twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގައި ރޯގާގެ އަލާމާތެއް ހުރިފަރާތެއްނަމަ ފުލޫ ކުލިނިކަށް ދެއްކުމަށް އެދިއްޖެ

ނަބީލާ އިސްމާޢީލް
Oct 25, 2020
1

ކުޅުދުއްފުށީގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރި މީހުން ލަސްނުކޮށް ރަށުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމްގެ ހިމެނޭ އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުހައްމަދު އަލީ ވިދާޅުވީ ކުޅުދުއްފުށިން ޕޮޒިޓިވްވި ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުން މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވީނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްވެސް ރައްޔިތަކު ފަރުވާކުޑަކޮށްގެން ނުވާނެކަމަށާއި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމުން ހުރިހާ ފަރާތްތަކަކުންވެސް މިކަމަށް އެއްބާރުލުންދިނުން މުހިއްމުކަމަށް ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ކޮވިޑް ޕޮޒިޓިވްވާ މީހުންގެ 85 އިންސައްތަ މީހުންގެ ކިބައިން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ އާދައިގެ ހުމާއި ރޯގާއިން ފެންނަ އަލާމާތްތަކަށްވީ ނަމަވެސް ކުޅުދުއްފުށީގައި ހުމާ ރޯގާގެ އަލާމާތްތައް އެއްވެސް މީހެއްގެ ކިބައިން ފެންނަން ހުރިނަމަ، އެމީހަކު ލަސްނުކޮށް ރަށުގެ ލޯކަލް މާރުކޭޓް އިމާރާތުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ހުމާ ރޯގާ ޖެހިފައިވާ މީހުންނާއި ނޭވާލާން އުނދަގޫވާ މީހުން ފޮތި މާސްކަށްވުރެން ސަރޖިކަލް މާސްކެއް ބޭނުންކުރުން ރަނގަޅު ކަމަށާއި އެހެން މީހުން މަގުމައްޗަށް ނުކުމެ އުޅޭއިރު ފޮތި މާސްކް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަކަށް، މިދުވަސްވަރު މަގުމައްޗަށް ނުކުމެނޫޅުމަށް ޑރ. މުހއްމަދު އަލީ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންޓެކްޓްވާ މީހުން މަދުކުރުމަށްޓަކައި ހުމާއި ރޯގާގެ އަލާމާތެއް ހުރި ފަރާތެއް ނަމަ ހޮސްޕިޓަލަށް ނުވަތަ ފުލޫ ކްލިނިކަށްދާން ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަށާއި އެންމެންގެ ރައްކާތެރިކަމަށް ސާފުތާހިރުކަމަށް އިސްކަން ދިނުން މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355