twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ކައުންސިލްގެ އިޚްތިޞާޞް ކަނޑައެޅުން

Oct 15, 2020

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްއަކީ ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. މިގޮތުން އެއް ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރެއަށް ވަންނަ ސަރަޙައްދުގައި، އެހެން ފަރާތަކުން އެއްވެސް ކަމެއް ކުރެވޭނެތޯ ނުވަތަ އެ ކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ތަންތަނުގެ މައްޗަށް ބާރުފޯރުވުމުގެ ޙައްޤު ލިބިގެންވަނީ ކޮންފަރާތަކަށްތޯ، މިއީ ޤާނޫނީ ނަޒަރަކުން ބަލާލުން މުހިންމު ކަންކަމެވެ.

އިޚްތިޞާޞް ކަނޑައެޅުން

ވަކި ފަރާތަކަށް ތަނެއްގެ އިޚްތިޞާޞް ލިބުމުގެ މާނައަކީ، އެ ސަރަޙައްދެއްގެ ނުވަތަ އެތަނެއްގެ ހުރިހާކަމެއް ބެލެހެއްޓުމާއި، އެތަނެއް އެފަރާތެއްގެ ބެލުމުގެ ދަށަށް އައުމެވެ. އެހެންކަމުން، ކައުންސިލްގެ އިޚްތިޞާޞްކަމުގައި ސަރަޙައްދެއް އެކަށައެޅުމުގެ މާނައަކީ، އެސަރަޙައްދެއް ބެލެހެއްޓުމާއި، އެތަނަކުން ނަފާ ހޯދުމާއި، އެތަނެއްގެ އެންމެހާކަންކަން ބެލެހެއްޓުން އެކައުންސިލެއްގެ ބާރުގެ ދަށަށްއައުމެވެ.

މިގޮތުން އިދާރީ ދާއިރާތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޒިންމާ މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމުން، ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިޚްތިޞާޞްއަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީވެސް، ރައީސުލްޖުމްހޫރިއްޔާއަށެވެ.

އިޚްތިޞާޞް ކަނަޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނެ ކަންކަން

ކޮންމެ ރަށު ކައުންސިލްއެއްގެ އިޚްތިޞާޞްއަކީ، އެރަށާއި އެރަށުގެ އުރަފަށުން ފެށިގެން 700 މީޓަރެވެ. ރަށެއްގެ ފަޅުތެރޭގައި އެހެން ރަށްތަކެއް ނުވަތަ ރަށެއް އޮތްނަމަ އެރަށެއްގެ އިޚްތިޞާޞްއަކަށްވާނީ، އެންމެ ކައިރީގައި އޮތް ރަށާއި ދެމެދުގައިހުރި ދުރުމިނުގެ ދެބައިކުޅައެއްބައެވެ. މިސާލަކަށް، މީހުން ދިރިއުޅޭ ރަށެއްގެ ހުޅަނގުފަރާތުން 600 މީޓަރު ކައިރީގައި ފަޅުރަށެއް އޮވެއްޖެނަމަ، މީހުން ދިރިއުޅޭ އިޚްތިޞާޞްގެ ގޮތުގައި ލިބޭނީ އެރަށުގެ ހުޅަނގު ފަރާތުން 300 މީޓަރެވެ. ނަމަވެސް ހުޅަނގުފަރާތްނޫން، ރަށްވަށައިގެން ދެންއޮތް ހުރިހާ ދިމާލަކުން ހަމަ 700 މީޓަރު، އިޚްތިޞާޞްގެ ތެރޭގައި ހިމެނޭނެއެވެ.

މީހުންދިރިއުޅޭ 2 ރަށުގެދެމެދުގައި ހުރިދުރުމިން 1400 އަކަފޫޓަށްވުރެ ކުޑަނަމަ ރަށަށް ލިބޭ އިޚްތިޞާޞްއަކަށްވާނީ، ދެރަށުގެ ދެމެދުގައި އެސަރަޙައްދު ހަމަޔަށް ވާގޮތަށް ދެބައިކުރުމުން ބެހޭ ސަރަޙައްދެވެ. އެއްވެސް ރަށެއްގެ 700 އަކަފޫޓަށްވުރެ ކައިރީގައި ރިސޯޓެއް ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއް އޮތްކަމުގައިވާނަމަ، އެރަށެއްގެ އިޚްތިޞާޞްކަމުގައި ބެލެވޭނީ އެރިސޯޓެއް ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށުގެ އިޚްތިޞާޞް އުނިކުރުމަށްފަހު ދެންއޮންނަބައެކެވެ.

ރަށު ކައުންސިލްގެ އިޚްތިޞާޞްގެތެރޭގައި ފަޅުރަށެއް ހިމެނޭނީ، އެފަޅުރަށަކީ އެމީހުން ދިރިއުޅޭ ރަށުގެ އިޚްތިޞާޞްގެތެރެއަށް ވަންނަ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ފާސްކޮށްފިނަމައެވެ.

މިއާއިއެކު ސިޓީއެއް އުފެދިފައިވަނީ ބައިވަރު ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، އެސިޓީއެއްގެ އިޚްތިޞާޞްކަމުގައި ވެގެންދާނީ އެހުރިހާ ރަށެއްގެ އިޚްތިޞާޞް އެއްކޮށްލުމުން އުފެދޭ ސަރަޙައްދެވެ. މިސާލަކަށް، އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ލިބިގެންވަނީ ގިނަރަށްތަކެއް އެކުލެވިގެން ކަމުގައިވާތީ، އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އެސިޓީގައި ހިމެނޭ ހުރިހާ ރަށެއް ހިމެނޭނެއެވެ.

އިޚްތިޞާޞް ހިނގާ ސަރަޙައްދުގެ މިލްކުވެރިކަން

ކައުންސިލެއްގެ އިޚްތިޞާޞްގެތެރޭގައި ހިމެނޭ އެންމެހާ ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ އެކައުންސިލަކަށެވެ. ނަމަވެސް، އިޚްތިޞާޞް ކަނޑައެޅުމުގެކުރިން މިއިން އެއްވެސް ސަރަޙައްދެއްގެ ވަސީލަތެއް، ހަރުމުދަލެއް ނުވަތަ ބިނާއެއް ޢާންމު ރައްޔިތަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް ދޫކޮށްފައިވާނަމަ، އެތަނެއް އޮންނާނީ ހަމައެފަރާތުގެ މިލްކުވެރިކަމުގެ ތެރޭގައެވެ. އަދި އެއްވެސް ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ހުރިހާ ތަނެއްގެ މިލްކުވެރި ފަރާތަކީ ދައުލަތެވެ.

އިޚްތިޞާޞް ބޭނުންކުރުން

ވަކި ސަރަޙައްދެއް ކައުންސިލެއްގެ އިޚްތިޞާޞްގެގޮތުގައި ކަނޑައަޅާފައިވީނަމަވެސް، ޤާނޫނާއި ޚިލާފުނުވާ ގޮތުގެމަތިން އެތަން ބޭނުންކުރުމުގެ ޙައްޤު ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވެއެވެ. މިސާލަކަށް، ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނަކުން ނުވަތަ ގަވައިދަކުން އެރަށަކަށް އެރުން މަނާނުކުރާ ފަޅުރަށެއް، ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭނަމަވެސް، ޢާންމު ޙާލަތުގައި އެރަށަކަށް ދަތުރު ދިއުން ކައުންސިލަކަށް މަނައެއް ނުކުރެވޭނެއެވެ.

ނަމަވެސް، އެކައުންސިލެއްގެ އިޚްތިޞާޞް އެއްވެސް ފަރާތަކުން ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާނަމަ، އެކަމަށް ހުއްދަ ހޯދުމާއި އަދި އެކަމަކަށް ކައުންސިލުން ކުއްޔެއް ނެގުމަކީ، އެކައުންސިލަށް ކުރެވިދާނެ ކަމެކެވެ.

ނިންމުން

ރާއްޖެ ފަދަ ބިން ހިއްކުމުގެ މަޝްރޫޢުތައް ގިނަ ޖަޒީރާ ޤައުމަކަށް، ދެ ރަށެއްގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުޞޫލެއް އޮތުމަކީ ނުހަނު މުހިންމުކަމެކެވެ. އަދި މީގެއިތުރަށް ރަށު ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ އިޚްތިޞާޞް ކަނޑައެޅޭނެ އުޞޫލެއް އޮތުމުން، އިޚްތިޞާޞްތަކުގެ ފުށުއެރުމެއް ނެތި، ކައުންސިލުތަކަށް އެފަރާތްތަކުގެ ޒިންމާ އަދާކުރުމަށް މަގުފަހިވެގެންދެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355