ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ރިސޯޓުތަކެއް ބަންދުކޮށް ގިނަ މުވައްޒަފުން ތިބީ އެމީހުންގެ އަމިއްލަ ރަށުގައެވެ. ސްކޫލުތައް ބަންދުވެ ދަތުރު ފަތުރުކުރުން ހުއްޓި އެންމެން ތިބީ ރަށުގައި "ތާށި" ވެފައެވެ. އެއާއެކު ރަށުގައި އެންމެ އެކުގައި ވަގުތު ހޭދަކޮށްލާނެ މައިޒާނެއްގެ ބޭނުން ޖެހިއްޖެ އެވެ. ފޫހި ފިލުވާލާ ރައްޓެހިންނާ އާއިލާއާއި އެކު ސަކަރާތް ޖަހާލާ މޫދަ އެރިލާނެ ހިތްފަސޭހަ ތަނެއްގެ ބޭނުން ވެއްޖެއެވެ.
މި ހިޔާލާއެކު ނޮޅިވަރަންފަރު 15 ވަރަކަށް ޒުވާނުން ނުކުމެ އެރަށުގެ ރައްޔިތުންނަށް މިވަނީ ހިތްފަސޭހަ މައިޒާނެއް ހަދައިދީފިއެވެ.
އެ ރަށުގެ ނޮޅި ސައިޓާ އެލިޔާ ސައިޓު ގުޅޭ ބޮޑު މަގު ކޮޅުގައި ރީތި ހިތްގައިމު ސަރަހައްދެއް ސާފުކޮށް ވައި ޖައްސާލަން ތިބެވޭނެ ހެން "ރުއްގަނޑު ބީޗު" ނަމުގައި މިތަން މިވަނީ މި މަހު 20 ވަނަ ދުވަހު ހުޅުވާފައެވެ.
ތަން ހެދުމަށް އިސްކޮށް އުޅުނު މުހައްމަދު އަހުމަދު "ކޭއޯ" އަށް މައުލޫމާތު ދެމުން ބުނީ ރަށުން ބޭރުގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުންވެސް ލޮކްޑައުންއާއި ގުޅިގެން ތިބީ ރަށުގައި ކަމަށާއި އެހެން ކަމުން ރައްޔިތުން ހިތްހަމަ ޖައްސާލުމަށް ބޭނުންވާ ސަރަހައްދެއް ހެދުމުގެ ހިޔާލު އައުމުން އެންމެ އެކުގައި މަސައްކަތް ފަށައިގަތީ ކަމަށެވެ. މަސައްކަތް ފެށުނީ ކައުންސިލްގެ ހުއްދައާއި އެކު ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ. އެގޮތުން އެ ސަރަހައްދު ސާފުކުރުމަށް ރަށުގެ އަންހެންވެރިންގެ އެހީތެރިކަން ލިބުނު ކަމަށާއި ތަން ހެދުމުގައި އުޅުނު ފަރާތްތަކަށް ކޮންމެ ދުވަހަކު ސައިގެ އިންތިޒާމުވެސް ރައްޔިތުން ހަމަޖައްސައި ދިން ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބު ހާއްސަކޮށް މުހައްމަދު ފާހަގަ ކުރިއެވެ. މި މަސައްކަތް ނިންމާލާފައި މިވަނީ ތަން ހެދުމުގައި އުޅުނު ފަރާތްތަކުގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށާއި ތަނުގައި ހުރި ހުރިހާ ތަކެއްޗަކީވެސް އެއީ އެންމެން ވެގެން އަމިއްލައަށް ހަދާފައިވާ ތަކެތި ކަމަށްވެސް މުހައްމަދު ބުންޏެވެެ. މި މައިޒާނަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހަދާފައިވާ ތަނެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެތަނުގައި ވަނީ ޑަސްބިންވެސް ބެހެއްޓިފައެވެ. އަދި ތިމާވެއްޓާއި ގުޅޭ ލިއުންވެސް ހަރުކޮށްފައި ވެއެވެ.
މުހައްމަދު ބުނީ އެ ސަރަހައްދަކީ ޕިކްނިކު ހެދުމަށްވެސް ބޭނުން ކުރާތަނެއް ކަމުން ތަން ހަދާފައިވާނީ އެންމެންނަށް ވެސް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ސަރަހައްދުގައި ބާބަކިއު ހެދޭނެ އިންތިޒާމާއި ފެންވެރޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މުހައްމުދު ބުންޏެވެ.
އުންމީދަކީ ރައްޔިތުން އެތަން ސާފުކޮށް ތަކެއްޗަށް ގެއްލުން ނުދީ ދާއިމާ ގޮތެއްގައި ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ގެންގުޅުން ކަމަށް މުހައްމަދު ބުންޏެވެ. އަދި އޭނާވަނީ އެކަމަށް ރައްޔިތުންގެ ފަރާތުންނާއި އެހެނިހެން ގޮތް ގޮތުން އެހީތެރިވި ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.