- އެތަނުގައި މިހާތަނަށް 25 މީހަކަށް ފަރުވާދީފައިވޭ
- މިއީ ކޭޕީއެލުން ހަމަޖައްސައިދީފައިވާ އިމާރާތެއް
- އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ރަށުގައި ކޮވިޑް ފެސިލިޓީއެއް ނުހުރޭ
ކުޅުދުއްފުށީގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކޭޕީއެލްގެ ގެސްޓްހައުސްގައި ފުރަތަމަ ފަހަރަށް މީހަކު ވިހައިފި އެވެ. އިއްޔެގެ ވަގުތެއްގައި އެތަނުގައި ވިހާފައިވަނީ 33 އަހަރުގެ މީހެކެވެ.
މާލޭން އަންނަ މީހުން ކަރަންޓީނުކުރުމަށް ކުރިން ބޭނުން ކުރި އެ އިމާރާތް މިހާރު ކޭއާރުއެޗުން ބޭނުންކުރަމުންދަނީ ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ އިމާރާތެއްގެ ގޮތުގައި އެވެ. އެގޮތުން މޮނިޓަރިންގައި އޮންނަ ރަށްތަކުންނާއި ކަރަންޓީނުގައި ހުއްޓައި ފަރުވާ ހޯދަން ޖެހޭ ފަރާތްތަކަށް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި އެވެ.
އިއްޔެގެ ވަގުތެއްގައި މި ކަރަންޓީނު ފެސިލިޓީގައި ވިހާފައިވަނީ ދާދިފަހުން މާލޭން އައި ފުލުހުންތަކަކާ ކޮންޓެކްޓްވެގެން ޕޮޒިޓިވްވި ފުލުސް މީހާގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ފުލުހެއްގެ އަންހެނުންނެވެ. މަދު ވަސީލަތްތަކެއް ގާއިމުކޮށްފައި ހުރި އެ ފެސިލިޓީގައި ވިހޭ ދެ މައިންގެ ހާލުވެސް ރަނގަޅެވެ.
ކޭއޯއާ ވާހަކަދެއްކި އާއިލާގެ މެމްބަރަކު ބުނީ، ފުލުހުންގެ ކްލަސްޓާއާ ގުޅިގެން އެ ދެ މަފިރިންވެސް ތިބީ ކަރަންޓީނުގައި ކަމަށާ ވިހެއުމަށް ކަރަންޓީން ފެސިލިޓީއަށް ބަދަލުވީ ކަމަށެވެ. އަދި ކޭއާރުއެޗުގެ މުވައްޒަފުންނާ އަދި އެ ފަރާތްތަކާއި މުއާމަލާތްކުރި އެންމެންވެސް ވަރަށް ރަނގަޅުކަމަށާ ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
" ހަމަ ވިހެއީ، ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް. އެންމެންވެސް ވަރަށް ރަނގަޅު." އާއިލާ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ ފެސިލިޓީގައި މަދު ވަސީލަތްތަކެއް ހުރިނަމަވެސް ހިދުމަތާމެދު ހިތްހަމަޖެހޭ ކަމަށާ އަދި މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އޯގާތެރިކަން އާއިލާއިން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރި އެވެ.
އެކަމަކު އެ މީހުން ވަނީ އެކަށީގެންވާ ކޮވިޑް ފެސިލިޓީއެއް ކުޅުދުއްފުށީގައި ނެތްކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ. އާއިލާގެ ފަރާތުން ވާހަކަދެއްކި އެ މީހާ ބުނީ، މިފަދަ ބޮޑު އާބާދީއެއްގައި ކޮވިޑް ފެސިލިޓީއެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ ހާއްސަކޮށް މާބަނޑު މީހުންނަށް ހާއްސަ ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ފާހަގަކުރި އެވެ.
"މިހާރުވެސް ބައިވަރު މީހުން އެބަތިބި ވިހަން ވެފަ، އެތަނުން މީހަކު ކަރަންޓީނުގައި ހުއްޓާ ވިހަން ވެގެން ސީރިއަސް ވެއްޖެނަމަ ކުރެވޭނެކަމެއް ނޯވޭ. ކޮންމެ ފަހަރަކު ނޯމަލް ޑެލެވަރީއެއް ނާންނާނެދޯ. ސީރިއަސްވެއްޖެނަމަ ކުރެވޭނެކަމެއް ނޯނާނެ." އެހެން މީހަކު ބުންޏެވެ.
އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ރީޖަނަލް ހޮސްޕިޓަލްގައި ކޮވިޑް ފެސިލިޓީއެއް ނެތުމަކީ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ.
"އަޅުގަނޑުމެން މިހާތަނަށް އައި އިރު ގާތްގަނޑަކަށް 25 ވަރަކަށް ޕޭޝަންޓުން ކޭޕީއެލްގެ ގެސްޓް ހައުސްގައި މެނޭޖް ކުރެވިއްޖެ. މާބަނޑު 4 މީހުން މެނޭޖް ކުރެވިއްޖެ، ސައިކިއޭޓްރިކް 3 މީހުން މެނޭޖް ކުރެވިއްޖެ. މީގެ އިތުރަށް ވެސް އެކި ކަހަލަ ކޭސްތައް ވާނެ މެނޭޖް ކުރެވިފައި. އަދި މިއީ ފުރަތަމަ ޑެލިވަރީ. މި ހުރި ދަތިތަކާއެކު ވެސް ސަރަހައްދުގައި ކަރަންޓީނު ފެސިލިޓީއަށް ވުރެ ގިނަ މީހުން މިހާތަނަށް ވެސް އަޅުގަނޑުމެންނަށް ކޭޕީއެލްގެ ގެސްޓް ހައުސްގައި މެނޭޖް ކުރެވިއްޖެ." ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، ހޯމް ކަރަންޓީނު ފުރިހަމަ ކުރާ ފަރާތެއް ނުވަތަ ކޮވިޑް ޕޮޒިޓިވްއެއް ނޫނީ ކޮވިޑް ސަސްޕެކްޓެޑް ކޭސްއެއް އަތުވެއްޖެ ނަމަ ފަރުވާ ދިނުމުގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން އެކަމުގައި ފުދޭ ވަރަކަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށެވެ.
"އަޅުގަނޑުމެން މާބަނޑު މީހެއް ވިއްސުމަށް އަޅުގަނޑުމެންގެ ލޭބަރ ރޫމުގައި ހުރި ތަކެތި މި ގެންދަނީ. އެ ވަގުތު އަޅުގަނޑުމެންގެ ލޭބަރ ރޫމަށް މީހަކު އަތުވެއްޖެ ނަމަ ވަރަށް ބޮޑެތި ދަތިތައް ދިމާ ވާނެ." އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް ދުވަސް ދުވަހު 6 ވަރަކަށް މާބަނޑު މީހުން ވެސް ވިހެއުމަށް އަންނަ ކަމަށާއި މި ވަގުތު މި ތިބީ އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރުން ކަމަށެވެ. ސެޓްރޭޝަން ޕްރޯބެއް، ވެންޓިލޭޓަރއެއް ނުވަތަ ވައިޓަލް ސައިން މޮނިޓަރ ފަދަ އާލާތެއް ވެސް ނެތް ކަމަށާއި މީގެ އިތުރުން އެކަށީގެންވާ ވަރަށް ނަރުހުން ނެތުމުން ދެ ތަނުގައި ޑިއުޓީ ކުރުމުގައި ވަރަށް ބޮޑަށް ދަތިކަންހުރިކަން އަހުމަދު ފާހަގަކުރި އެވެ.
އަދި މި ހާލަތުގައި ވެސް މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށް އަހުމަދު ވަނީ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައި އެވެ.
އަދި ކުޅުދުއްފުށީގެ ޕޯޓް ލިމިޓެޑްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް މިފަދަ ތަނެއް ދޫކޮށްދީފައިވާތީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސަސް ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ތަނުގެ ސެކިއުރިޓީ ބެލުމުގައި ދެއްވާ އެއްބާރުލުމަށް އަދި އެހީތެރިކަމަށްކަން ފާހަގަކޮށް އޭނާ ވަނީ އެފަރާތްތަކަށްވެސް ޝުކުރުއަދާކުރައްވާފަ އެވެ.