twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ވިއްކީ ތިމާގެ އަމިއްލަ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއްތޯ؟

Aug 13, 2020

ތިމާ ވިއްކުމަށް ގަސްތުކުރަނީ ނުވަތަ ވިއްކަނީ ތިމާގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލެއްތޯއެވެ؟ ނުވަތަ ތިމާއަށް އެ ވިއްކި އެއްޗެއްގެ މައްޗަށް ބާރު ފޯރުވޭ އެއްޗެއްތޯއެވެ؟ ނުވަތަ ތިމާގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ މުދަލެއްތޯއެވެ؟ އެމީހަކަށް ވިއްކޭ އެއްޗަކީ، އެމީހެއްގެ މިލްކުވެރިކަމުގެ ދަށުގައިނުވާ އަދި އެމީހެއްގެ ބާރުނުފޯރުވޭ މުދަލެއްކަމުގައިވާނަމަ، އެމީހަކަށް އެމުދަލެއް ވިއްކުމުގެ ޙައްޤު ލިބިގެނެއްނުވެއެވެ. ނަމަވެސް މުދާ ވިއްކުމުގެ މުޢާމަލާތެއްގައި މުދަލުގެ މިލްކުވެރިކަމާއިމެދު ޚިލާފުވެ، ދެބައެއްގެ ދެމެދުގައި މައްސަލަޖެހި، މުދަލުގެ ޙަޤީޤީ ވެރިފަރާތާއި އެމުދަލެއް ގަންނަ ފަރާތުގެ ޙައްޤުތައް ގެއްލިދާތަން ފެންނަނީ މަދަކުންނޫނެވެ.

މިލްކުވެރިކަމަކީ ކޮބައިކަމާއި، މިލްކުވެރިކަމެއް ނެތް ހިނދު މުދާވިއްކުމުގެ ސަބަބުން ލިބިދޭ ގެއްލުމާއިމެދު ޢަމަލުކުރަންވީގޮތް ޤާނޫނުގައިވަނީ ކިހިނެއްތޯ ބަލާލަމާތޯއެވެ.

މިލްކުވެރިކަން

މިލްކުވެރިކަމަކީ މުދަލެއްގެ މިލްކުވެރި ފަރާތްތަކަށް ނުވަތަ ފަރާތަށް ލިބިދޭ، އެމުދަލެއްގެ މައްޗަށް ޤާނޫނީގޮތުން ލިބޭ އެންމެހައި ޙައްޤުތަކާއި މަންފާތަކެވެ. މުދަލުގެ މިލްކުވެރިކަން ލިބިގެންވާ ފަރާތަށް އެމުދަލުގެ މައްޗަށް ބާރުފޯރުވުމުގެ ޙައްޤު ލިބިގެންވެއެވެ. އެގޮތުން، އެމުދަލަކުން ބޭނުންކުރުމާއި، ހޭދަކުރުމާއި އަދި ވިއްކުމުގެ ޙައްޤުތައްވެސް ލިބިގެންދެއެވެ. ހަމައެހެންމެ، އެ މުދަލެއްވެގެންދާނީ އެމީހެއްގެ ނަންމަތީގައިވާ، އެމީހަކަށް އޭގެން ތަޞައްރަފުކުރުމުގެ ބާރު އޮތް މުދަލަކަށެވެ. މިސާލަކަށް، ތިމާގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމެއް ކަމަށްވާނީ، ޤާނޫނުގެ ދަށުން އެބިން ބޭނުންކުރުމަށް ނުވަތަ ބިމުގައި ތަނެއް ހެދުމަށް ނުވަތަ ބިމުން މަންފާއެއް ހޯދުމަށްޓަކައި ކުއްޔަށް ދިނުމަށް ނުވަތަ ވިއްކުމުގެ ޙައްޤު ޤާނޫނީގޮތުން ލިބި، އަދި އެބިމަކީ އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިމެއް ކަމުގައިވާނަމައެވެ.

މިފަދަ މުދަލެއް ވިއްކާނަމަ، އެމުދަލުގެ މައްޗަށް އުފެދިފައިވާ ޙައްޤުތައް މުދަލާއެކު، މިލްކުވެރިކަން ނަގުލުކުރެވޭ ފަރާތަށް ދެމިގެންދާނެއެވެ. އެގޮތުން ތިމާގެ ނަންމަތީގައިވާ ސައިކަލެއް ވިއްކާނަމަ، އެ ސައިކަލު ގަންނަ މީހާގެ ނަމަށް ރަޖިސްޓްރީ ބަދަލުކުރެވި، އެސައިކަލު ބޭނުންކުރުމުގެ ޙައްޤާއި ސައިކަލުން ލިބޭ ފައިދާ އަދި ގެއްލުމުގައި ޒިންމާވާނެ ފަރާތަކަށް ވެގެންދާނީ، އެ ސައިކަލު ގަތްފަރާތެވެ.

މިލްކުވެރިކަމުގެ ދަށުގައި ނެތްއެއްޗެއް ވިއްކުމުގެ ނަތީޖާ

ވިއްކާ މުދަލަކީ، ވިއްކާ މީހާގެ މިލްވެރިކަމުގެ ދަށުގައި ނުވާ އަދި އެމީހެއްގެ ބާރުފޯރުވޭ އެއްޗެއްކަމުގައިނުވާނަމަ، އެމީހަކަށް އެ ވިއްކުމުގެ ޙައްޤު ލިބިގެންނުވެއެވެ. އަދި ގަންނަ މީހާ ގަތްކަމުގައިވީނަމަވެސް، އެމީހަކަށް އޭގެ މިލްކުވެރިކަން ޢާންމު އުޞޫލެއްގެ ދަށުން ވާރުތަވެގެނެއް ނުދާނެއެވެ. ހަމައެހެންމެ، އެމުދަލެއް ގަތްފަރާތައް އެމުދަލުން ތަޞައްރަފުކުރުމުގެ ޙައްޤުވެސް ގެއްލިގެންދާނެއެވެ. މިސާލަކަށް، ލޮރީއެއް ގަތްފަރާތަކަށް އެލޮރީ ބޭނުންކުރުމާއި މިލްކުވެރިކަން ވާރުތަވާނީ، އެ ލޮރީއަކީ ވިއްކި ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއް ކަމުގައިވާނަމެވެ. އެހެންނޫންނަމަ، އެމުދަލުން ތަޞައްރަފުކުރުމުގެ ބާރު ލިބިގެންވާނީ އަސްލު އެމުދަލުގެ މިލްކުވެރި ފަރާތަށެވެ.

ޤާނޫނުން ލިބިދީފައިވާ ޙައްޤުތަކާއި ޙައްލުތައް

އަމިއްލަ މިލްކުވެރިކަމުގައި ނެތް މުދަލެއް ވިއްކައިފިނަމަ، މުދަލުގެ ޙަޤީޤީ މިލްކުވެރިފަރާތަށް އެމުދާ އަނބުރާ ހޯދުމުގެ ބާރު ލިބިގެންވެއެވެ. އެގޮތުން މިލްކުވެރިކަމުގެ ދަށުގައި ނެތި އެމުދާ ވިއްކި ފަރާތުގެ މައްޗަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު، ޙަޤީޤީ ވެރިފަރާތަށް ލިބިގެންވެއެވެ. އަދި މުދާ ގަތްފަރާތަށް، މުދަލުގެ އަގުގެ ގޮތުގައި ދެއްކި ފައިސާއާއި ބައެއް ޙާލަތުގައި ގެއްލުމުގެ ބަދަލު ހޯދުމަށް، މުދާ ވިއްކި ފަރާތުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

މިސާލަކަށް މީހަކު ގަނެފައިވާ ކާރެއް، އެމީހެއްގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށްފައިނުވާ ޙާލަތުގައި، އެކާރު ތިންވަނަ ފަރާތަކަށް ވިއްކުމުގެ ބާރު ކާރު ގަތްފަރާތަށް ލިބިގެނެއްނުވާނެއެވެ. އަދި މިޙާލަތުގައި އެކާރު ގަތްފަރާތަށް މުދަލުގެ މައްޗަށްވާ ޙައްޤުތަކާއި، ތަޞައްރަފްކުރުމުގެ ބާރު އެއްކޮށް ނަގުލު ކުރެވިގެނެއްވެސް ނުދާނެއެވެ. އެކާރުގެ ވެރިފަރާތްވެގެންދާނީ، ޤާނޫނީގޮތުން އެކާރުގެ ރަޖިސްޓްރީގައިވާ ފަރާތެވެ.

އެހެންނަމަވެސް، މުދާ ގަތްފަރާތަށް އެމުދަލަކީ ވިއްކިމީހާގެ މިލްކުވެރިކަމުގެ ދަށުގައިނުވާ، ތިންވަނަ ފަރާތެއްގެ ބާރު ފޯރުވޭ މުދަލެއްކަން ކަނޑައެޅިގެން ނޭނގޭނަމަ، ގަތްފަރާތަށް މުދާ ވިއްކިފަރާތާއި ދެކޮޅަށް ދަޢުވާކޮށް، އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުޞަތުވަނީ ޤާނޫނުން ފަހިކޮށްދީފައެވެ.

ނިންމުން

ތިމާ ގަންނަ މުދަލަކީ ވިއްކާ މީހާއަށް ވިއްކުމުގެ ޙައްޤު އޮތް މުދަލެއްތޯ ކަށަވަރުކުރުމަކީ، ގަންނަ މީހާގެ ޒިންމާއެކެވެ. އަދި މިއީ ފަހުން އެމުދަލުގެ މިލްކުވެރިފަރާތުން އެމުދާ އަނބުރާ ހޯދުމަށް އެދޭ ޙާލަތުގައި، މުދާގަތްފަރާތަށް ލިބިދާނެ ގެއްލުންތަކުން ރާއްކާތެރިކޮށްދޭ، މުދަލުގެ ޙަޤީޤީ ވެރިފަރާތަށްވެސް އިތުރު ގެއްލުންތަކުން ސަލާމަތްކޮށްދޭނެ ކަމަކަށްވާތީއެވެ. ޤާނޫނީ ހަމަތަކުގެ މަތިންވެސް، އެންމެ ރަނގަޅު ގޮތްކަމުގައިވާތީއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355