- ކުމުންދޫން ފެށިގެން ހއ ކެލައަށް ބްރިޖް ގުޅުވާލުމަކީ އުންމީދެއްކަމަށް ވިދާޅުވި
- ކައިރި ރަށްތަކާއި ބުރިޖް ގުޅުވާލުމުން ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ހައްލު ލިބޭނެ
- ވަކާލަތު ކުރައްވަނީ އުސް ފްލެޓްތަކަށް ނޫން، ގޯތި ހޯދައިދިނުމަށް
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އޮތް އެންމެ މުހިންމު ހައްލަކީ ހދ ކުމުންދޫން ފެށިގެން ހއ ކެލައާ ހަމައަށް ބުރިޖް ގުޅާލުންކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި ކެމްޕެއިން ކުރަވަމުންވެސް ޖަމްޝީދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް ބަންޑާރަ ގޯއްޗެއް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނޫން ގޮތެއް ގަބޫލު ނުކުރައްވާނެކަމަށްވެސް ޖަމްޝީދު އޭރު ވިދާޅުވި އެވެ.
ކުޅުދުއްފުއްޓަކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއްކަން ފާހަގަކުރައްވަމުން ޖަމްޝީދު ވިދާޅުވީ، މިއަދު ރަށް ވަނީ ވަރަށް ބޮޑަށް ފުރި، ގޯތިދިނުމަށް ބޭނުންވާ ޖާގަ މަދުވެފައި ކަމަށާއި އަދި ކުޅުދުއްފުއްޓަކީ ހިއްކައިގެން ބޮޑުކުރެވެން އޮތް ރަށެއް ނޫންކަމުން އެހެން ސަރަހައްދުތައްވެސް އެރަށުން އަނެއް ރަށަށް ގުޅާލެވޭ ފަދައިން ކުޅުދުއްފުއްޓަކީވެސް ކައިރި ރަށްރަށާ ގުޅާލުމުގެ ފުރުސަތު އޮތް ރަށެއް ކަމަށެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ޖަމްޝީދު ވިދާޅުވީ، އުންމީދަކީ ބުރިޖްކުރެވޭނެ ރަށްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދިޔުން ކަމަށެވެ. އެއީ ހދ ކުމުންދޫން ފެށިގެން ހއ ކެލައާ ހަމައަށް ގުޅާލެވޭ ހިސާބަކީ އުންމީދެއް ކަމަށެވެ.
"އެހެނިހެން ސަރަހައްދުތައްވެސް އެއްރަށުން އަނެއް ރަށަށް ގުޅާލެވޭ ފަދައިން ކުޅުދުއްފުއްޓަކީވެސް ކައިރި ރަށްރަށާ ގުޅާލުމުގެ ފުރުސަތު އޮތް ރަށެއް. އަދި އަޅުގަނޑުމެންނަކީ ހިއްކައިގެން ރަށް ބޮޑުކުރެވެން ފުރުސަތު ނެތް ރަށެއް. އެހެންކަމަށް ވީހިނދުގައި ކުޅުދުއްފުށީ ރައްޔތުންގެ މުސްތަގުބަލު އޮތީ މަތިމައްޗަށް ނެގޭ އިމާރާތްތަކަށްވުރެ، އަޅުގަނޑުމެންނަށް ބުރިޖްކުރެވޭ ރަށްތަކަކުން. އަޅުގަނޑުމެންގެ އުންމީދަކީ ބުރިޖްކުރެވޭނެ ރަށްތަކެއް ލިބުން. ކުޅުދުއްފުށިން ނުވަތަ ކުމުންދޫ ކަނޑުއޮޅިންކަމުގައިވިޔަސް ހއ ކެލަ އާއި ހަމައަށް ގުޅާލެވޭ ހިސާބަކީ އަޅުގަނޑުމެންގެ އުންމީދެއް." ވީޓީވީގައި ވާހަކަދައްކަވަމުން ކުރީ ކައުންސިލަރު ޖަމްޝީދު ވިދާޅުވި އެވެ.
އޭނާ ދެކޭގޮތުގައި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ އެއީ އެވެ. އުސް އިމާރާތްތަކަށްވުރެ ރައްޔިތުންނަށް މުހިންމީ ގޯތި ލިބޭނެ ގޮތެއްކެވެ. އެކަމަށް އޮތް ހައްލަކީ ކުޅުދުއްފުއްޓާއި ކައިރި ރަށްތަކަށް ބްރިޖް އަޅައި ގުޅާލުމެވެ. އަދި އެއީ ރައްޔިތުންގެ އުންމީދެއްކަމަށް ވިދާޅުވި އެވެ.
މިވަގުތުވެސް ގެ އަޅަން ބޭނުންވާ 700 އެއްހާ ހުސްގޯތި ކުޅުދުއްފުށީގައި އެބަހުރި ކަމަށާއި ބޯހިޔާވަހިކަމަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް ގޯތި ލިބެން ޖެހޭނެ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ފަހިކޮށްދިނުމަށްޓަކާ ސަރުކާރުން މިފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް އުންމީދުކުރާ ކަމަށެވެ.