ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 30 މިލިއަން އަރައިފި އެވެ. މަރުވި މީހުންގެ އަދަދު އެއް މިލިއަން ފަހަނައަޅަނީ އެވެ. ނިސްބަތުން ބަލާއިރު މަރުވާ އަދަދު މަދު ނަމަވެސް މީގައި ހުރި ނުރައްކަލަށް ސަމާލުވާން ކެނޑިނޭޅި ތަޖުރިބާކާރުން އެދެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރުން ވެސް އެދޭ އެންމެ ބޮޑު އެއް ކަމަކީ މި ވައިރަހަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ނުދެކުމެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އާއި އެޗްޕީއޭގައި އިސްކޮށް ހަރަކާތްތެރިވާ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މި ބައްޔައް އާންމުން ހޭލުންތެރިކޮށްދީ "ފަސޭހަކޮށް ކަންތައްތައް ދޫކޮށްނުލަން" އެދެނީ މިއީ އަދި ސީދާ ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ އެވެ.
"މި ބަލީގެ އަލާމާތްތަކަކީ ދިވެހިންނަށް އާންމުކޮށް މި ޖެހޭ ރޯގާތަކުގައި ވެސް ހުންނަ ކަހަލަ ގޮތެއް. އެހެންވެ ފަސޭހަކޮށް މި ލެވެނީ. އެކަމަކު ވިސްނަން ޖެހޭ ކަމަކީ ބައްޔައް ޕޮޒިޓިވްވެފައި ހުރެ ޑޮކްޓަރަށް ނުގޮސް އެހެން ފަރުވާކުޑަކޮށްލެވިއްޖިއްޔާ އަމިއްލަ މީހާގެ އިތުރުން ތިމާގެ އެންމެ ގާތް މީހުން ވެސް މި ހުށަހެޅެނީ ނުރައްކަލަކަށްކަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ހޯދުންތަކުން ބެލުނީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީކޮށް ބައްޔަކަށް ބޭސް ކާ މީހުންނާއި އެކި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކަމަށެވެ. އެކަމަކު ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސިއްހަތު ރަނގަޅު ޒުވާނުން ވެސް އަންނަނީ ބަލިވަމުންނެވެ. އަދި ބަލިން ރަނގަޅުވިޔަސް ސިއްހީ އެކި މައްސަލަ ކުރިމަތިވާ މީހުން ގިނަ އެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިގެންދިޔައިރު ގިނަ ގައުމުތަކުން ދިގު މުއްދަތަކަށް ލޮކްޑައުން އަކަށް ދިޔަ އެވެ. އެ މުއްދަތުގައި ސިއްހީ މައްސަލަތައް ކުރިމަތިވީ ހަމައެކަނި ކޮވިޑް-19ގެ ސަބަބުން އެކަންޏެއް ނޫނެވެ. ކޮވިޑް-19 އާ ހެދި ސިއްހީ އެހެން މައްސަލަތައް ވެސް އިތުރުވި އެވެ. ނަފްސާނީ ބަލިމަޑުކަމެއް ވެސް ފެތުރުނެވެ.
ރާއްޖެއަށް ވެސް އެ މައްސަލަ ދިމާވި އެވެ. އެކަމަށް އިޝާރާތްކުރައްވައި، އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވީ ކަންކަމުން ލިބޭ ހާސްކަން ކުޑަކުރަން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ ބާރު ހިނގާ ކަންތައްތަކަށް ސަމާލުކަންދިނުން ކަމަށެވެ.
"އޭގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ވަރަށް އާދައިގެ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުން، ގައިދުރުކޮށްގެން ތިބެގެން ފޯނުން ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ވިޔަސް އެކަން މެއިންޓެއިން ކުރުން ހިމެނޭ،" އާފިޔާ ވިދާޅުވި އެވެ.
ފަހުގެ ދިރާސާތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހާއާ މެދު މުޖުތަމައު އިން ދެކޭ ގޮތް ބަދަލުވާތީ ކުރިމަތިވާ ނަފްސާނީ މައްސަލަތައް ވެސް އިތުރެވެ. އޭގެ ސަބަބުން ނަފްސާނީ ބަލިތަކަށް ބޭސް ކާން ޖެހޭ މީހުން އިތުރުވާ ކަމަށް ޖަރުމަނުގެ ލިޕްޒިގު ޔުނިވާސިޓީން ކުރި ދިރާސާއަކުން ދެއްކި އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ވަރަށް އަޅާލުން ދިނުމަށާއި އެ މީހުން ބާކީ ނުކުރަން އެޗްޕީއޭ އިން ވެސް ވަނީ ލަފާދީފަ އެވެ. އެއީ ބަލީގައި އެ މީހާ ބަލިކޮށްލާ މިންވަރަށް ވުރެން ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަކުރުމަށެވެ.
"އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ދެން ވަކި ކޮން ފަރާތަކުންތޯ ދޭނީ؟ މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރިއޭ ކިޔަފާއި ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ގއ. ވިލިނގިލީގައި ހުންނަ ހާއްސަ ފެސިލިޓީގައި ފަރުވާ ދިނުމަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާ އެ ރަށަށް އެރުވުމާ ދެކޮޅަށް މުޒާހަރާކުރުމުން އެކަމާ ބެހޭގޮތުން ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހިފައި ރަނގަޅު ވިޔަސް ބައެއް މީހުންގެ ކިބައިން އެކި އަލާމަތްތައް ވަކި މުއްދަތަކަށް ދެމިހުރެ އެވެ. އެ ގޮތުން ބައެއް ހޯދުންތަކުން އެނގެނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކުގައި އުޅޭ މީހުން އިތުރަށް ބަލިކަށިވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ދިމާވާކަމެވެ. މިއީ އިންޑިއާނާ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އިން. ކޮވިޑް-19 އިން ރަނގަޅުވި 1500 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ނަތީޖާ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 10،000 އާ ގާތްކޮށްފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 7700 އަށް ވުރެ މަތީގަ އެވެ. މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ބަލީގެ ނުރައްކާ ބޮޑުވެފައި ވާތީ ފަރުވާކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
ބޭރުގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އަމަލުކުރަމުން އަންނަ އުސޫލު ރަނގަޅެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހެއް ކަމުގައި ވިޔަސް އަލުން އެ މީހާ މުޖުތަމައު ތެރޭ އުޅެން ޖެހެނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ. މާސްކް އެޅުން މަޖުބޫރުވެފައިވަނީ ބަލިން ރަނގަޅުވެފައިވާ މީހެއް ނޫނީ ބަލިނުޖެހޭ މީހެއް އިސްތިސްނާނުވާ ގޮތަށެވެ. އެއީ ވެސް ހަގީގަތުގައި މި ބަލީގެ ނުރައްކާ އޮތް މިންވަރުން އަމަލުކުރެވޭ އުސޫލެކެވެ.
ޗައިނާގައި މިދިޔަ މަހު އެކަކު ހަ މަސް ތެރޭ ދެ ވަނަ ފަހަރަށް ޕޮޒިޓިވްވި ކޭހެއް ފެންމަތިވުމުން އެކަމާ ގުޅިހެން ހޯދުނު ބައެއް ހޯދުންތަކަށް އިޝާރާތްކޮށް ސައިންސްވެރިން ބުނާ ބުނާ ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހަކު އަލުން ޕޮޒިޓިވްވުމަކީ އެހާ ގާތްކަމެއް ނޫނެވެ. އަނެއް ބައި ސައެންސްވެރިން ބުނާ ގޮތުގައި ބަލިން ރަނގަޅުވި ނަމަވެސް ވައިރަސްގެ އަސަރު ހަށިގަނޑުގައި މަސްތަކެއް ވަންދެން ހުރެދާނެ ކަމަށާއި އެ މުއްދަތުގައި "ވައިރަސް ރިއެކްޓިވޭޓް" ވެދާނެ އެވެ. އެހެންވުމުން ބަލިޖެހިފައި ރަނގަޅުވިޔަސް ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ.
ރާއްޖޭގައި މިހާތަނަށް އެކަކަށް ދެ ވަނަ ފަހަރަށް ކޮވިޑް-19 ޖެހުނު ކޭހެއް ފެންމަތިވެފައެއް ނެތެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެ ފަދަ ކޭހެއް ރިޕޯޓްކޮށްފައިވަނީ ވެސް މަދު ފަހަރަކު އެވެ. ބައެއް ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މި ބައްޔައް ދެ ވަނަ ފަހަރު ޕޮޒިޓިވްވިޔަސް އެއީ އެހެން ވައިރަހަކުން މެދުވެރިވާ ކަމަކަށް ވެދާނެ އެވެ. ނޫނީ އެ މީހާގެ ދިފާއީ ނިޒާމް މަސައްކަތްކުރާ ލެވެލެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ކޮވިޑް-19 އާ ބެހޭ އާ ހޯދުންތައް ހޯދަން ސައިންސްވެރިން އަންނަނީ ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ. ސަބަބަކީ މީގެ ބިރުވެރިކަން އެއްކޮށް ނެތިގެންދާން އޮތީ ވެކްސިނެއް ލިބިގެން ކަމަށްވާތީ އެވެ. ކޮންމެ ދުވަހަކު ކޮވިޑް-19އާ ބެހޭ އާ ހޯދުމެއް ތިލަވަމުން އަންނައިރު، އެންމެންގެ ނަޒަރު ބޮޑަށް ހިނގަނީ މި ބަލީގެ ނުރައްކާތަކަށެވެ. އެއީ އަދިވެސް މި ބަލީގެ އަސްލު ފުރިހަމަ އަށް ނުހޯދޭތީ އެވެ. އެކަމަކު ސިއްހީ ކަމާ ބެހޭ ހުރިހާ މާހިރުން އިއްތިފާގުވާ އެއް ކަމަކީ މި ވައިރަހާ ބެހޭ މުހިއްމު ގިނަ މައުލޫމާތުތަކެއް އެއްކުރެވޭނީ އަދި އަހަރުތަކެއް ހޭދަވެގެންނެވެ. އެހެންކަމުން އެއްވެސް މީހަކަށް މި ބަލި އާދައިގެ ކަމަކަށް ހަދައިގެން އުޅެވޭކަށް ނެތެވެ.