twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނީ ކޮލަމް: ޖިންސީ ގޮތުން ލިބޭ އަނިޔާގެ ގެއްލުމުގެ ބަދަލު ހޯދުމަކީ ލިބިގެންވާ ޙައްޤެއް!

Oct 22, 2020
1

ޖިންސީ ގޯނާއަކުން ލިބޭ އަނިޔާގެ ސަބަބުން އެކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެތައް ވޭނެއް އުފުލަންޖެހިދެއެވެ. ވަޒިފާއެއް އަދާނުކުރެވުމާއި، ކުރީގެ ދިރިއުޅުމަށް އަނބުރާ ރުޖޫޢަވުމަށް ހުރަސްތަކެއް ކުރިމަތިވުމަކީ، މީގެތެރެއިން މަދު ކަންތައްތަކެވެ. އެހެން ނަމަވެސް މިފަދަ ޙާލަތްތަކުގައި އެމީހަކަށް އެ އަނިޔާ ކުރި ފަރާތުގެ މައްޗަށް ދަޢުވާކޮށް، ގެއްލުމުގެ ބަދަލެއް ހޯދުމުގެ ފުރުސަތު ވަނީ ޤާނޫނުން ފަހިކޮށްދީފައެވެ.

ގެއްލުމުގެ ބަދަލު

ގެއްލުމުގެ ބަދަލަކީ މީހެއްގެ ޢަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން، އެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑަށް ނުވަތަ ނަފްސަށް ލިބޭ އަނިޔާ ފައިސާއިން އަގުކޮށް، އެ އަގަށް ކޯޓު މެދުވެރިކޮށް ނަގައިދޭ ފައިސާއެވެ. މިގޮތުގެމަތިން، ރޭޕް ނުވަތަ ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއް ކުރި ފަރާތުގެ މައްޗަށް އެކަމެއް ކުރިކަން ސާބިތުވުމުން، އެ އަނިޔާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އަނިޔާކުރި ފަރާތުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްޤު، އަނިޔާލިބުން ފަރާތަށް ލިބިގެންވެއެވެ. އެގޮތުން، އަނިޔާ ލިބުން ފަރާތަށް ލިބޭ ގެއްލުމަށް ޤާނޫނުގެ ދަށުން ނަގައިދެވޭނީ މައިގަނޑު ދެ ބާވަތުގެ ބަދަލެކެވެ. އެއީ އިޤްތިޞާދީ ބަދަލާއި ޣައިރު އިޤްތިޞާދީ ބަދަލެކެވެ.

އިޤްތިޞާދީ ބަދަލު

އިޤްތިޞާދީ ބަދަލަކީ، ރޭޕް ނުވަތަ ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއްގެ ޝިކާރައަށްވީ މީހާއަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ހޯދި ނުވަތަ ހޯދަމުންދާ ނުވަތަ ކުރިމަގުގައި ހޯދަންޖެހޭ ޞިއްޙީ ފަރުވާއަށްދާނެ ސީދާ ޙަރަދެވެ. މިސާލަކަށް، ލިބުނު ޖިންސީ އަނިޔާގެ ސަބަބުން އަނިޔާ ލިބުނު ފަރާތް ދިގު މުއްދަތަކަށް ޞިއްޙީ ފަރުވާ ހޯދުމަށް ޖެހޭކަމުގައިވާނަމަ، އެ މުއްދަތަށް އެ ހުރިހާ ފަރުވާއެއް ހޯދުމަށް އަރާނެ ޢަދަދު ބަދަލެއްގެ ގޮތުގައި ނަގައިދެވޭނެއެވެ.

ޣައިރު އިޤްތިޞާދީ ބަދަލު

ޣައިރު އިޤްތިޞާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ، ރޭޕް ނުވަތަ ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއްގެ ސަބަބުން ލިބޭ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އަނިޔާ ލިބުން ފަރާތުގެ ހަށިގަނޑަށް ލިބުނު ގެއްލުމުގެ ނުވަތަ އެފަރާތުގެ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ނުވަތަ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެވެ. ނުވަތަ އެފަދަ އަނިޔާއެއްގެ ސަބަބުން އެމީހެއްގެ ގުނަވަނެއް މަސައްކަތް ނުކުރުމުން ނުވަތަ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން، ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅެން ކުރިމަތިވާ ހުރަހުގެ ބަދަލެވެ.

ހަމައެހެންމެ، އަނިޔާގެ ފަހުން ދިރިއުޅުމުގައި އެއްވެސް ވޭނެއް ނުވަތަ ތަދެއް އިހްސާސްކުރަން ޖެހިފައިވާނަމަ، އެކަމުގެ ބަދަލާއި ލިބުނު އަނިޔާގެ ސަބަބުން ވަޒީފާއެއް ލިބުމަށް ހުރި ހުރަސްތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުވެސް، ޣައިރު އިޤްތިޞާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނެއެވެ. މީގެއިތުރުން، މައްސަލައިގައި ދަޢުވާކުރުމަށް ހިނގާފައިވާ ޚަރަދު ނަގައިދިނުމަށް އެދުމުގެ އިޚްތިޔާރުވެސް، އަނިޔާ ލިބުން ފަރާތަށް ލިބިގެންވެއެވެ.

ބަދަލުގެ މިންވަރު

ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ރޭޕް ނުވަތަ ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއްގެ ސަބަބުން ލިބޭ އަނިޔާއާއި ގުޅިގެން، އަނިޔާ ލިބުން ފަރާތަށް ނަގައިދޭނީ ކޮން ބާވަތެއްގެ ބަދަލެއް ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، ކަމާގުޅޭގޮތުން ކޯޓުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޓުންނެވެ.

އެގޮތުން، ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުރިހާ ކަންކަމަށް ނުވަތަ ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން، ބައެއްކަންކަމަށް ނުވަތަ ކުރިން ބަދަލު ނަގައިދީފައިވާ މައްސަލައެއްގައި ދިމާވެފައިވާ ޙާލަތާ އެއްގޮތް ޙާލަތެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ދިމާވި ޙާލަތުގައި ނަގައިދިން ބަދަލާ އެއްގޮތް ބަދަލެއް ނަގައިދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

ނިންމުން

ޖިންސީ އަނިޔާއެއް ކުރާ ފަރާތަށް ލިބިދޭންޖެހޭ އަދަބު ލިބުމުން އެކަން ނިންމާލުމުގެ ބަދަލުގައި، ޖިންސީ އަނިޔާއެއްގެ ޝިކާރައަކަށްވާ ފަރާތަށް ލިބިގެންދިޔަ ގެއްލުމުގެ ބަދަލު ހޯދުމަށް، އަނިޔާ ކުރި ފަރާތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު، އަނިޔާ ލިބޭ ފަރާތަށް ލިބިގެންވެއެވެ. އަދި ޤާނޫނުން ފަހިކޮށްދީފައިވާ މި ޙައްޤުގެ ބޭނުން ހިފުމަކީ މުހިންމު ކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355