twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާނޫނީ ކޮލަމް: ޕަބްލިކް ކުންފުންޏަކުން ޙިއްޞާ ގަންނަން ބޭނުންތޯއެވެ؟

Oct 8, 2020

ޕަބްލިކް ކުންފުންޏެއްގައި ހިމެނޭ ޙިއްޞާ ގަނެ، އެ ކުންފުނީގެ ޙިއްޞާދާރަކަށްވާން ބޭނުންތޯއެވެ؟ ޕަބްލިކް ކުންފުނިތަކުން ޙިއްޞާ ވިއްކުމަށް، ޓީވީ އަދި މީސްމީޑާއިން އިޢުލާން ކުރާތަން ފެންނަނީ މަދަކުންނޫނެވެ. މިފަދަ ކުންފުންޏަކުން ޙިއްޞާ ގަތުމަށް ކުރަންވީ ކޮންކަމެއްކަމާއި އަދި ޙިއްޞާދާރަކަށްވުމުން އެމީހަކަށް ލިބިދާނެ މަންފާއަކީ ކޮބައިކަން އެއީ ގިނަބައެއްގެ ހިތުގައި އުފެދިދާނެ ސުވާލުތަކެކެވެ. މިގޮތުން މިފަދަ ކުންފުންޏެއްގެ ޙިއްޞާ ގަތުމުގައި ޢަމަލުކުރެވޭނެ ގޮތްތައް ޤާނޫނީ ނަޒަރަކުން ބަލައިލަމާތޯއެވެ.

ޙިއްޞާ ވިއްކުން

ޕަބްލިކް ކުންފުންޏެއްގެވެސް ރައުސްމާލު ބެހިފައިވާ ބައިތަކުން ބައެއް ގަނެފިކަމުގައިވާނަމަ، އެމީހަކު ވެގެންދާނީ އެކުންފުންޏެއްގެ ޙިއްޞާދާރުންގެ ތެރެއިން ޙިއްޞާދާރަކަށެވެ. މިގޮތުން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއްގެ ޙިއްޞާ، އެ ގަންނަން އެދޭ ކޮންމެ ފަރާތަކަށްވެސް ގަނެވޭނެއެވެ. މިގޮތުގެމަތިން ޙިއްޞާ ގަންނަން ބޭނުން ފަރާތަކަށް، ނުވަތަ ޙިއްޞާގަތުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ކުންފުނިން ހުޅުވާލުމުން، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޙިއްޞާ ވިއްކުމަކަށް ޤާނޫނީ ގޮތުން ހުރަހެއްނެތެވެ. އެހެންނަމަވެސް، ޙިއްޞާ ބަދަލުކުރާއިރު އެ ޙިއްޞާދާރަކު ޙިއްޞާއާއި ގުޅިގެން ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކަންދެން ޙިއްޞާ ބަދަލުކުރުމަށް އިޢުތިރާޟްކުރުމުގެ އިޚްތިޔާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ.

ޙިއްޞާގެ އަގު

ކުންފުންޏެއްގެ ޙިއްޞާއިން އުފައްދާ ރައުސްމާލު ޙިއްޞާތަކުގެ މައްޗަށް ބަހަންވާނީ ހުރިހާ ޙިއްޞާއެއްގެ އަގު އެއްވަރުވާ ގޮތަށެވެ. ނަމަވެސް ކުންފުންޏެއްގެ ޙިއްޞާއިން އުފައްދާ ރައުސްމާލު ތަފާތު ޙައްޤުތަކެއް އެކުލެވޭ ޙިއްޞާތަކަކަށް ބަހާނަމަ ނުވަތަ ތަފާތު ޙައްޤުތަކެއް އެކުލެވޭ ޙިއްޞާތަކެއް ކުންފުންޏަކުން އެކަށައަޅާނަމަ، ތަފާތު ބާވަތްތަކުގެ ޙިއްޞާތަކާ ގުޅިފައިވާ ޙައްޤުތަކާއި، އެ ޙައްޤުތައް ނިގުޅައި ގަނެވޭނެ ގޮތްތައް އެ ކުންފުންޏެއްގެ ހިންގާ ޤަވައިދުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އަދި ކުންފުނީގެ ޙިއްޞާއެއް، އެ ކުންފުންޏެއްގެ ހުއްދަދީފައިވާ ރައުސްމާލު ޙިއްޞާތަކަށް ބަހާލުމުން ކޮންމެ ޙިއްޞާއެއްގެ އަގުކަމަށް ޙިއްޞާގެ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ އަގަށްވުރެ ދަށް އަގެއްގައި ވިއްކައިގެން ނުވާނެއެވެ.

ޙިއްޞާ އެކަށައެޅުން

ކުންފުންޏަކުން އެކި ފަރާތްފަރާތަށް ޙިއްޞާތައް ވިއްކަން އެކަށައަޅާ މީހުންގެ ނަމާއި އެޑްރެހާއި، ކޮންމެ މީހަކަށް ވިއްކަން އެކަށައަޅާ ޙިއްޞާގެ އަދަދާއި، ޙިއްޞާގެ ބާވަތާއި އަގު އެނގޭނެ ލިސްޓެއް ކުންފުނިން ޙިއްޞާ އެކަށައަޅާތާ 30 ދުވަހުގެ ތެރޭގައި އެކުންފުންޏެއްގެ ފަރާތުން ރެޖިސްޓްރާރ އޮފް ކޮންޕެނީޒްއަށް ފޮނުވަންވާނެއެވެ. ހަމައެހެންމެ، ޙިއްޞާ އެކަށައެޅޭ ފަރާތަށް ޙިއްޞާގެ ބާވަތާއި އަގު އެނގޭނޭހެން ޙިއްޞާ މިލްކުވެގެންވާކަން ސާބިތުކޮށްދޭ ޙިއްޞާގެ ސެޓްފިކެޓެއް ދޭންވާނެއެވެ.

ޙިއްޞާދާރަކަށްވުމުން ލިބިދޭ ފައިދާ

ކުންފުންޏެއްގެ ޙިއްޞާދާރަކަށްވުމުން، އެ ޙިއްޞާގެ ބާވަތަށާއި އެ ޙިއްޞާއަކަށް ކަނޑައަޅާފައިވާ ޙައްޤުތަކަށް ބަލައި، ޙިއްޞާގެ ފައިދާއިން ޖެހޭބައި އެމީހަކަށް ލިބޭނެއެވެ. އެގޮތުން އާދައިގެ ޙިއްޞާ ގަނެފައިވާ ޙިއްޞާދާރުންނަށް ފައިދާ ލިބޭނީ، އެ ނިމޭ އަހަރަކު ކުންފުންޏަށް ފައިދާވި މިންވަރަށް ބެލުމަށްފަހު، ޙިއްޞާގެ ފައިދާ ބެހުމުގައި އިސްކަން ދެވޭނެ ޙިއްޞާގެ ބާވަތުގެ ޙިއްޞާދާރުންނަށް ފައިދާ ބެހުމަށްފަހު، ޖުމްލަ ފައިދާއިން ބާކީވާ އެއްޗަކުން އެ ޙިއްޞާގެ ސެޓްފިކެޓްގައިވާ ގޮތުގެމަތިން އެފަރާތަކަށް ޖެހޭ މިންވަރަށްށެވެ.

ޤާނޫނާއި ކުށް

ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިނުވާ ކުންފުންޏަކުން ޢާންމުންނަށް ޙިއްޞާ ވިއްކުމަކީ މަނާކަމެކެވެ. މީގެއިތުރުން، އެއްވެސް ކުންފުންޏަކުން އެކުންފުންޏެއްގެ ޙިއްޞާ ގަތުމަށް ނުވަތަ ގަތުމުގައި ބައިވެރިވުމަށް، އެއްވެސް ފަރާތަކަށް މާލީ އެހީއެއް ދިނުމަކީ މަނާކަމެކެވެ. ޕަބްލިކް ކުންފުންޏެއްގެ ޙިއްޞާގެ ބަޔާނުގައި ޤަސްދުގައި އެއްވެސް ދޮގު މަޢުލޫމާތެއް ހިމަނައިފިނަމަ، އެ ޙިއްޞާގެ ބަޔާން ތައްޔާރުކުރި މީހުން ކުށްވެރިވާނެއެވެ. އަދި އެ ޙިއްޞާގެ ބަޔާން ތައްޔާރުކުރި މީހުންކުރެ ކޮންމެ މީހަކު 100,000/- ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ނިންމުން

ޕަބްލިކް ކުންފުންޏަކުން ޢާންމު ފަރާތަކުން ޙިއްޞާ ގަތުމަށް ބޭނުންވާނަމަ، އެ ފުރުސަތުވަނީ ޤާނޫނުން ފޯރުކޮށްދީފައެވެ. އަދި މިގޮތުގެމަތިން ގަންނަ ޙިއްޞާގެ ފައިދާވެސް އެމީހަކަށް ލިބެންޖެހޭ ނިޞްބަތުން ލިބިދިނުމަކީ، ކޮންމެ ޙިއްޞާދާރެއްގެވެސް ޙައްޤެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355