ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އިމްރާން ވަނީ ގާނޫނާ ހިލާފު ވެފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ދޮގު މައުލޫމާތު ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ދޮގު މައުލޫމާތު ދެއްވި ކަމަށް އިމްރާން އަމިއްލަ އަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ގެއްލުވާލި އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، އޭގެ އެއް ދުވަސް ފަހުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އިމްރާން ބައިވެރިވެވަޑައިގެން، މަޖިލީހުގައި ދެއްކެވީ ދޮގު ވާހަކަ ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އެކި ފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން، އޭނާ ދެއްކެވި ވާހަކައަށް މާފަށް އެދިވަޑައިގެން ވިދާޅުވީ އެ ވާހަކައިގެ މާނަ އޮޅިވަޑައިގަތީ މީޑިއާ އިން ރިޕޯޓުކުރި ގޮތުން ކަމަށެވެ.
މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން 10 މެންބަރެއްގެ ސޮއި ބޭނުންވި ނަމަވެސް، އިމްރާންގެ މައްސަލަ ހުށަހަޅާފައިވަނީ 11 މެންބަރުން ސޮޔާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މި މައްސަލާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އިތުރުން، އެހެން ޕާޓީތަކާއި މިނިވަން މެންބަރުން ވެސް ތާއީދު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިޔާމް އިތުރަށް ވިދާޅުވި އެވެ.