twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ތިމާއަށް ލިބިގެންވާ ރައްކާތެރިކަން ގެއްލުނީތޯއެވެ؟

Sep 24, 2020

މީހަކު ތިމާއަށް ފާރަލަނީތޯއެވެ؟ ނުވަތަ އިންޒާރުދީ ބިރުދައްކަނީތޯއެވެ؟ ތިމާގެ ރައްކާތެރިކަމާމެދު ސުވާލު އުފެދެނީތޯއެވެ؟ މިފަދަ އަނިޔާއެއް، ގެވެށި ގުޅުމަކުން ގުޅިފައިވާ މީހަކު ނުވަތަ އެމީހަކު ތިންވަނަ ފަރާތެއް މެދުވެރިކޮށް ކުރާނަމަ، އެ އަނިޔާ ލިބޭ މީހާ އެމީހަކަށް ލިބިގެންވާ ރައްކާތެރިކަން ހޯދުމަށް ލަސްނުކޮށް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން ރައްކާތެރިކުރުމުގެ އަމުރަކަށް ގެވެށި އަނިޔާ ލިބޭމީހައަށް އެދުމުގެ ފުރުސަތު ޤާނޫނުން މިވަނީ ފަހިކޮށްދީފައެވެ.

ރައްކާތެރިކުރުމުގެ އަމުރު

ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގުމުން ނުވަތަ ހިނގާފާނެކަމަށްޓަކައި، ގެވެށި އަނިޔާ ލިބޭ މީހާއަށް އެފަދަ ޢަމަލެއް ތަކުރާރުވިޔަނުދީ، އެމީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެގޮތުން، ގެވެށި އަނިޔާކުރާ މިހާއަށް ވަކިކަންތައްތަކެއް ކުރުމަށް ނުވަތަ ވަކިކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުންކުރާ ޤާނޫނީ އަމުރެކެވެ. މި އަމުރުވެގެންދާނީ، ގެވެށި އަނިޔާގެ ޢަމަލު އަމާޒުވާ މީހާ ރައްކާތެރިކުރެވޭނެ އަދި އެފަދަ ޢަމަލެއް ހިންގަނީ އެހެންމީހަކު މެދުވެރިކޮށްގެންނަމަ، އެ ތިންވަނަ ފަރާތުގެ ކިބައިންވެސް ރައްކާތެރިކަން ލިއްބައިދޭނެ އަމުރަކަށެވެ.

ރައްކާތެރިކުރުމުގެ އަމުރަކަށް އެދުން

ގެވެށި އަނިޔާކުރާ މީހެއްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އަނިޔާލިބޭ މީހާއަށް ނުވަތަ އޭނާގެ ފަރާތުން އެހެންމީހަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. އެގޮތުން، އަނިޔާ ލިބެނީ ކުޑަކުއްޖަކަށްނަމަ ނުވަތަ ނުކުޅެދުންތެރި ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތަކަށްނަމަ، އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކަށްވެސް އެފަދަ އަމުރަކަށް އެދެވޭނެއެވެ. މިގޮތުގެމަތިން، ތިންވަނަ ފަރާތަކަށް ރައްކާތެރިކަމުގެ އަމުރެއް ނެރެދިނުމަށް އެދެވޭނީ، އަނިޔާ ލިބުނު މީހާގެ ޙާލަތު ހުރިގޮތުން އެކަމަށް ޢަމަލީގޮތުން ނުކުޅެދިގެންވާނަމަ، އަމުރު ނެރެދިނުމަށް އެދުމުގައި ބިރުވެރިކަމެއް އިޙްސާސްކުރެވޭނަމަ ނުވަތަ އޭނާ ހުރި ޙާލަތުގެގޮތުން، އޭނާއަށް އޭނާގެ އަމިއްލަ ނަމުގައި އެފަދަ އަމުރަކަށް އެދުމަކީ އޭނާގެ މަސްލަޙަތަށް ބުރޫއަރާފާނެ ކަމަކަށްވާނަމައެވެ.

އަމުރުގެ މުއްދަތު

އަވަސްއަމުރެއްގެ ގޮތުގައި ނެރޭ ޙާލަތުގައި ފިޔަވައި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފިނަމަ، އެ އަމުރު ކޯޓުން ބާޠިލުކުރަންދެން ޞައްޙަ ޤާނޫނީ އަމުރެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. މިގޮތުން ރައްކާތެރިކުރުމުގެ އަމުރެއް ފުރަތަމަ ފަހަރަށް ނެރޭނީ އެންމެ ދިގުވެގެން 1 އަހަރުދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، ކުރިން ނެރެފައިވާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ 7 ދުވަސް ކުރިން މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހަޅައިގެން އިތުރުކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންވެއެވެ.

އަމުރުންލިބޭ ރައްކާތެރިކަން

ރައްކާތެރިކަމުގެ އަމުރަށް އެދޭމީހާއަށް ރައްކާތެރިކަމުގެ އަމުރެއް ކޯޓުން ނެރެދީފިނަމަ، އެ އަމުރުގެދަށުން އެމީހާއަށް ނުވަތަ އެމީހާއާއި އެމީހެއްގެ ދަރިންނަށް ރައްކާތެރިކަން ލިބިގެންދާނެއެވެ. ހަމައެހެންމެ އެއަމުރުގައި އަމުރަށް އެދުނު ފަރާތާއި، އަނިޔާލިބޭ ފަރާތާއި ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކޯޓަށް އަމުރުކުރުމުގެ ބާރު ލިބިގެންވެއެވެ.

އެގޮތުން އަނިޔާ ކުރާމީހާގެ މައްޗަށް ރައްކާތެރިކުރެވޭ މީހާއަށް ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އެއްވެސް އަނިޔާއެއް ނުކުރުމަށާއި، އެފަދަ އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުނުދެއްކުމަށާއި، މުދަލަށް ގެއްލުންނުދިނުން ނުވަތަ އެކަމުގެ ބިރުނުދެއްކުމަށާއި، ރައްކާތެރިކުރެވޭ މީހާއާމެދު ނުކުރުމަށް އަންގާ އެއްވެސްކަމެއް އެހެންމީހަކު މެދުވެރިކޮށްނަމަވެސް ނުކުރުމަށް، އެ އަމުރުން އެމީހެއްގެ މައްޗަށް ލާޒިމްކުރެވޭނެއެވެ. މީގެއިތުރުން އަނިޔާ ލިބޭ ފަރާތާއި ޢާންމުކޮށް ބައްދަލުވެވޭނެ ތަންތަނަށް ނުދިއުމަށާއި، އަނިޔާ ލިބޭ ފަރާތާއި މުޢާމަލާތް ނުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުން

ރައްކާތެރިކުރުމުގެ އަމުރެއްގައި ބަޔާންކޮށްފައިވާ އެއްވެސް ޝަރުތަކާއި ނުވަތަ އެ އަމުރާއި ޚިލާފުވެއްޖެމީހާ އެކުރަނީ ޖިނާޢީ ކުށެކެވެ. އަދި ޚިލާފުވެއްޖެކަމުގެ ތުޙުމަތުގައި ބަންދުކުރުމުގެ ބާރާއި، ބަންދުކުރެވިއްޖެ ޙާލަތުގައި އެމީހެއްގެ މައްޗަށް ކަފާލާތުގެ އުޞޫލުތައްވެސް ނުހިނގާނެއެވެ. ހަމައެހެންމެ މިފަދަ އަމުރަކާއި ޚިލާފުވާމީހާގެ ޢަދަބަކީ، ފުރަތަމަ ފަހަރުނަމަ ގިނަވެގެން 6 މަސްދުވަހަށް ޖަލަށްލުން ނުވަތަ 15,000/- ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މި ކުށް ތަކުރާރުކުރާނަމަ، ޖޫރިމަނާ ނުވަތަ ޖަލު ޙުކުމް އިތުރުވެގެންދެއެވެ.

ނިންމުން

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ނުވަތަ ވެފައިވާ ނުވަތަ ވެދާނެކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި ޞިއްޙަތުގެ ދުޅަހެޔޮކަމާއި އަދި އޭނާގެ ޙައްޤުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމަކީ ބުއްދިވެރިކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355