twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދޫދިނުމަށް ޕްރެޝަރު ނުކުރައްވާ! ސިއްހީ މާހިރުންނަށް އެކަން ދޫކޮށްލައްވާ!

Oct 15, 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހިފައި ވަނީ ހަރުކަށި ފިޔަވަޅުތަކެކެވެ. ކުރިމަތިލާންޖެހިފައި ވަނީ، އާއްމު ދިރިއުޅުން އެފުށް މިފުށަށް ޖަހާލާ ފަދަ އުނދަގޫ ކަންތައްތަކަކާ އެވެ. އެކަމަކު، އެއީ ހާލަތު ނިޔާކުރި ގޮތުން ކަންކަން ކުރަންޖެހިފައިވާ ގޮތެވެ. އެ ނޫން، އެ އަށް ވުރެ ވަކި މޮޅު ގޮތެއް ނެތެވެ.

ގިނަ ގައުމުތަކުގައި އެޅި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކުރަން ފެށުމުގެ މާ ކުރިން، އެކަމުގެ ނަތީޖާއާ ބެހޭ ގޮތުން ސިއްހީ މާހިރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބުނެފައި ވަނީ، ލޮކްޑައުން ކުރުމުގެ ބޭނުމަކީ ޝިކާރަ ކުރާނެ އާ ބަޔަކު ހޯދުމުގެ ފުރުސަތު ކޮވިޑް-19 ބަލިޖައްސާ ވައިރަހަށް ނުދިނުން ކަމަށެވެ. ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީސްގެ ޗީފް އެގްޒެކެޓިވް ޑައިރެކްޓަރު މައިކަލް ޖޭ ރަޔަން އޭރު ވިދާޅުވެފައިވާ ގޮތުގައި، އާ ބައެއްގެ ގަޔަށް ވައިރަސް ނާރާނެހެން މަސައްކަތް ކުރުމުގެ ބޭނުމަކީ ވައިރަހުގެ ބާރު ދަށްކުރުމެވެ.

"އެކަން އެގޮތަށް ކުރުމުން އެކުރެވޭ ކަމަކީ ވައިރަސް ދެމިހުރުމުގެ ބާރަށް ފިއްތުންތައް ކުރިމަތިކުރުން،" އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

އެ ފިއްތުންތައް މާ އަވަހަށް ހުއްޓާލައިފި ނަމަ ވައިރަސް އަލުން ފެތުރި ގަތުމަކީ، ރަޔަން ވިދާޅުވެފައިވާ ގޮތުގައި، ގަބޫލުކުރަން ފަސޭހަ ކަމެކެވެ. މީގެ ހަތަރު، ފަސް މަސްދުވަސް ފަހުން ބަލި އެގޮތަށް އަނބުރާ އަތުވެއްޖެ ނަމަ ވާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ގިނަ ގައުމުތަކުގައި ކަންކަން ވެގެން ގޮސްފައި ވަނީ ވެސް އެގޮތަށެވެ. ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ވުމަށް ފަހު، އަލުން ފެތުރެން ފެށިއިރު ބައެއް ގައުމުތަކުގައި ފެތުރިގަތީ ކުރިއަށް ވުރެ ވެސް ބާރަށެވެ. ކުރިއަށް ވުރެ މާ ގިނަ އަދަދެއްގެ މީހުންނަށް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވައިރަސްގެ އަސަރު ކުރި އެވެ. މަރުވާ މީހުންގެ އަދަދު ވެސް ހިތާމަހުރި މިންވަރަކަށް އިތުރުވެގެން ދިޔަ އެވެ.

ރާއްޖޭގެ ތަޖުރިބާ އަކީ ވެސް މި އެވެ. މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް ކޮންޓްރޯލްވެ، އަދަދުތައް ދަށަށް ދާން ފެށުމުން، ޖުލައި މަހުގެ ފަހުކޮޅު ރާއްޖޭގައި ލުއިތައް ދޭން ފެށި އެވެ. އެއާ އެކު، އަހަރެމެންނަށް ހީވީ "އީދެއް އައިސްގެން" އުޅުނުހެންނެވެ. ގޭގައި "ބަންދުވެފައި" ތިބި ތިބުން ނިމުމަކަށް އައުމާ އެކު، އެންމެން އެކީ ބޭރުތެރެ އަށް ނުކުތެވެ. ގްރޫޕް ހަދާފައި ދަތުރު ދާން ފެށި އެވެ. ޕާޓީތަކާއި އެއްވުންތަކަށް ދައުވަތު އަންނަން ފެށި އެވެ.

ދުވަސްކޮޅެއް ނުވެ، އޭރު ދިން ކުޑަކުޑަ ލުއިގެ ނަތީޖާ ފެނުނީ ވަރަށް ހިތިކޮށެވެ!

އޭރު އެގޮތަށް ލުއިތައް ދިނުމުގައި އޮތީ ހަމައެކަނި ސިއްހީ މާހިރުންގެ ނިންމުންތައް ނޫން ކަމާއި އެ ކަމުގައި އެހެން ޕްރެޝަރުތަކެއް ހުރިކަން ފަހުން އެނގުނެވެ. ކޮވިޑާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިދިޔަ އޮގަސްޓް މަހު ބުނެފައިވާ ގޮތުގައި، ރާއްޖޭގައި ފުރަތަމަ ލުއި ދިންއިރު ލުއި ދެވުނީ ކުރިން ރާވާފައި އޮތް ވަރަށް ވުރެ ބޮޑަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ޓެގްގެ ލީޑަރު ޑރ. އަލީ އަބްދުﷲ ލަތީފު ވިދާޅުވެފައިވާ ގޮތުގައި، ޕްލޭން ކުރި ވަރަށް ވުރެ ބޮޑަށް ލުއި ދިނީ އާއްމުން ކުރަން ޖެހޭ ކަންތައްތައް ކުރަން ވީ ވަރަކުން ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ. އެހާ ބޮޑަށް ލުއި ދިނުމުން ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެ ކަމަށާއި އެކަމަކު އެ ވަރަށް ލުއި ނުދީފި ނަމަ އެ ކަމުގެ ޝަކުވާ ކުރާނެ ބަޔަކު ތިބޭނެކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ފުރަތަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު މަޑުމަޑުން ލުއިތައް ދޭ ގޮތަށް ފުރަތަމަ ކުރި ޕްލޭންގައި އޮތީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭ ގޮތަށް ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުމަށެވެ. އެކަމަކު، ލުއި ދިންއިރު އެއްފަހަރާ 30 މީހުންނަށް ވެސް އެއްތަންވުމުގެ ފުރުސަތު ދިނެވެ. އެއާ އެކު، ބައެއް މުޒާހަރާތައް ވެސް މާލޭގައި ކުރި އެވެ. އާއިލާގެ މީހުންނާއި ރަށްޓެހިން އެއްތަންވެ، އެކި ފާޑުފާޑުގެ އުފާ ފާޅުކުރުންތައް ވެސް ބާއްވަން ފެށި އެވެ. ކޮވިޑުގެ މަތިން އޭރު އަހަރެމެން ހަނދާނެއް ނެތެވެ!

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން އިނގޭތޯ އަޅުގަނޑުމެން ރިލީޒްކުރަމުން ދިޔައިރުގައި އަޅުގަނޑުމެން ފުރަތަމައިނުން ޕްލޭންކުރި ވަރަށް ވުރެ ބޮޑަށްކަން ރިލީޒްކޮށްފައި އޮތީ. މިހާރު އަޅުގަނޑު ވަރަށް ގިނައިން ދަންނަވާ އެއްޗެއް އިނގޭތޯ، ފިޔަވަޅު ބޮޑަށް އަޅައިފިއްޔާ ވެސް ކަމުނުދާނޭ، ފިޔަވަޅު މާ ދޫކޮށްލައިފިއްޔާ ވެސް ކަމުނުދާނޭ. ކޮވިޑް ތެރޭގައި އަޅުގަނޑުމެން އަދި ކޮންމެ ގޮތަކަށް ހެދިޔަސް އޭގައި ހިތްހަމަނުޖެހޭ ބޭފުޅުން އުޅުއްވާނެ އިނގޭތޯ،" ޑރ. އަލީ ލަތީފް ވިދާޅުވެފައިވެ އެވެ.

އެންމެ ފުރަތަމަ ލުއި ދޭން ފެށީ ހުރިހާ ގޮތަކުން ވެސް މުޖުތަމައު ވަރަށް ނާޒުކު ހާލަތެއްގައި އޮއްވަ އެވެ. މާލެ ފަދަ ޖާގައިގެ ގޮތުން ކުޑަ، އެތައް ބަޔަކު ކުދިކުދި އެޕާޓްމަންޓްތަކުގެ ތެރޭގައި އުޅޭ ސިޓީއެއްގައި، ލޮކްޑައުންވެގެން މީހުން ތިބޭތާ ގިނަ ދުވަސްތަކެއް ވުމުން އުފުލަން ޖެހުނު ތަކުލީފާ ހެދި ގިނަ ބަޔަކު ޝަކުވާކުރަމުން ދިޔައީ ލުއި ދޭލެއް ކުޑަވެގެންނެވެ.

އެކަމަކު، ދިން ލުޔާ އެކު "އާ އާއްމު ހާލަތެއް"ގައި އުޅެން އާއްމުން އޭރު އަދި ފަރިތައެއް ނޫނެވެ. "އާ އާއްމު ހާލަތެއް"ގައި ކަންކަން ކުރަންޖެހޭ ގޮތްތަކުގެ ތެރޭގައި ހިމެނޭ ގައިދުރުކަމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުކަންދީގެން އުޅުމުގެ ބަދަލުގައި، ގިނަ ބަޔަކު ދިޔައީ ކޮވިޑްގެ ކުރިން އުޅުނު ދިރިއުޅުމަށެވެ.

ދެން ކަންކަން ވެގެންދިޔަ ގޮތް އަހަރެމެންނަށް މިހާރު އެނގޭނެ އެވެ. ކޮވިޑުގެ ހާލަތު ނުކިއްސަރު އަތަށް އަޅައިގެން ގޮސް، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި އެހެން ގައުމުތަކަށް ވުރެ މާ ބާރަށް ބަލި ފެތުރެން ފެށި އެވެ. އެގޮތުން، ކޮންމެ ދުވަހަކުހެން 200 އަށް ވުރެ ގިނަ ކޭސް ފެންނަމުން ގޮސް އިސާހިތަކު މިވަނީ ކޮވިޑް ކޭސްތަކުގެ އަދަދު 10،000 ފަހަނަ އަޅައި ގޮސްފަ އެވެ. ރާއްޖެ ފަދަ ކުދި އާބާދީތަކާ އަޅާބަލާއިރު ވެސް މިއީ ނިސްބަތުން ވަރަށް މަތީ އަދަދެކެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ވެސް ރާއްޖެ އަކީ މިހާރު އާބާދީގެ ނިސްބަތުން ކޭސްތައް އެންމެ ގިނަ ގައުމެވެ. މިއީ ފަހުރުވެރިވާންވީ ކަމެއް ނޫނެވެ!

ސިއްހީ މާހިރުންނާއި ކަމާ ބެހޭ ތަޖުރިބާކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންޒާރު ދެމުން ދިޔަ ކޮވިޑުގެ ދެވަނަ ރާޅު ބިންދާލުމާ އެކު، އޭގެ ނަތީޖާ ފެނުނީ ވަރަށް ހިތި ކޮށެވެ. ސްކޫލްތައް އަނެއްކާ ވެސް އިތުރު ދުވަސްތަކަކަށް ބަންދުކުރަން ޖެހި، ޅަދަރިންގެ ކިޔެމުށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ހިސާބަށް ދިޔައީ އެވެ. ގެސްޓްހައުސްތައް ނުހުޅުވި ރަށްރަށުގެ އާއްމު ފަރުދުންގެ ޖީބު ހުސްވާ އަތަށް އެޅީ އެވެ. ކޮވިޑް ކޮންޓްރޯލްވުމާ އެކު ފަތުރުވެރިކަން ވެސް ރަނގަޅުވެ، ގިނަ ގައުމުތަކެއްގެ "ސޭފް ލިސްޓަށް" އަރާނެ ކަމަށް ކޮށްގެން ތިބި އުއްމީދު ދިޔައީ ފަނުފުލުންނެވެ. އެތެރޭގެ އިގްތިސާދުގެ ދުވެލި އިތުރަށް ވަޅުޖެހިގެން ދިޔައީ އެވެ.

ލުޔެއް ދެވޭނީ އަދި ދޮޅުމަސް ފަހުން ވާ ގޮތެއް ބަލާފައި

ހެލްތު މިނިސްޓްރީ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑުގެ އިތުރު ރާޅެއް ނައި ނަމަވެސް މިހާރު ދީފައިވާ ލުއިތަކުގެ އިތުރުން ލުޔެއް ދެވޭނީ އަދި ދޮޅުމަހެއްހާ ދުވަސް ފަހުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ލޮކްޑައުން ފިޔަވަޅު އުވާލިއިރު ރާއްޖޭގައި ކޮވިޑްގެ ރޭޓަކީ ކޮންމެ 100،000 މީހަކަށް 40 ކޭސް ކަމަށާއި މިހާރު އެ ނިސްބަތް ހުރީ 140 ގައި ކަމަށެވެ. އަސްލަމް ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ކޮވިޑް ފެތުރުމުގެ ހާލަތު ބަލާ އެއް އިންޑިކޭޓާ އަކީ ކޮންމެ 100،000 އަކަށް ޖެހޭ ކޭސްތަކުގެ އަދަދު ކަމަށެވެ.

"ރާއްޖެ އަށް ކޮވިޑުގެ ދެވަނަ ވޭވެއް އައުމަށް ފަހު މިހާރު މިދަނީ ދަށަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަސްލަމް އެހެން އެ ވިދާޅުވީ، ސިއްހީ މާހިރުން ދެއްވާ މައުލޫމާތުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އެއީ، ފިޔަވަޅުތަކަށް ލުއި ދިނުމަކީ ވަރަށް ޓެކްނިކަލް ކަމެކެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގެ ކެޕޭސިޓީ ހުރި މިންވަރާއި ވައިރަސްގެ އަސަރު ކުރާ މީހުން އައިސޮލޭޓް ކުރެވޭނެ ގޮތްތަކާއި ވަރުބަލިކަމެއް ނެތި ރެ އާއި ދުވާލު މަސައްކަތްކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ ހާލަތުގެ އިތުރަށް ވެސް އެތައް ކަމަކަށް ބަލަންޖެހެ އެވެ. އާއްމު ދިރިއުޅުމައިގެން އަހަރެމެން އުޅޭއިރު ހާލަތު ރަނގަޅުވެއްޖެ ކަމަށް ހީވިޔަސް، ސިއްހީ މާހިރުން އެކަމުގައި ބައްލަވާ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ.

އެހެންވެ، ކޭސްތައް މަދުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ލުއިދޭން ސިއްހީ މާހިރުންނަށް ޕްރެޝަރު ނުކޮށް، ސިޔާސީ ނިންމުންތަކަށް ބާރު ނޭޅުން ބުއްދިވެރި އެވެ. އަހަރެމެންނަށް އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ؛ އަމިއްލަ ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދީ، ބޭރަށް ދިއުން ވީހާ ވެސް މަދުކޮށް، އޮންނަ ގޮތަށް މާސްކް އަޅައި، ސައިބޯނި ލައިގެން ގިނަގިނަ އިން އަތްދޮވެ އަދި ބޭރުގައި އުޅޭއިރު ވެސް ގައިދުރުކަން ގެންގުޅުމެވެ. ލުއިދޭނެ އިރަކާއި ގޮތަކާ މެދު ގޮތެއް ނިންމުން، އެކަމުގެ ބޭފުޅުންނަށް ދޫކޮށްލާށެވެ!

ރާއްޖެ އާއްމު ހާލަތަކަށް ގެންގޮސް، ޓޫރިޒަމް ފަދަ އިގްތިސާދުގެ މައި ސިނާއަތްތައް އަލުން ދިރެން އޮތީ ދެމެހެއްޓެނިވި ގޮތަކަށް ބަލި ކޮންޓްރޯލް ކުރެވިގެންނެވެ. އެކަން ކުރެވޭނެ ގޮތްތައް އެނގޭނީ ކަމާ ބެހޭ މާހިރުންނަށެވެ!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355