twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ކުށެއްނެތި ތިމާގެ އަބުރު ކަތިލީތޯއެވެ؟

Aug 27, 2020
1

ތިމާގެ ނުވަތަ ތިމާގެ އާއިލާ މީހަކާއި ބެހޭގޮތުން ދޮގު ހަދައި، މީސް މީޑިއާގައި ޚަބަރު ފަތުރަނީތޯއެވެ؟ ނުވަތަ ތެދު ޙަޤީޤަތެއް ބެލުމެއްނެތި ތިމާގެ އަބުރު ގެއްލޭފަދަ ގޮތަކަށް ނޫހުގައި ނުވަތަ އެފަދަ އެހެންތަނެއްގައި ޝާއިޢުކުރަނީތޯއެވެ؟ މިފަދަ މައްސަލަތަކަކީ މި ކުރިއަރަމުންދާ ޒަމާނުގައި ގިނަވެ ފެންމަތިވަމުންދާ މައްސަލައެކެވެ. އެމީހެއްގެ އަބުރަށް އުނިކަން ލިބޭ ޙާލަތްތަކުގައި، މަދަނީ ދަޢުވާއެއްގެ ގޮތުގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤުވަނީ، އަބުރާ ބެހެވުނު މީހާއަށް ޤާނޫނީ ގޮތުން ލިބިދީފައެވެ.

އަބުރާ ބެހުން

އަބުރާބެހުމަކީ މީހަކު ބުނާ ބަހަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން، ވަކިމީހެއްގެ ޤަދަރާއި ޢިއްޒަތް ނުވަތަ ކަރާމާތް ނަގާލުން، ނުވަތަ އެއިން ކަމަކަށް އުނިކަން ދިނުމެވެ. މީގެ އިތުރުން، މުޖުތަމަޢުގައި އުޅޭ ސަލާމަތުން ބުއްދި ހުރި ފަރުދުންގެ ހިތްތަކުގައި އެބަސް ނިސްބަތްވި ފަރާތަށް ކުރަމުންއައި އިޙްތިރާމަށް ނުވަތަ ދެކެއުޅޭ ގޮތަށް ހެޔޮނޫން ބަދަލެއްއައުމެވެ. މީގެ އިތުރަށް، އެބަހުގެ ސަބަބުން ބަސް ނިސްބަތްވި ފަރާތެއް މުޖްތަމަޢުން އެކަހެރިވުންވެސް ހިމެނިގެންދާނީ، އަބުރާބެހުމުގެ މާނައިގެ ތެރޭގައެވެ. މިސާލަކަށް މީހަކަށް ނިސްބަތްވާގޮތަށް ލަވައެއް ހަދައި، އެލަވަ މީހުންގެ ތެރޭގައި އާންމުކުރުމުގެ ސަބަބުން އެލަވަ ނިސްބަތްވާ މީހާގެ ކަރާމަތަށް އުނިކަމެއް ނުވަތަ އެމީހަކަށް އެހެން މީހުން ކޮށްއުޅުނު އިޙްތިރާމް ގެއްލިދިޔަކަމުގައިވާނަމަ، އެކަން ވެގެންދާނީ އެމީހެއްގެ އަބުރަށް އުނިކަން ލިބޭފަދަ ޢަމަލެއްކަމުގައެވެ.

އެހެންކަމުން، ތިމާގެ އަބުރާބެހުމުގެ ސަބަބުން ތިމާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ތިމާގެ އަބުރަށް އަރައިގަތް ފަރާތާއި ދެކޮޅަށް، އެ ޙާދިސާ ހިނގިތާ ހަތަރު މަސްދުވަސް ފާއިތުނުވާކަމުގައިވާނަމަ، ދަޢުވާކުރެވޭނެއެވެ.

ބަދަލު ނަގައިދިނުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން

އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އަބުރާބެހުނު ފަރާތުގެ މައްޗަށް، އަބުރާ ބެހެވުނު ފަރާތުން ދަޢުވާ ކޮށްފިކަމުގައިވާނަމަ، ކޯޓުން އެބަދަލެއް ނަގައިދިނުމުގައި ވަކި ކަންކަމަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ. އެގޮތުން އަބުރާބެހުނު ފަރާތުން ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ ނުވަތަ ކޮށްފައިވާ ޢަމަލު ބިނާވެގެންވަނީ، އަބުރާ ބެހެވޭފަދަ ގޮތަކަށްތޯއާއި އަދި އެފަރާތުން އެކަންކޮށްފައިވަނީ އެމީހެއްގެ އަބުރަށް ގެއްލުމެއް ދިނުމުގެ ގޮތުންކަމާއި، އެކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަމަށް ނުވަތަ ނުވާކަމަށް ޝަރީޢަތުން ރިޢާޔަތްކުރަންވާނެއެވެ. ހަމައެހެންމެ، ބަސް ބުނެފައިވާ ނުވަތަ މަޢުލޫމާތު ދީފައިވާ ނުވަތަ ޢަމަލު ހިންގާފައިވާ ޙާލަތާއި، ތަނާ އަދި އެކަމަކީ އާންމު މަސްލަޙަތު ހިމެނޭ އާންމުންނަށް މުހިންމު މަޢުލޫމާތެއްތޯ ނުވަތަ ނޫންތޯވެސް ކަށަވަރުކުރަންވާނެއެވެ.

ބަދަލު ނަގައިދިނުމުގައި ހިމެނިގެންވާ ބައިތައް

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަދަލު ނަގައިދެވޭނީ، ދަޢުވާލިބޭ ފަރާތުން ބުނެފައިވާ ބަހުގައި ނުވަތަ ދީފައިވާ މަޢުލޫމާތުގައި ނުވަތަ ކޮށްފައިވާ ޢަމަލުގައި ވަކި ސިފަތަކެއް ހުރިނަމައެވެ. އެގޮތުން، ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ، ދޮގު ބަހެއް ނުވަތަ ދޮގު މަޢުލޫމާތަކަށްވެފައި، އެބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ ދަޢުވާކުރާ ފަރާތަށް ނިސްބަތްވާ ކަމަކަށް ނުވަތަ މަޢުލޫމާތަކަށް ވާންވާނެއެވެ. ހަމައެހެންމެ، ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ، ތިންވަނަ ފަރާތަކަށް އާންމުކޮށްފައިވާ އެއްޗަކަށްވުމާއި ބުނެފައިވާ ބަހުގެ ނުވަތަ ދީފައިވާ މަޢުލޫމާތުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ގެއްލުމެއް ލިބިފައިވާންވާނެއެވެ.

ނަގައިދެވޭނެ ބަދަލު

ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލަގައި، ދަޢުވާލިބޭ ފަރާތުން ބުނެފައިވާ ބަހަކީ ނުވަތަ ދީފައިވާ މަޢުލޫމާތަކީ ނުވަތަ ކޮށްފައިވާ ޢަމަލަކީ އަބުރާބެހެވޭފަދަ ޢަމަލެއްކަމަށް މަދަނީ މިންގަނޑުތަކުން ކޯޓަށް ސާބިތުވާ ޙާލަތްތަކުގައި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުނަގައިދެވޭނީ 02 ގޮތެއްގެ މަތިންނެވެ. އެއީ މަޢުނަވީ ގެއްލުމުގެ ބަދަލާއި، މާއްދީ ގެއްލުމުގެ ބަދަލެވެ. މިގޮތުން ލިބިފައިވަނީ ހަމައެކަނި މަޢުނަވީ ގެއްލުމެއްނަމަ ބަދަލުގެގޮތުގައި ނަގައިދެވޭނީ ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، 100ރ (ސަތޭކަ ރުފިޔާ) އާއި 5000ރ (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ އަދަދެކެވެ. އެހެންނަމަވެސް، މަޢުނަވީ ގެއްލުމުގެ އިތުރުން މާއްދީ ގެއްލުމެއް ލިބިފައިވާނަމަ، މާއްދީ ގެއްލުމާއި އެކަށީގެންވާވަރުގެ މާލީ ބަދަލެއް ނަގައިދެވޭނެއެވެ.

ނިންމުން

އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤަކަށްވާއިރު، އެފަދަ އަސާސީ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ، އެކަމާގުޅިގެން އިންސާފުވެރި ޙައްލެއް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤުވެސް އެފަރާތަކަށް ލިބިގެންވެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355