ބޭރު މީހަކު ރާއްޖޭގައި އިންވެސްޓްކޮށްފިނަމަ، އެމީހަކަށް ރާއްޖޭގެ ރަށްވެހިކަން ލިބިދާނެތޯއެވެ؟ އަދި ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ އިންވެސްޓްކުރާ ފަރާތަށް މުޅި އުމުރަށް ލިބޭ ހުއްދައެއްތޯއެވެ؟ ނުވަތަ ކޯޕަރޭޓް ރެސިޑެންޓް ވިސާ ބާޠިލުކުރެވޭނެ އެއްވެސް ޙާލަތެއްވޭތޯއެވެ؟ މިއީ މިފަދަ ރެސިޑެންޓް ވިސާއެއްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އުފެދިދާނެ ސުވާލުތަކެކެވެ. އެހެންކަމުން، ޤާނޫނީ ނަޒަރަކުން ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ކޮބައިކަން ބަލާލަމާތޯއެވެ؟
ރާއްޖޭގައި ބޮޑު ވިޔަފާރިއަކަށް ނުވަތަ މަސައްކަތަކަށް އިންވެސްޓްކުރާ ބޭރުގެ ކޮންމެ ފަރާތަކަށް، ކޯޕަރޭޓް ރެސިޑެންޓް ވިސާ ނަމަކަށް ކިޔާ ހުއްދައެއް ދެވެއެވެ. މި ވިސާއަކީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކުރުވުމަށްޓަކައި އެފަރާތްތަކަށް ދޫކުރާ ވިސާއެކެވެ. މީގެއިތުރުން މި ހުއްދަ ދޫކުރުމުގެ މަޤްޞަދުގެތެރޭގައި، ރާއްޖޭގެ ސަރުކާރުގެ އިދާރާތަކުންނާއި މުޢައްސަސާތަކުން އެފަރާތްތަކަށް އަވަސްކަމާއި ފަސޭހަކަމާއެކު ޚިދުމަތްތައް ލިބުމަށް މަގުފަހިކޮށްދިނުންވެސް ހިމެނިގެންވެއެވެ.
ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ފަރާތްތަކުގެތެރޭގައި 50 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށާއި، 1 މިލިއަން ޑޮލަރަށްވުރެ މަދުނޫން އަދަދެއް މާލީ ސެކިއުރިޓީއެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކާއި އަދި ސަރުކާރުގެ އިދާރާއަކުން ހުއްދަކުރާ ރިއަލްއެސްޓޭޓެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަށް ހިމެނެއެވެ.
މިގޮތުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތަށާއި އަދި އެފަރާތުގެ ޢާއިލާގެ ތެރެއިން، އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރުނުވާ ދަރިންނަށް މި ހުއްދައަށް އެދެވިދާނެއެވެ.
މީގެ އިތުރަށް ރާއްޖޭގައި ލިސްޓްކޮށްފައިވާ ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުންނާއި ބޯޑުން ކަނޑައަޅާ އެގްޒެކެޓިވް ލެވެލްގެ 5 ފަރާތަކަށްވެސް މި ވިސާއަށް ހުށަހެޅިދާނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށް ލިސްޓްކޮށްފައިނުވާ ކުންފުންޏެއްނަމަ، އެކުންފުންޏެއްގެ ޙިއްޞާދާރަކަށް ނުވަތަ ޑިރެކްޓަރަކަށްވެސް މިހުއްދައަށް އެދެވިދާނެއެވެ.
ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތަކަށް، އެ އިންވެސްޓްމަންޓްގެ މުއްދަތަށްދެވޭ ވިސާއެކެވެ. އަދި އެ އިންވެސްޓްމަންޓްގެ މުއްދަތުގެ ތެރޭގައި، ކޮންމެ 5 އަހަރަކުން މި ވިސާ އައުކުރުމަށް ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް، ޕާސްޕޯޓެއްގައި ރެސިޑެންޓް ވިސާގެ ތައްގަނޑު ޖަހައިދެވޭނީ އެ ޕާސްޕޯޓެއްގެ މުއްދަތަށެވެ. އަދި ޕާސްޕޯޓު އައުކުރުމަށްފަހު، ވިސާގެ މުއްދަތުޖެހުމަށް އަލުން ހުށަހަޅަންޖެހޭނެއެވެ.
އިންވެސްޓްކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ވިޔަފާރިއެއްގައިނަމަ، ވިސާއަށް އެދި ހުށަހަޅާނީ މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ. އިންވެސްޓްކޮށްފައިވަނީ އެހެން ސިނާޢަތެއްގައިނަމަ ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ވިސާއަށް އެދި ހުށަހެޅުމުން، އެފަރާތަކީ ވިސާއަށް ޝަރުޠުހަމަވާ ފަރާތެއްކަން ކަށަވަރުކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ހުށަހެޅުމުން އެ މިނިސްޓްރީއިން ވިސާ ޖަހައިދޭނެއެވެ.
ވިސާ ދޫކޮށްފައިވާ ފަރާތެއް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުކަމެއް ކޮށްފިނަމަ ނުވަތަ ވިސާ ދޫކުރެވިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތަކުން ކޮށްފައިވާ އިންވެސްޓްމަންޓް އެހެން ފަރާތަކަށް ވިއްކާލައިފިނަމަ ނުވަތަ ބަދަލުކޮށްފިނަމަވެސް، ވިސާ ބާޠިލުކުރެވޭނެއެވެ. ވިސާ ބާޠިލުކުރާނީވެސް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުންނެވެ.
ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށްދެވޭ ޚާއްސަ ހުއްދައެކެވެ. އެއީ އެއްވެސް ޙާލެއްގައި ރާއްޖޭގެ ރަށްވެހިކަން ލިބުމެއްނޫނެވެ. އަދި ރާއްޖެއިން ބިން މިލްކުކުރުންފަދަ ކަންކަން ކުރެވޭނެ ކަމެއްނޫނެވެ.
އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު