މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ އާމްދަނީ ދަށްވުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ދަށްކޮށްފި އެވެ. ފިނޭންސް އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ދައުލަތުން ކުރި ހަރަދު 6.4 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ޖޫން މަހުގެ ފިސްކަލް ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖޫން މަހު ސަރުކާރަށް ލިބިފައިވަނީ 394.8 މިލިއަން ރުފިޔާއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 78.2 ޕަސެންޓް ދަށް އަދަދެކެވެ.
މީގެެ ސަބަބެއް ކަމަށް ބުނެފައިވަނީ މި އަހަރުގެ މި މުއްދަތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ދަށްވުމެވެ. މިއަހަރުގެ މި މުއްދަތުގައި ޓެކުހުން ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ މަދު އަދަދެއް ކަމަށް ފިނޭންސް އިން ބުންޏެވެ.
ޓެކްސް ނޫން އާމްދަނީ އަށް ބަލާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިިބުނު ފައިސާވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 297.8 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި މިއަހަރުގެ ޖޫން މަހާއި ހަމައަށް 3.5 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިދިޔަ އަހަރު މި މުއްދަތުގައި ހަރަދު ކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ޖޫން މަހާއި ހަމައަށް ރިކަރަންޓު ހަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓުގެ ގޮތުގައި ހަރަދުކޮށްފައިވަނީ 9.2 ބިލިއަން ރުފިޔާ އެވެ.
ޖޫން މަހާއި ހަމައަށް ފިސްކަލް ޑެފިސިޓް ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.
މީގެ އިތުރުން މި އަހަރުގެ ޖޫން މަހާއި ހަމައަށް ސަރުކާރުގެ ދަރަނި އަދާކުރުމަށް 549.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތައި ހަމައަށް ލޯނު އަދާކުރުމަށް ހަރަދުކޮށްފައިވަނީ 534.6 މިލިއަން ރުފިޔާއެވެ.