ހދ ނައިވާދޫ ޒުވާނުން އެރަށުގެ އުތުރުކޮޅު ތުނޑި ސަރަހައްދުގައި ތަރައްގީކުރި ބީޗް އޭރިޔާ ހުޅުވައި ކައުންސިލާ ހަވާލުކޮށްފި އެވެ. "ރަސް ތުނޑި" ނަމުގައި ހުޅުވި މި ހިތްގައިމު ބީޗް ހުޅުވައިދެއްވީ ގައުމީ ދުވަހު ހަވީރު އެ ދުވަހުގެ މުނާސަބަތުގައި އެކަމަށްޓަކާ އެސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ ޝަރީފެވެ.
މި ތުނޑި ތަރައްގީކުރުމަށް އިސްކޮށް ހަރަކާތްތެރިވި ޒުވާނެއްކަމަށްވާ ފަރުހާން ކޭއޯއަށް ވާހަކަ ދައްކަމުން ބުނީ މިއީ ނައިވާދޫ ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ އުތުރު ކޮޅު ތުނޑި ސަރަހައްދުގައި ހެދި ޕިކްނިކް އޭރިޔާއެއް ކަމަށެވެ. އަދި މިއީ ރަށުގެ ރައްޔިތުން ދަތުރުދާންވެގެން ތައްޔާރުކޮއްލިތަނެއް ކަމަށްވެސް އޭނާ ބުންޏެވެ.
ފަރުހާން ބުނީ ތުނޑި ތަރައްގީ ކޮށްފައިވާނީ ޕިކްނިކް އޭރިއާއެއް ގޮތަށް ހަޓްތަކާއި ޖޯލިފަތި ތަކާއި ބާބަކިއު ގުރިލްއާއި ބަދިގެއާއެކުގައި ވަރަށް ހިތްގައިމު ގޮތަކަށް ކަމަށެވެ. އޭނާ ސިފަ ކުރިގޮތުގައި ޕިކްނިކް އައިލެންޑް އެއްފަދަ ހިތްގައިމުކަން މިތަނުން ލިބޭނެ އެވެ.
އަދި ތަނުގެ ސާފުތާހިރު ކަމަށް އިސްކަންދީ، ގިނަ ދުވަހަށް ތަނުގައި ހުރި ތަކެތި ދެމެހެއްޓޭނެ ގޮތަކަށް ވިސްނައި ހަރުކުރެވިފައިވާ ބޯޑުތަކުގައިވާ މެސެޖް ތަކަށް ބޯލެނބުމަކީ މިތަން ތަރައްގީކުރި ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެއްކަމަށް ފާހަގަކުރި އެވެ.
އަދި ރަށުން ބޭރުން އެރަށަށް ދަތުރުދާ ފަރާތްތަކަށްވެސް ކައުންސިލްގެ ހުއްދަ ނަގައިގެން އެސަރަހައްދު ބޭނުން ކުރެވޭނެކަމަށާއި ނަމަވެސް ރަށު މީހުންނަށް ހުއްދައެއް ނުނަގާވެސް މި ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށެވެ.
މިތަން ތަރައްގީކުރުމަށް އެ ރަށުގެ ކައުންސިލްގެ ވަރަށް ފުރިހަމަ އެއްބާރުލުމަކާ އެހީތެރިކަމެއް ލިބުނު ކަމަށާއި ރައްޔިތުންނާއި ރަށުގައި މި ވަގުތު އުޅެމުންނުދާ ރަށުގެ ޒުވާނުންގެ އެހީތެރިކަންވެސް ވަރަށް ފުރިހަމައަށް ލިބުނު ކަމަށް ފަރުހާން ފާހަގަ ކުރިއެވެ. އަދި ތަން ތައްޔާރުކުރި އަމިއްލަ ފަރާތެއްގެ ގެއިން ބޭނުން މިންވަރަކަށް ބޭނުންކުރަން ކަރަންޓް ހިލޭ ލިބުނުކަން ފާހަގަކޮށް އެފަރާތްތައްވެސް އޭނާ ޝުކުރުއަދާކުރި އެވެ.
ގާތްގަނޑަކަށް 3 ހަފްތާގެ މި މަސައްކަތަކީ ރަށުގެ ހުރިހާ ޒުވާނުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ހުޅުވި މި ތުނޑި ސަރަހައްދަށް އެ ރަށުގެ ކުދި ބޮޑު އެންމެން ގައުމީ ހެދުމުގައި ޖަމާވެ އެ ރަސްމިއްޔާތުގައިވަނީ ބައިވެރިވެފަ އެވެ.
ނައިވާދޫއަކީ ވަރަށް ރީތި ބީޗެއް އޮންނަ އަދި ގިނަ ބަޔަކު އަބަދުވެސް ދަތުރު ގޮސް އުޅޭ ރަށެކެވެ. މިފަދަ ހިތްގައިމު ތަނެއް އެސަރަހައްދުގައި ތަރައްގީވެގެން ދިއުމަކީ ދަތުރުގޮސްއުޅޭ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެކެވެ. ކުޅުދުއްފުށީ ރައްޔިތުން އެންމެން ގިނައިން ދަތުރުދާން އެ މަންޒިލަކީ ނައިވާދޫ އެވެ.