twitterviber whatsapp telegramfacebookyoutube instagram
27th October 2020

ކަރަންޓީނުވުމަކީ ޗުއްޓީއެއް ނޫން!

Sep 23, 2020

ކޮވިޑް-19އާ ދެކޮޅަށް އަޅާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ބަލި ޖެހިފައިވާ މީހުންނާއި އެމީހުންނާ ބައްދަލުވެފައިވާ މީހުން ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރުމެވެ. ބަލި ފެތުރިފައިވާ ރަށްރަށުގައި ބޭރަށް ނުކުމެ މީހުންނާ ބައްދަލުކޮށް ނޫޅުމަކީ ވެސް ހަމަ އެ އުސޫލުން ކުރާ ކަމެކެވެ.

ކޮވިޑަކީ މާ ބޮޑު ކަމެއް ނޫން ކަމަށާއި ކަރަންޓީނު ވާން ޖެހުމަކީ ވެސް އެވަރު ކަމެއް ނޫންކަމަށް ދެކޭ މީހުން ހުރިހާ ގައުމުތަކެއްގައި ވެސް އުޅެ އެވެ. ކޮވިޑަށް ޕޮޒިޓިވްވެގެން ނުވަތަ ކޮންޓެކްޓަކަށް ވެގެން ނަމަވެސް ކަރަންޓީނު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް އެފަދަ މީހުން ދެކެ އެވެ.

ކަންބޮޑުވުމާއި ހާސްކަމުގެ "ބަންދެއް"

"ތިއީ ދެން އެވަރުގެ ކަމެއްތަ؟ ތިއީ ހަމަ ޗުއްޓީއެއްނު ދެން، އާއިލާއާ އެކު މަޖާކޮށްލަން،" ހޯމް ކަރަންޓީނުގައި ގޭގައި ހުންނަން ޖެހުމުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ޝަކުވާއަކަށް ކޮމެންޓް ކުރި އެކުވެރިއަކު ލިޔެފައިވެ އެވެ.

އެކަމަކު އާދަމް އަހުމަދު، 26، ބުނީ ކަރަންޓީނުވެގެން ހުންނަން ޖެހުމުން އޭނާއަށް އެކަންވީ ވަރަށް ބޮޑު ވޭނަކަށް ކަމަށެވެ. އާއްމު ދިރިއުޅުމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު އާދަމް ފެސިލިޓީއެއްގައި ކަރަންޓީނުވީ މާލޭގައި ހުރުމަށް ފަހު އެނބުރި ރަށަށް ދިއުމަށެވެ. އޭރު އަދި ރަށްރަށުގައި ހޯމް ކަރަންޓީނުވުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފެއް ނުކުރެ އެވެ. އއ.އަތޮޅުގެ ރިސޯޓެއްގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި އޭނާ ކަރަންޓީނުވީ ނުވެސް ދަންނަ މީހަކާ އެކުގައެވެ.

"ފެސިލިޓީތަކުގެ ޖާގަ އޮތް ގޮތުން އޭރުގައި ކަރަންޓީނަށް ދެވެން އޮތީ ނުދަންނަ މީހެއް ކަމަށް ވިޔަސް އެހެން މީހަކާ އެއްކޮށް ހުންނަން އެއްބަސްވެގެން، އެގޮތަށް އެއްބަސްވާން ޖެހުނީ ރިސޯޓުތަކުގެ ކޮޓަރިތައް ހުރީ ދެ މީހަކަށް ތިބެވޭ ގޮތަށް ކަމަށް ވާތީ އެ ޖާގަ ފުރިހަމައަށް ބޭނުން ކުރަން ކަމަށް އެޗްޕީއޭއިން ބުނީ،" އާދަމް ބުންޏެވެ.

އޭނާ ބުނިގޮތުގައި، ރިސޯޓުގެ ކޮޓަރީގެ ފެންވަރު ކިތަންމެހާ ވެސް ރަނގަޅެވެ. ރިސޯޓްގެ ގޮނޑުދޮށާއި މޫދުވެސް ރީއްޗެވެ. އެކަމަކު، އެ ރީތިކަމުން ހިތްހަމަޖެހުމަށް ވުރެ ބޮޑަށް ލިބުނީ ހާސްކަމެވެ. ރިސޯޓުގެ ރީތިކަން ވެސް ވީ ތުރާލަކަށް ކަމަށް އާދަމް ސިފަކުރީ، ބޭނުން ނުހިފޭ ގޮތަށް ލޯ ކުރިމަތީގައި އޮންނަ ރީތިކަމަކަށް އެކަން ވީމަ އެވެ.

"ރޫމްގެ ފެންޑާ މައްޗަށް ނުކުމެލާއިރު ގޮނޑޮދޮށް ފެންނަން އޮވޭ،މޫދާއި ކަނޑު ފެންނަން އޮވޭ. އެކަމަކު، ގޮނޑުދޮށަށް ނުކުތުން މަނާ. ރޫމުގެ ކައިރިން ވަކި ހިސާބަކުން ހުންނަނީ ޓޭޕް ދަމާފައި. ދެން ހިތްދަތިވުން ނޫން ކޮން ކަމެއް ވާނީ ވެސް؟" ކަރަންޓީނަކީ ޗުއްޓީއެއް ކަމަށް ސިފަކޮށް ވާހަކަދައްކާ އެހި މީހުންނަށް އޭނާ ދޫކޮށްލީ މިސުވާލެވެ.

އެގޮތަށް ކަންތައް ހުރުމުން، ކަރަންޓީނުގެ 14 ދުވަސް ވެސް އާދަމް އަށް ހީވީ ވަރަށް ދިގު މުއްދަތެއް ހެންނެވެ. އާއްމު ދިރިއުޅުމުގައި ނަމަ އެއީ ދެން ދާދި ކުރު މުއްދަތެކެވެ. އެ 14 ދުވަސް ގުނުމަށް ވުރެ ވެސް އުނދަގޫ ކަމަކަށް ވީ އެ ދުވަސްތައް ނިމުމުން ނެގި ސާމްޕަލްގެ ނަތީޖާއަށް ކުރަން ޖެހުނު އިންތިޒާރެވެ. އެހާ ހިތް ނުތަނަވަސްވީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، އެ ބަންދުގައި އަނެއްކާ ވެސް އިތުރު ދުވަސްތަކެއް ހޭދަކުރަން ޖެހޭނެކަން އޭނާއަށް އެނގޭތީއެވެ. ނަފްސާނީ ގޮތުން އެއީ އުނދަގޫ ކަމެކެވެ.

"އުނދަގޫ އަނެއް ކަމަކަށް ދިމާވީ ބޭނުންވާ އެއްޗިހި މާލެއިން ގެނައުމުގެ ކަންތައް. އަހަރެންނަށް އާދަވެފައި ހުރި ގޮތަކީ އެއްޗެއް ބޭނުންވުމުން، އެ ވަގުތެއްގައި އެ އެއްޗެއް ހޯދަން ފިހާރައަށް ދިއުން. އެހެންވެ، ކަރަންޓީނަށް ދިޔަ ދުވަހު ވެސް ދުރާލާ އެއްޗިހި ގަންނާކަށް ހަނދާނެއް ނުވި. ދެން ޖެހުނީ މާލޭގައި ތިބި އާއިލާގެ އެކި މީހުންނަށް ގުޅައިގެން އެއްޗެހި ގެންނަން. އެއީ ވެސް އުނދަގޫ ޕްރޮސެސްއެއް،" އާދަމް ބުންޏެވެ.

މުހައްމަދު ހަމީދު، 43، ކަރަންޓީނުވީ ފެސިލިޓީއެއްގައި އެކަނިމައި އެކަންޏެއް ނޫނެވެ. އޭނާ އަކީ ކޮވިޑްގެ އިގުތިސާދީ ގެއްލުންތަކާ ހެދި މާލެ ދޫކޮށް ރަށަށް ބަދަލުވާން ޖެހުނު މީހެކެވެ. އެހެންވެ، އޭނާ ކަރަންޓީނުވީ އަންހެނުންނާއި ދެ ކުދިންނާ ވެސް އެކުގައި އަމިއްލަ ގޭގަ އެވެ. ރަށަށް ފުރަން އުޅުނު އިރު އޭނާ ހީކުރީ އަމިއްލަ ގޭގައި އެގޮތަށް މަޑުކޮށްލަން ޖެހުމަކީ ދެން ހަމަ ޗުއްޓީ ރަނގަޅު ޗުއްޓީއެއް ހޭދަކޮށްލުން ކަހަލަ ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ އޭނާ ކަރަންޓީނަށް ދިޔައީ އުފަލުން ހުރެ އެވެ.

"ހީކުރި ވަރަށް ވުރެ އެކަން މާ އުނދަގޫ. އެންމެ އުނދަގޫ އިހުސާސެއް ކުރެވުނީ ކުރިން ކުރަމުން އައިހެން ކަސްރަތު ކުރެވެން ނެތުމުން،" އޭނާ ބުންޏެވެ.

ކަސްރަތުކުރުމުގެ ގޮތުން ހަމީދު ކުރިން ކުރާ ކަމަކީ ދުވުމެވެ. އޭނާއަކީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު ފަސް ކިލޯމީޓަރަށް ދުވާ މީހެކެވެ. ހިތްދަތިވިޔަސް ހަމީދު މަސައްކަތްކުރީ ގޯތިތެރޭގައި އޮތް ތަންކޮޅުގައި ދުވެގެންވިޔަސް ހަށިގަނޑަށް ކަސްރަތެއް ހޯދޭތޯއެވެ. އެކަމަކު، އެއީ އާއްމުކޮށް ދުވެ އުޅޭ ސަރަހައްދާ އަޅާބަލާއިރު ނުލާހިކު ކުޑަ ޖާގައެކެވެ. އެއީ ހަމީދުގެ އަސްލު ސްޕީޑުގައި ދުވެވޭ ވަރުގެ ޖާގައެއް ނޫނެވެ.

ހަށިހެޔޮކަމާއި ދުޅަހެޔޮކަމާ މެދުގައި ހަމީދުގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. އެއީ ވެސް ސިކުނޑިއަށް އުނދަގޫ ކުރާ ކަމެއްގެ ގޮތުގައި ވެފައި އޮއްވައި ދެން ވިސްނަން ޖެހުނީ އެއަށް ވުރެ ވެސް ހިތްދަތި ކަމަކާ އެވެ. ގެއިން ނުނިކުމެވޭތީ އާއި މީހަކު ލޮލަށް ނުފެންނާތީ އޭނާގެ ދެ ކުދިން ޝަކުވާ ކުރަން ފެށީއެވެ. މާލޭގައި ތިން މަސްދުވަހު ލޮކްޑައުންގައި ތިބި އެ އާއިލާއަށް އެކަން އޭރު މިހާ ބޮޑު ކަމަށް ނުވީ، މާލޭގައި ތިބި އެންމެން ވެސް ގެއިން ނުނިކުމެވޭނެކަންގަބޫލްކޮށްގެން ތިބީމަ އެވެ. އެކަމަކު، ބޮޑު އީދާ ދިމާކޮށް ރަށުގައި ހޯމް ކަރަންޓީނުވެގެން ތިބިއިރު، ރަށުގެ އެހެން މީހުން އުޅެނީ މިނިވަންކޮށްކަން އެނގޭތީ ކުރެވުނީ ވަރަށް އެކަނިވެރި އިހުސާސެކެވެ.

"ކުޑަދޮރު ހުޅުވާލައިގެން ތިބޭ އިރު ބޭރުން މީހުން ދާތަން ފެނޭ، ވެހިކަލްތަކުގަ އާއި ހިނގާފައި ވެސް. ދެން އަހަރެމެންނަށް ހައްތާ ބޮޑަށް އިހުސާސްވަނީ މިތިބީ ވަރަށް ބޮޑު ބަންދެއްގައޭ،" ކަރަންޓީނުގެ ތުރާތައް ކިޔައިދެމުން ހަމީދު ބުންޏެވެ.

އޭނާގެ އަންހެނުން ފާތިމާ އަލީ، 42، އަށް އެންމެ ބޮޑު ކަމަކަށްވީ، ބައްޔެއް ވިޔަސް ޑޮކްޓަރަށް ދައްކަން ނުދެވޭނެކަމުގެ ކަންބޮޑުވުމެވެ. ރަށުގެ ހެލްތު ސެންޓަރުން ކޮންމެ ދުވަހަކު ގުޅައިގެން ހާލު ބެލި ނަމަވެސް ފާތިމާގެ އެ ކަންބޮޑުވުން މުޅިއަކުން ނުފިލައެވެ. އޭނާ އަކީ ހައި ރިސްކް މީހަކަށް ވާތީ ކިރިޔާ ކަމެއް ވިޔަސް އަވަހަށް ހެލްތު ފެސިލިޓީއަކަށް ދެވޭނެ މަގެއް އޮންނަން ބޭނުންވެއެވެ. އެކަމަކު، ކަރަންޓީނުގައި ތިބޭތީ އޭރު އޮތް ހަމަ އެކަނި ގޮތަކީ ހެލްތު ސެންޓަރަށް ގުޅައިގެން އިންތިޒާރުގައި ތިބުމެވެ. ކޮވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގެ މުއްދަތު ދިގުލައިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޭނާގެ ވެސް އޮތެވެ.

"ފުރަތަމަ 14 ދުވަސް ވެސް ހީވީ މަހެއްހާ ދުވަސްހެން،" ފާތިމާ ބުންޏެވެ.

އޭނާއަކީ ކޮވިޑް ފެތުރެން ފެށުމުގެ ކުރިން ވެސް މާގިނައިން ބޭރަށް ނުކުމެ އުޅުނު މީހެއް ނޫނެވެ. އެކަމަކު، ކަރަންޓީނުކުރުމުން ބޭރަށް ނުދެވުން ވެގެން ދިޔައީ ވަރަށް ބޮޑު މައްސަލައަކަށެވެ.

"ކުރިން ގިނަ ވަގުތު ގޭގައިއުޅުނަސް އެއީ މިނިވަން ކަމާ އެކު އަމިއްލައަށް ނިންމި ގޮތް. މަޖުބޫރުވެގެން ގޭގައި ހުރުމަކީ މުޅިން ތަފާތު އިހުސާސެއް. ހީވަނީ ހަމަ އަދަބެއްގައި އިންނަހެން،" ކަރަންޓީނުގައި ހޭދަކުރި މަހަކަށް ވުރެ ގިނަ ދުވަހުގެ އިހުސާސް ފާތިމާ ބަންޑުންކޮށްލި އެވެ.

ފާތިމާއާއި ހަމީދު އަދި އާދަމްގެ ވާހަކައިން ވެސް އެނގުނީ ކަރަންޓީނުވެގެން ހުންނަން ޖެހުމަކީ ޗުއްޓީއެއް ހޭދަކޮށްލުން ކަހަލަ އާދައިގެ ކަމެއް ނޫންކަމެވެ. އެއީ އެއަށް ވުރެ މާ އުނދަގޫ ކަމެކެވެ. ފެސިލިޓީތަކާއި އަމިއްލަ ގެ ކިތަންމެ ރަނގަޅަށް ހުއްޓަސް، އެކަނިވެރިކަމާ އެކު ބަންދެއްގައި ހުރުމަކީ ވަރަށް އުނދަގޫ އިހުސާސެކެވެ. އެއީ ފަރުވާކުޑަކޮށް އުޅޭ ބައެއް މީހުންނަށް ހީވާހެން އާދައިގެ ކަމެއް ނޫނެވެ.

ބޮޑު ހަރަދެއް!

ކޮވިޑް ކޮންޓްރޯލްކުރުމަށްޓަކައި އެބައްޔަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޓްކުރުމާއި ކަރަންޓީނުކުރަން ޖެހުމުން އޭގެ ބުރަ އުފުލަން ޖެހެނީ ހަމައެކަނި އެމީހުން އަމިއްލައަކަށް ނޫނެވެ. އެއީ ދައުލަތަށް ވެސް ބޮޑު ބުރައެކެވެ. އެކަމަށް ހަރަދު ކުރަނީ ހަމަ އެންމެންގެ އަތުން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭ އާމްދަނީންނެވެ. އެއީ ކިހާވަރެއްގެ ބުރައެއްކަން ކުޑަކުޑަ ހިސާބެއް ޖަހައިލުމުން ސާފުވާނެ އެވެ.

ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ތިބޭ ކޮންމެ ދެ މީހަކަށް ދުވާލަކަށް 750 ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހެއެވެ. އެއީ އަދި އެމީހުންގެ ބޭސްފަރުވާއަށް ހިނގާ ހަރަދުގެ އިތުރަށެވެ. މިރޭޓުން ފައިސާ ހަރަދުކުރަން ޖެހޭއިރު މިހާރުވެސް އައިސޮލޭޝަންގައި 692 މީހުން އެބަ ތިއްބެވެ. މީގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވެސް 96 މީހުން އެބަ ތިއްބެވެ. އެއިން ކޮންމެ މީހަކަށް ވެސް ގާތްގަނޑަކަށް 750 ރުފިޔާ ދުވާލަކަށް ހަރަދުވާނެ އެވެ.

މީގެ މާނައަކީ، އައިސޮލޭޝަންގައި މިހާރު ތިބި މީހުންނަށް ދުވާލަކަށް ޖުމްލަ 259،500 ރުފިޔާހަރަދުކުރަން ޖެހުމެވެ. ހޮސްޕިޓަލްތަކުގައި ތިބި މީހުންނަށް ގާތްގަނޑަކަށް ދުވާލަކު ޖުމްލަ 72،000 ރުފިޔާހޭދަކުރަންޖެހެ އެވެ.އެއީ ޖުމްލަ 331،500 ރުފިޔާ އެވެ.

އެ މިންވަރު 14 ދުވަހުގެ މުއްދަށް ހަރަދުކުރާ ނަމަ، އެއީ ޖުމްލަ 4.6 މިލިޔަން ރުފިޔާ އެވެ. މިސާލަކަށް، އެ މިންވަރާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަންވަންސަށް ހަރަދުކުރާ ފައިސާއާ އަޅާކިޔާލާއިރު، އެ ވަރުގެ ބަޖެޓަކުން 65 އަހަރުން މަތީގެ 928 މީހަކަށް އެއް މަސްދުވަހު އެލަވަންސް ދެވޭނެ އެވެ.

ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުޅުން ބައްޓަންކުރޭ

ކަރަންޓީނުގައި ކުރި ތަޖުރިބާ ކިޔައިދިން ތިން މީހުންގެ ބަހުން ވެސް އެނގޭ ގޮތުގައި،ކަރަންޓީނާ ގުޅޭ ގޮތުން ކުރެވިފައިވާ ކުށްހީތައް ހަގީގީ މަންޒަރާ ވަރަށް ދުރެ އެވެ. އެއީ ޗުއްޓީއެއް ނޫނެ އެވެ. އޭގެ ބަދަލުގައި،އެކަމުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ.

އެހެންވީމާ، ކަރަންޓީނުވާން ޖެހުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުން މިހާލަތުގައި ވަރަށް މުހިއްމެވެ.

އެގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ފުރިހަމަ ގައިޑްލައިންތަކެއް، އެކި ދާއިރާތައް ހިމެނޭ ގޮތަށް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. މާލެ ފަދައިން ކޮމިއުނިޓީ ސްޕްރެޑް އޮތް ތަންތަނުގައި ބޭރަށް ނުކުމެ އުޅުން މަދުކުރަންވީއެވެ. ބޭރަށް ނުކުންނަން ކޮންމެހެން ޖެހިއްޖެ ހިނދެއްގައި، ރައްކާތެރި ގޮތުގައި މާސްކް އަޅާށެވެ. ބައްދަލުވާ މީހުންގެ އަދަދު ވީހާވެސް މަދުކުރާށެވެ. ސައިބޯނިލައިގެން ވީހާވެސް ގިނައިން އަތްދޮންނާށެވެ. ކޮވިޑަށް ޕޮޒިޓިވްވުން ނުވަތަ ކޮންޓެކްޓަކަށް ވުމުން ވީހާވެސް ދުރުވުމަށެވެ. ކަރަންޓީނުވާން ޖެހުމުން ސަލާމަތްވާން އޮތީ އޭރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355