ކޮވިޑް-19 އާ ހެދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ ބަޖެޓް ރިވައިސްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގާފަ އެވެ.
ގިނަ ޕްރޮގުރާމުތަކެއް ހިންގުމަށް ކައުންސިލްތަކަށް 2020 ވަނަ ވަނީ ބޮޑު ބަޖެޓެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން ކުޅުދުއްފުށީ ކައުންސިލަށް ވަނީ 42.9 މިލިއަން ރުފިޔާ ހަމަޖައްސައިދީފަ އެވެ. އެހެންވުމުން ގިނަ ކަންތައްތަކެއް ކުރުމަށް ބަޖެޓްގައި ހިމެނި އެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން ދައުލަތުގެ އާމުދަނީ ދަށްވުމުގެ ސަބަބުން ފިނޭންސް ވަނީ ކައުންސިލްތަކުގެ ބަޖެޓް ރިވައިސްކުރުމަށް އަންގާފަ އެވެ. އެގޮތުން ކުޅުދުއްފުށި ކައުންސިލްގެ ބަޖެޓް ވަނީ 21.2 މިލިއަން ރުފިޔާއަށް ކުޑަކޮށް އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ބަޖެޓް ފާސްކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ބަޖެޓް ތަންފީޒުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާ އެކަމަކު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކައުންސިލްގެ އާންމު އޮޕަރޭޝަންތައް މެދުކަނޑާލާފައި ހަތަރުމަހު އޮތް ކަމަށާ އެދުވަސްތަކުގައިވެސް މުވައްޒަފުން އަވަދިނެތި އުޅެން ޖެހުނީ ކޮވިޑްގެ ކަންތައްތަކުގައި ކަމަށެވެ.
ކައުންސިލްގެ އިންތިހާބު ނުބޭއްވި ދަންމާލުމާއެކު އިންތިގާލީ ކައުންސިލެއް އޮތުމުން، ލޯކަލް ގަވަރމެންޓް އޮތޯރިޓީ(އެލްޖީއޭ) ވަނީ ކައުންސިލްތަކަށް އެއްވެސް ޕްރޮޖެކްޓެއް ހިންގޭނީ ހުއްދަ ނަގައިގެން އަންގާފަ އެވެ.
ލަތީފް ވިދާޅުވީ، ރިވައިސް ބަޖެޓްވެސް ދެ މަސްތެރޭގައި ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ ޕްރޮޖެކްޓްތައް ހިންގުމަށް ގިނަ ހުއްދަތަކެއް އެލްޖީއޭ އާއި ފިނޭންސުން ނަގަން ޖެހުމާއި ކައުންސިލްގައި މުވައްޒަފުން އިންތިހާއަށް މަދުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، ކައުންސިލްގައި ބައެއް ސެކްޝަންތައް ނުވެސް ނެތް ކަމަށާއި ކުޅުދުއްފުށީ ކައުންސިލަކީ އެހެން ގިނަ ކައުންސިލްތަކުން ކުރަން ނުޖެހޭ ގިނަ ހިދުމަތްތަކެއް އިންތިހާ މަދު މުވައްޒަފުންނާއެކު ދެމުންގެންދާ ކައުންސިލެއް ކަމަށެވެ.
"މި ބަޖެޓް ތަންފީޒުކުރުމަށްޓަކާވެސް މިއޮތީ އެންމެ ދެ މަސް. އަޅުގަނޑުމެން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެހެންވީމަ މިކަންކަމާ ބަލާފައި އަޅުގަނޑުމެން އެބަޖެހޭ ބަޖެޓް ފާސްކުރުމަށްފަހުވެސް މި ބަޖެޓް ހާސިލުނުކުރެވި ހުރި ބައިތައް، އަންނަ އަހަރުގެ ބަޖެޓްގައި ހިފެހެއްޓޭނެ ގޮތަކަށް އެމްޕީންގެ އެހީތެރިކަމާއި ފިނޭންސްގެ އެހީތެރިކަން ހޯދަން. އެހެންވީމަ މިމަސައްކަތް ކުރުމާއެއްކޮށް އެނިޔަތުގައި އަޅުގަނޑުމެން މި ބަޖެޓް ފާސްކުރަން ޖެހޭނީ." ލަތީފް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމްވެސް ފާހަގަކުރެއްވީ، ބަޖެޓް ތަންފީޒުކުރުމުގައި ހުރި ދަތިތަކެކެވެ. އެގޮތުން ކޮވިޑްގެ ހާލަތާއި މުވައްޒަފުން މަދުވުމުން ކުރިމަތިވާ ދަތިތަކެކެވެ. އޭނާ ވިދާޅުވީ އެ ކައުންސިލްގައި ޕްރޮކިއުމެންޓް އޮފިސަރެއްވެސް ނުހުންނަ ކަމަށެވެ.
" 2020 ވަނަ އަހަރު ފެށިގެން ދިޔައީ ބޮޑު ބަޖެޓަކާއެކު އެހެންނަމަވެސް ދުނިޔެއަށް ދިމާވެގެން މިއުޅޭ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ސަރުކާރުން މިވަނީ ކައުންސިލްތަކަށް ދޭ ބަޖެޓް ރިވައިސްކޮށް ކުރިއަށްގެންދަން ނިންމާފަ. އަހަރުގެ ވަރަށް ފަހުކޮޅުގައި އަޅުގަނޑުމެންނަށް މިބަދަލުތަކާއެއްކޮށް ކުރިއަށްގެންދަން މިއެންގީ. އެހެންވުމުން މިކަން ތަންފީޒުކުރުމަށް ހުރި ވަރަށް ގިނަ ދަތިތައް އެބަހުރި." ހާޝިމް ވިދާޅުވި އެވެ.
ރިވައިސްކޮށް ފާސްކުރި ބަޖެޓަކީ 21.2 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ އެކި ހިސާބުތަކުގައި ބޭނުންކޮށްފަކަމަށް ހާޝިމް ވިދާޅުވި އެވެ.