޫކޮށްފައިވެސް އޮވެދާނެއެވެ. މިޙާލަތުގައި ކުންފުނީގެ މުދާތައް ވިއްކާލައިގެންނަމަވެސް، ކުންފުނިން ނަގާފައިވާ ދަރަނި އަދާކުރުން ލާޒިމުވާނެއެވެ. އަދި ކުންފުނީގެ ޙިއްޞާދާރުންނަށް ކުންފުނިން އެއްވެސް ފައިސާއެއްދެވޭނީ، މި ދަރަނި ދެއްކުމަށްފަހުގައެވެ. އަދި ކުންފުނިން އެހެންފަރާތަކަށް ދޫކޮށްފައިވާ ލޯނު އަނބުރާ އެފަރާތުން ނުދައްކާނަމަ، އެފައިސާވެސް ހޯދުމަކީ ލިކުއިޑޭޓަރގެ ޒިންމާއެކެވެ.

ލިކުއިޑޭޓަރގެ މަސައްކަތް ނިމުމުން ދެން ކަންތައްކުރަންވީގޮތް

ލިކުއިޑޭޓަރގެ މަސައްކަތް ނިމުމުން ކުންފުނީގެ ޙިއްޞާދާރުންގެ ޖަލްސާއެއް ބާއްވާ، ކުންފުނީގެ ދަރަންޏާ އަރަންޏާއި ދެންވެސް ކުންފުންޏާއިމެދު ޢަމަލުކުރިގޮތް ހިމެނޭގޮތަށް، ލިކުއިޑޭޓަރ ތައްޔާރުކޮށްފައިވާ ރިޕޯޓެއް، ޙިއްޞާދާރުންނާއި ޙިއްޞާކުރަންޖެހޭނެއެވެ. އަދި މިޖަލްސާގައި ލިކުއިޑޭޓަރގެ ރިޕޯޓު ފާސްކުރުމުން، ކުންފުނި އުވާލުމަށްއެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން ކުންފުނި އުވާލައިދޭނެއެވެ.

ނިންމުން

ވިޔަފާރި ހުއްޓުމަކަށްއައިސް އިތުރަށް ކުރިޔަށްނުދާނެކަން ޔަޤީންވުމުން، ކުންފުނި އުވާލުމަކީ ޤާނޫނީގޮތުން އެންމެ ބުއްދިވެރިގޮތެވެ. ސަބަބަކީ، ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ފީ ދެއްކުން ލާޒިމުވާތީ، ފައިދާއެއް ނުލިބި ގެއްލުމުގައި ވިޔަފާރިކުރުމަށް ކުންފުނި ބޭއްވުމަށްވުރެ، ކުންފުނި އުވާލުމުން އެތައް ފައިސާއެއް ރައްކާކުރެވޭނެތީއެވެ. މީގެއިތުރުން، ކުންފުނި އުވާލުމުގެ މަސައްކަތް ޤާނޫނީ ހަމަތަކުގެމަތިންކޮށް ނިންމާލުމަކީ، ކުންފުނީގެ ޙިއްޞާދާރުންގެ ބޮލުގައި ފަހުން އެޅިދާނެ ޤާނޫނީ ޒިންމާތަކުން، ބަރީއަވެވޭނެ ހަމައެކަނި ގޮތް ކަމުގާވާތީއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355